ފުރަތަމަ ތިން މަސް: ޑޮލަރު އާމްދަނީން 10 ޕަސެންޓް އިތުރުވުމެއް

މި އަހަރު ޓެކުހުގެ ބައިން ޑޮލަރު އެންމެ ގިނައިން ރާއްޖެ ވަދެފައި ވަނީ ޓޫރިޒަމް ޓެކުހުންނެވެ. އަދި ޓެކްސް ނޫން ބައިތަކުން އެންމެ ގިނައިން ޑޮލަރުގެ އާމްދަނީ ލިބުނީ ޓޫރިޒަމް ބިމު ކުލިންނެވެ.
ޓޫރިސްޓުން އިތުރުވާ ނިސްބަތުން ރާއްޖޭގެ އާމްދަނީ މަތި ނުވުމަކީ މިހާރު އިންޑަސްޓްރީގެ ޝަކުވާއެކެވެ؛ މި ބަދަލު ސިނާއަތުން ފެނުނަސް ދައުލަތުގެ އާމްދަނީ ދަނީ ބޮޑުތަނުން އިތުރު ވަމުންނެވެ. މި އަހަރުގެ ފުރަތަމަ ކްއާޓަރު - ފުރަތަމަ ތިން މަހުގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އިގްތިސޯދުގެ މައި އިންޖީނު ކަމަށްވާ ޓޫރިޒަމުން ވަންނަ ޑޮލަރުގެ އާމްދަނީ ވަނީ ގާތްގަނޑަކަށް 10 ޕަސެންޓުގެ އިތުރުވުމެއް އައިސްފަ އެވެ. 
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބުނީ 289 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 324 މިލިއަން ޑޮލަރަށް އިތުރުވެ ގާތްގަނޑަކަށް 10 ޕަސެންޓުގެ އިތުރުވުމެއް ލިބިފަ އެވެ. 
ޑޮލަރުގެ އާމްދަނީ އިތުރުވިއިރު ޓޫރިޒަމް ޓެކްސް (ޓީޖީއެސްޓީ) ވެސް ވަނީ އިތުރު ވުމެއް ލިބިފަ އެވެ. އަދި މި މިއަހަރު ޓެކުހުގެ އާމްދަނީ ގޮތުގައި ޑޮލަރުން 270 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނީ 243 މިލިއަން ޑޮލަރެވެ. 
ޓެކްސް ނޫން ދާއިރާތަކުން މި އަހަރުގެ މިހާތަނަށް 53 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައި ވެއެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 45 މިލިއަން ޑޮލަރުގެ އާމްދަނީ އެކެވެ. 
ޓެކުހުން ޑޮލަރުގެ އާމްދަނީ އިތުރު ވިއިރު މި އަހަރުގެ ޖެނުއަރީ މަހު ޓޫރިޒަމް ސިނާއަތަށް އާމްދަނީގެ ގޮތުގައި 500 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ޓޫރިޒަމްގެ އާމްދަނީ މަތިވި ނަމަވެސް އެންމެ ގިނައިން ޓޫރިޒަމަށް އާމްދަނީ ވައްދާ ރިސޯޓުތަކުގެ އާމްދަނީ ދަށްވެފައިވާ ކަމަށް ޓޫރިޒަމް އޯނަރުންގެ ޖަމިއްޔާ މަޓީން އެންމެ ފަހުން ނެރުނު ރިޕޯޓްގައި ބުނެފައިވެ އެވެ. އެ ރިޕޯޓުގައިވާ ގޮތުން  މިދިޔަ އަހަރު ޓޫރިޒަމް އާމްދަނީގެ ގޮތުގައި ރިސޯޓުތަކަށް ލިބިފައިވަނީ 3.9 ބިލިއަން ޑޮލަރެވެ. އެކަމަކު 2022 ވަނަ އަހަރު މި އަދަދު އުޅެނީ 4.4 ބިލިއަން ޑޮލަރުގަ އެވެ. މިއީ މުޅި ޓޫރިޒަމް އާމްދަނީގެ 82 ޕަސެންޓުގެ ހިއްސާއެކެވެ. މި މުއްދަތުގައި ރިސޯޓުތަކަށް ލިބުނު އާމްދަނީން 500 މިލިއަން ޑޮލަރު އުނިވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 698,893 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަަދަދަކީ މިދިޔަ އަހަރު އައިސްފައިވާ 611,581 ޓޫރިސްޓުންނާ އަޅާބަލާއިރު 14 ޕަސެންޓުގެ އިތުރުވުމެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ