ޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާ ކުރުމަށް ހިދުމަތް ޖަމިއްޔާއިން ނިންމައިފިއެވެ.
ފަރީދު އަވަހާރަވީ ހިދުމަތް ޖަމިއްޔާއިން ދިން ދައުވަތަކަށް މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް މިދިޔަ ހޯމަ ދުވަހު ވަޑައިގަންނަވަނިކޮށް އެ ގައުމުގެ އެއާޕޯޓުގައެވެ. ފްލައިޓުން ފޭބިތަނާ ފަރީދު ވެއްޓި ވަޑައިގަތުމަށް ފަހު ނޭވާލާން އުނދަގޫވެގެން އުޅުއްވުމުން ވަނީ އަވަސް ފަރުވާ ދީފައެވެ. ނަމަވެސް ފަރީދު އަވަހާރަވީ އޭގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ހިދުމަތް ޖަމިއްޔާ އަކީ ދަރުސް ދެއްވުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމުގެ ޕްރޮގްރާމްތައް ހިންގަމުގައި ފަރީދު ހިދުމަތް ކުރެއްވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ވަނީ ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާ ކުރަން ފައިސާ ހޯދުމަށް އިއްްޔެ އިއުލާން ކޮށްފައެވެ. އެފަދައިން އިއުލާން ކުރިތާ 24 ގަޑިއިރު ނުވަނީން މިސްކިތް އެޅުމަށް ބޭނުންވާ ހަތް ލައްކަ ރުފިޔާ ވަނީ ހަމަވެފައެވެ.
އެއަށްފަހު އެ ޖަމިއްޔާއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ގިނަ ފަރާތްތަކުން އަދިވެސް އެ ފަންޑަށް ފައިސާ ޖަމާކުރަމުންދާ ކަމަށެވެ. އެހެންކަމުން ބަންގްލަދޭޝްގައި މިސްކިތް ބިނާކުރުމަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ފައިސާ ލިބެމުންދާނީ ރާއްޖޭގައި ވެސް މިސްކިތެއް ބިނާ ކުރަން ނިންމާފައިވާ ކަމަށެވެ.
ހިދުމަތް މިސްކިތު ފަންޑު އެކައުންޓު ނަންބަރު: 7770000141496
"އަޅުގަނޑުމެންގެ ޕާޓްނަރު އެންޖީއޯތަކުންނާއި ދިވެހިންގެ ގިނަ ބަޔަކު އަދިވެސް މިކަމުގައި ބައިވެރިވުމަށް އެދެމުންދާތީ ޝެއިހްގެ ހަދާނީ މިސްކިތެއް ދިވެހިރާއްޖޭގައި ވެސް ބިނާކުރުމަށް ވަނީ ނިންމާފައި. ވީމާ މިކަމަށް ހޭދަކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލެިފައިވާ ވާހަކަ ދަންނަވަން." ހިދުމަތް ޖަމިއްޔާއިން ކުރި ޕޯސްޓުގައި ވެއެވެ.
ފަރީދު އަވަހާރަވުމުން އޭނާގެ ޖަނާޒާއަށް ރާއްޖެއަށް ހަޑިގަނޑު ގެންނަ ނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭނެތީ، އާއިލާ އިން ވަނީ ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން ނިންމާފައެވެ. އެ ގޮތުން މިއަދު މެންދުރު ނަމާދަށް ފަހު ފަރީދުގެ ހަށިގަނޑު ވަޅުލުމަށް ފަހު ވަނީ ޖަނާޒާ ބާއްވާފައެވެ. ނަމަވެސް ރާއްޖޭގައި އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު ފަރީދުގެ މައްޗަށް ޢައިބަށް ކަށުނަމާދު ކުރަން ވަނީ ހަމަޖައްސާފައެެވެ.
ޝެއިހް ފަރީދު އަވަހާރަވި އިރު އުމުރަކީ 53 އަހަރެވެ. ފަރީދު އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ގިނަ ބަޔަކު އަންނަނީ ފަރީދުގެ އާއިލާއަށް ތައުޒިޔާ ކިޔައި، ސޯޝަލް މިޑިއާގައި ޕޯސްޓްތައް ހިއްސާކުރަމުންނެވެ.
ގިނަ ބައެއްގެ އެދުމާއެކު ޝެއިހް ފަރީދުގެ ހަދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ