ކޮމިޝަނަށް ސުވާލު ނުކުރެވޭނެ ފަރާތެއް ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ. ބޭރު ޤައުމުން އެހީ ހޯދަންވިއަސް އެކަން ކުރެވޭނެ: ރައީސް

މިމަހުގެ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮތް މައްސަލައާ ގުޅިގެން އުފައްދަވާފައިވާ ކޮމިޝަނަށް ސުވާލު ނުކުރެވޭނެ ފަރާތެއް އަދި ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ ކަމަށާއި، ބޭރު ޤައުމުތަކުގެ އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި އެފަދަ އެހީތެރިކަން ހޯދުމުގެ ބާރުވެސް ކޮމިޝަނަށް ލިބިގެންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މި ކޮމިޝަނަކީ ޤާނޫނުގައި އޮންނަ ގޮތުގެ މަތިން ވަރަށް ގިނަ ބޮޑެތި ބާރުތަކެއް ދީގެން އުފައްދަވާފައިވާ ކޮމިޝަނެއް ކަމަށެވެ.
"ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ. ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ. ބޭރު ޤައުމުން އެހީ ހޯދަންވިއަސް އެކަން ކުރުމުގެ ބާރު ދީފައި ކޮމިޝަން އުފެއްދީ. ބޮޑެތި ބާރުތަކާ އޮތޯރިޓީއާއެކު ކޮމިޝަން އުފެއްދީ. ކޮމިޝަންގެ މަސައްކަތްތަކާއެކު މައްސަލައިގެ ހޯދުންތައް ލިބޭނެ،" ރައީސް ވިދާޅުވިއެވެ.
ކޮމިޝަން އުފެއްދެވި ނަމަވެސް، މި މައްސަލައިގައި ފުލުހުން ކުރިއަށްގެންދާ ތަޙުޤީޤުތައް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވަނީ ދެފުށް ފެންނަ، ޒިންމާދާރު ނިޒާމެއްގެ ތެރެއިން މައްސަލަ ބެއްލެވުމަށް ބޭނުންފުޅުވާތީ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި ރައްޔިތުންނާއި ޒުވާނުން ކުރަމުންދާ ކޮންމެ ސުވާލަކީ ޖަވާބު ލިބެންޖެހޭނެ ސުވާލުތަކެއް ކަމަށާއި، އެންމެ މުހިންމީ ޤައުމުގައި އިންސާފާއި އަދާލަތު ޤާއިމުކުރުން ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ