އާފިޔާގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފި

ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް، އޭނާ މަރާލިކަމުގެ ތުހުމަތު ކުރެވޭ އޭނާގެ މަންމަ އާފިޔާ މުހައްމަދު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އެންމެ ފަހުން ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ހައި ކޯޓުން މިއަދު ތާއީދުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އާފިޔާ 15 ދުވަހަށް ބަންދުގައި ބަހައްޓަން މިމަހުގެ 10 ވަނަ ދުވަހު ނެރުނު އަމުރަށެވެ.
އެ އަމުރު އާފިޔާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައިވަނީ އެ އަމުރު ބާތިލްކުރަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އާފިޔާގެ ބަންދަށް ކުރިން ކޮންމެ ފަހަރަކު 10 ދުވަސް ދެމުން އައުމަށް ފަހު އެންމެ ފަހުން ނެރުނު އަމުރުގައި 15 ދުވަސް އިތުރުކޮށްދިން ނަމަވެސް އެއީ ބަންދާ މެދު ގޮތެއް ނިންމުމުގައި އަމަލުކުރާ ގަވާއިދުގެ ބޭރުން ދަށު ކޯޓުގެ ފަނޑިޔާރު ނިންމެވި ނިންމެވުމެއް ކަން އާފިޔާގެ ފަރާތުން ދެއްކިފައިނުވާ ކަމަށެވެ.
އާފިޔާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާ ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމަށް ދަށު ކޯޓުގެ ބަންދު މުއްދަތު މަޖިލީހުގައި އާފިޔާގެ ފަރާތުން ވަކާލާތު ކުރުމުގެ ފުރުސަތު ނެތް މައްސަލަ އާފިޔާގެ ފަރާތުން ފާހަގަކުރި ނަމަވެސް ހައި ކޯޓުގެ ހުކުމުގައިވަނީ ޝަމީމް ފިޔަވައި އާފިޔާގެ ދެވަނަ ވަކީލެއް ހުރި ކަމަށާއި އޭނާއަށް އާފިޔާގެ ފަރާތުން ވާހަކަ ދެއްކުމުގެ އެ ފުރުސަތު އޮތުމުން އާފިޔާއަށް ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ގެއްލުނު ކަމަށް ނުބެލެވޭ ކަމަށެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
އާފިޔާގެ ބަންދަށް ހައި ކޯޓުން މިއަދު ތާއީދު ކުރިއިރު އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އޭނާގެ މައްޗަށް ކުއްޖަކު މަރާލުމުގެ ދައުވާއަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެއް ކުރެއެވެ.
އާފިޔާގެ ބަންދުގައި ކުރަން އެންމެ ފަހުން ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކުރި ނަމަވެސް އޭނާ ބަންދުގައި ބަހައްޓަން ކުރިން ނެރުނު އަމުރެއްގެ މައްސަލަ ހައި ކޯޓަށް ހުށަހެޅިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ވެސް އެ މައްސަލަ މިހާތަނަކަށް ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ