ތިބާ އެމީހަކާ ކައިވެނިކުރަން އުޅެނިކޮށް ތިބާގެ ކުށެއް ނެތި އެމީހަކު ތިބާއާ ވަކިވުމަކީ އުފާކޮށް ޙަމްދުކޮށް އަދި ރޯން ބާލީހަށް މޫނު ނުކޮށްޕައި ޝުކުރުގެ ސަޖިދަކުރަން ޖެހޭ ކަމެއް!

އަބަދުވެސް ބުނާ ފަދައިން ކައިވެނި ކުރުމުގެ ކުރިން ލޯބިވެގެން އުޅުމަކީ ގެއްލުން ހުރި ކަމެކެވެ. ފާފަކުރެވެން މެދުވެރިވާ ސަބަބެކެވެ. ގިނަ ބައަކަށް ފާފަކުރެވޭވެސް ސަބަބެކެވެ. 
ކޮންމެއަކަސް ﷲ ތަޢާލާއަށް އިޚްލާޞްތެރި ތަޤްވާވެރިންވެސް (ފާފަނުކުރިނަމަވެސް) ލޯބިވެރިން ޙޯދައެވެ. އެމީހުންނާއި ކައިވެނިކުރަން މަސައްކަތް ކުރެއެވެ. އެމަސައްކަތުގައި އުޅެނިކޮށް ކޮންމެވެސް ސަބަބެއް މެދުވެރިވެ އޭނާ ގެއްލިގެންދެއެވެ. ނުވަތަ ޢޭނާއާއި ވަކިޥާންޖެހެއެވެ. 
އެހިނދު ހިތުގައި ސުވާލު އުފެދޭނެއެވެ. "އަހުރެން އޭނާދެކެ މިހައިބޮޑަށް ލޯބިވާއިރު، އޭނާ ލިބުން އެދި މިހައިގިނައިން ދުޢާކުރަނިކޮށް މިވީ ކިހިނަކުން ހެއްޔެވެ؟ އަހުރެން ކުރި ދުޢާތައް ޢިޖާބަ ނުކުރެއްވެވީ ހެއްޔެވެ؟" 
ބުނަންހެއްޔެވެ؟ އެވީގޮތަކީ ތިބާކުރި ދުޢާ ޢިޖާބަކުރެއްވެވީއެވެ. އޭނާގެ ނުބައިކަމުން ތިބާއަށް ފިލާވަޅުތަކެއް ދެއްވެވީއެވެ. އޭނާ ތިބާ ދެކެ ލޯބިނުވާކަން އަންގަވައި ދެއްވެވީއެވެ. އޭނާ ތިބާދެކެ ލޯބިވާނަމަ ތިބާ ދޫކޮށްލައި ދުރަށްދާންވީ ކީއްވެގެން ހެއްޔެވެ؟ 
ބުނަންހެއްޔެވެ؟ ޔަޤީންކުރާށެވެ! ތިބާ އެމީހަކާއި ކައިވެނިކުރަން މަސައްކަތްކުރަނިކޮށް ތިބާގެ ކުށެއް ނެތި އެމީހަކު ތިބާއާއި ވަކިވެއްޖެނަމަ އެއީ އެކަމަށް އުފާކޮށް ޙަމްދުކުރަންޖެހޭނެ ކަމެކެވެ. ރޯން ބާލީސްތެރެއަށް މޫނުކޮށްޕައިލުމުގެ ބަދަލުގައި ޝުކުރުގެ ސަޖިދަކުރަން ޖެހޭ ކަމެކެވެ. 
ޔަޤީންކުރާށެވެ! ތިބާ ހުރީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެގެންނަމަ ތިބާ އެސަލާމަތްކުރެއްވެވީ އޭނާ އާއި ކައިވެނިކުރެވުނުނަމަ ތިބާއަށް ކުރިމަތިވާނެ މުޞީބާތްތަކުންނެވެ. އަދި ބަދަލުގައި ތިބާއަށް އުފާވެރިކަން ހޯދައިދޭނެ ބައިވެރިއަކު ﷲ ތަޢާލާ ދައްކަވާނެތެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ