ސޮރީ ވާނީ ހަނދާން ނުފިލާނެ ޒަޚަމަކަށް: ނަހުލާ
މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "ސޮރީ"އަކީ ހަމައެކި ފިލްމެއް ނޫން ކަމަށާއި ފިލްމަކީ ދާއިމަށް ލިބޭނެ ޒަޚަމެއް ގޮތުގައި ނަހުލާ ސިފަކޮށްފިއެވެ. ނަހުލާގެ އަސަރުގަދަ ސޮރީ ދައްކަން ކައިރިވާ ވަރަކަށް ބެލުންތެރިންގެ ކެތްތެރިކަން އަންނަނީ ކޮޅުންލަމުންނެވެ. ފިލްމާ ގުޅޭ ތަފާތު މައުލޫމާތުތައް އަންނަނީ ފިލްމު ނެރުން ކައިރިވާވަރަކަށް އާންމުކުރަމުންނެވެ. އޮލިމްޕަހުގައި ނަހުލާގެ ފިލްމެއް ނުފެންނަތާ ގިނަ އަހަރުތަކެއް ވެފައިވާއިރު ސޮރީ އަކީ ބްރޭކަކަށް ފަހު ނަހުލާ ނެރޭ ފުރަތަމަ ފިލްމެވެ. ނަހުލާގެ އެހެން އަސަރުގަދަ ފިލްމުތަކަށްވުރެ މި ފިލްމު އިތުރަށް އަސަރުގަދަވާނެ ކަމަށް އޭނާ އިޝާރާތްކޮށްފައިވެއެވެ. 'ސަން'އާ ވާހަކަދައްކަމުން ނަހުލާ ބުނެފައިވަނީ މި ފިލްމަކީ އަސަރުގަދަ ފިލްމަކަށްވުމުގެ އިތުރުން މިއީ މުޅި ގައުމަށް ވެސް ބޮޑު އިބުރަތަކަށް ވާނެ ފިލްމެއް ކަމަށެވެ. މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއުގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި މާމަ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހު ވެސް ފެންނާނެއެވެ. ނަހުލާގެ ސޮރީ އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ 17ގައެވެ. މިހާރު ފިލްމުގެ މައިގަނޑު މަސައްކަތްތައް ވަނީ ގާތްގަނޑަކަށް ނިމިފައެވެ. ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ