ބައި އިލެކްޝަންތަކުން ޕީއެންސީއަށް ބޮޑު ކާމިޔާބެއް
މިއަދު ބޭއްވި ބައި-އިލެކްޝަންތަކުން ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކުރި ހޯދައިފި އެވެ.އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީ އަށް 8 ގޮނޑި ލިބުނުއިރު އިދިކޮޅު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ ދެ ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރި ދެ މީހަކު ވެސް އިންތިހާބު ކާމިޔާބުކުރި އެވެ.ޕީއެންސީން ކާމިޔާބުކުރީ ނ. ލަންދޫ ކައުންސިލުގެ އަންހެން މެމްބަރުގެ ގޮނޑި އާއި ހދ. ހިރިމަރަދު އާއި ބ. ގޮއިދު އާއި ބ. ފެހެންދު އާއި ރ. އިންނަމާދު އާއި ލ. ގަމާއި ގއ. ކަނޑުހުޅުދޫ އާއި ތ. ބުރުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި އެވެ.ނ. މިލަދު އާއި އދ. ހަންޏާމީދޫގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީންނެވެ. އަމިއްލަ ގޮތުން ވާދަކުރި ދެ މެމްބަރުން ހޮވުނީ ހދ. މަކުނުދު އާއި ދ. ހުޅުދެލިންނެވެ.ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މިއަދު ބޭއްވި ބައި އިލެކްޝަންތަކުން އެ ޕާޓީން 8 ރަށެއްގެ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި އާއި އެއް ކައުންސިލް ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށެވެ.މި އިންތިހާބުތަކުގެ ނަތީޖާއިން ދައްކުވައިދެނީ ރައްޔިތުންގެ ތާއީދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮތް މިންވަރު ކަމަށް ޝުޖާއު ވިދާޅުވި އެވެ.އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މިއަދު ބޭއްވި އިންތިހާބުތަކުގައި 6،275 މީހުން ވޯޓުލި އެވެ. އެއީ ޝަރުތު ހަމަވާ މީހުންގެ 55.4 ޕަސެންޓެވެ.މިއަދުގެ އިންތިޚާބުގައި އެންމެ ގިނަ މީހުން ވޯޓުލާފައިވަނީ ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައެވެ. އެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ.މި އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ ނެރޭނެކަމަށް އީސީން ވަނީ ބުނެފައެވެ.ކައުންސިލްތަކުގެ ބައި-އިލެކްޝަން ބޭއްވޭނީ އަހަރަކު ދެ ފަހަރު ކަމަށް ގާނޫނަށް އިސްލާހު ގެނައުމަށްފަހު، އެ އިސްލާހުގެ ދަށުން، މިއަދު ބޭއްވި ބައި-އިލެކްޝަންތަކަކީ މި އަހަރުގެ ފުރަތަމަ ބައި-އިލެކްޝަންތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ