ސްޓޫޑަންޓު ލޯނާ ގުޅޭ ކަންބޮޑުވުންތަކާއެކު އަޒާންގެ ސުވާލު ހައިދަރަށް ސްޓޫޑަންޓު ލޯނާ ގުޅޭ ކަންބޮޑުވުންތަކާއެކު އަޒާންގެ ސުވާލު ހައިދަރަށް

ސަރުކާރުގެ ސްޓޫޑެންޓް ލޯނުގެ ދަށުން އެކި ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ އެކި ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން އެ ދަރިވަރުންނާއި ބެލެނިވެރިން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު އާ ސުވާލުކޮށްފި އެވެ.
ރައްޔިތުންގެ މަޖަލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައިދަރު އާ ސުވާލުކުރެއްވީ ރިވަރުންނަށް ދިމާވާ ބައެއް ގޮންޖެހުންތަކާއި ގުޅޭގޮތުން ދަރިވަރުން ހިއްސާކޮށްފައިވާ ޝަކުވާތަކާއި ގުޅިގެން ކަމަށެވެ.
ލިޔުމުން ޖަވާބު ހޯދަން އެދި މަޖިލީހުގެ މެންބަރެއްގެ ގޮތުން އަޒާން ކޮށްފައިވަނީ ޖުމްލަ ދެ ސުވާލެވެ.
އެގޮތުން އޭނާ ފުރަތަމަ ސުވާލުކުރެއްވީ މިކަމާ ގުޅިގެން ދަރިވަރުން ފޮނުވާ ސިޓީތަކަށް ޖަވާބުދިނުން ލަސްވާ ސަބަބާއި އެކަން ހައްލުކުރަން ކުރެވިފައިވާ މަސައްކަތްތައް ހޯދުމަށެވެ. ދެވަނަ ސުވާލުގައި އެދިފައިވަނީ ދަރިވަރުންނަށް ސްޓައިޕެންޑް ފައިސާ ޖަމާވުން ލަސްވާ ސަބަބު ހޯދުމަށެވެ.
ދަރިވަރުންގެ ލޯނާ ގުޅޭ އެތައް ޝަކުވާއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓުކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތިތައް ބަޔާންކޮށް ސަރުކާރަށް ހުށަހެޅި ޕެޓިޝަނަށް އެއްވެސް ޖަވާބެއް ނުދޭތީ އެ ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިވަގުތު ބާސެލޯނާގައި 50 އެއްހާ ދަރިވަރުން ކިޔަމުންދާއިރު އެ މީހުން ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅީ ވިސާގެ ކަންކަމުގައި ދިމާވެފައިވާ ދަތިތަކާއި މާލީ ގޮންޖެހުންތައް ފާހަގަ ކުރުމަށްފަހެވެ.
ފެބްރުއަރީ 22، ގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަށް ރައްދުކޮށް ހުށަހެޅި މި ޕެޓިޝަނުގައި ބާސެލޯނާގައި ތިބި ގިނަ ދަރިވަރުން ސޮއިކޮށްފައިވެ އެވެ. ނަމަވެސް، ޕެޓިޝަން ހުށަހެޅިތާ ތިން ހަފުތާ ވެފައިވާއިރު މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ދަރިވަރުން ބުނެ އެވެ.
މި ހަބަރު ގެނެސްދިނުމާއެކު އެހެން ގައުމުތަކުގައި ތަފާތު ދާއިރާތަކުން ކިޔަވަމުންދާ ދަރިވަރުން ދަނީ ދިމާވެފައިވާ ގޮންޖެހުންތައް ހާމަކުރަމުންނެވެ. މިކަމާ ގުޅިގެން ސިޔާސީންނާއި އާންމުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ