ޔާމީން ފުރުން މަނާކޮށް ކޯޓުން އަމުރެއް ނެރެފި

މަނީ ލޯންޑުރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލް ކުރުމާ އެކު ފުލުހުން އެދިގެން އެމަނިކުފާނު ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން މިއަދު ނެރެދީފި އެވެ.
ބުނީ ކީކޭ؟ - ފުލުހުން މިއަދު ބުނީ:
އެ މަނިކުފާނު ފުރުން މަނާކުރުމުގެ އަމުރަކަށް އެދުނީ ކޯޓުގައި ހުރި މައްސަލަތަކަކާ ގުޅިގެން ކަމަށް
ކޯޓުން އަމުރު ދިނީ ހަތް ދުވަހުގެ މުއްދަތަށް އެމަނިކުފާނު ފުރުން މަނާކޮށް
އެނގުން މުހިންމު - މިހާރު ވެސް ކުރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ދެ މައްސަލައެއްގައި ދައުވާ އުފުލާފައިވެ އެވެ. އެއީ ރ. ފުއްގިރި އާއި ވ. އާރަށު ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާތަކެއް އެމަނިކުފާނަށް ލިބިފައިވާ ކަމަށް ތުހުމަތުކޮށް އުފުލާފައިވާ މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އޭގެ އަސްލު އޮޅުވާލި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލް ކުރި ސަބަބުތަކަކީ:
މައްސަލަ ސާބިތުކުރަން ހުށަހެޅި ހެކިތަކާ މެދު ބޮޑެތި ޝައްކުތަކެއް އުފެދިގެން
ކުށް ސާބިތުކުރުމުގައި ބަލާފައިވާ މިންގަނޑު ގޯސްކޮށް ހުރުމުން
ވޮޑަމުލާގެ ފައިސާ ޔާމީންގެ އެކައުންޓަށް ވަދެފައިވާކަން ޔަގީނެއް ނުކުރެވޭ
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުުމުގައި ބުނި ގޮތުގައި މަނީ ލޯންޑުރިންގެ ކުށް ޔާމީންގެ މައްޗަށް ސާބިތު ނުވިޔަސް އެމަނިކުފާނުގެ އެކައުންޓަށް ވަތް އެއް މިލިއަން ޑޮލަރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެހެންވެ، އެ ފައިސާތަކުގެ ހަގީގަތް ބަލައި އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމުގައި ވާ ނަމަ އެ ފައިސާ އާއި އެ ފައިސާ ބޭނުންކޮށްގެން ފައިދާއެއް ހޯދާފައިވާ ނަމަ އެ ފައިދާއެއް ދައުލަތަށް އަނބުރާ ހޯދުމުގެ ހައްގު އޮންނާނެ ކަމަށް ކޯޓުގައި ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ