ޖޭޕީގެ ލީޑަރު ކަމަށް، ހަތަރުވަނަ ދައުރަކަށް ގާސިމް އިންތިޚާބުވެއްޖެ
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް އާ ދައުރަކަށް، ކުރިން ވެސް އެ ޕާޓީގެ ލީޑަރު ކަމުގައި ހުންނެވި ގާސިމް އިބްރާހިމް އިންތިޚާބުވި ކަން ރަސްމީކޮށް އެ ޕާޓީން އިއުލާނު ކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމަކީ ފާއިތުވި 15 އަހަރު ވެސް އެ ޕާޓީގެ ލީޑަރުކަން ކުރެއްވި ބޭފުޅާއެވެ. އިތުރު ބޭފުޅަކު ލީޑަރު ކަމަށް ކުރިމަތިލާފައިނުވާތީ އެ މަގާމަށް، އާ ދައުރަކަށް އޭނާ އިންތިޚާބުވިކަން އިއުލާނު ކޮށްފައިވަނީ މިއަދު ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސްގައެވެ. ގާސިމްގެ އިތުރުން ވެސް، އެހެން މީހަކު ކުރިމަތިނުލާތީ ޒުވާނުންގެ ލީގުގެ ރައީސް ކަމަށް އަބްދުﷲ ޔާމީން، ޒުވާނުންގެ ލީގުގެ ނައިބު ރައީސް ކަމަށް ޝުއައިބު ޝިފާޒު ޝަރީފް އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީ ކަމަށް އައިޝަތު ޝޫޒާ އަހުމަދު ވަނީ އިންތިޚާބުވެފައެވެ. އެ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިންތިޚާބު ކޮށްފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރުމާ މެދު ވެސް މިއަދު ގޮތެއް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ. އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ތިން ރިޔާސީ އިންތިޚާބުގެ ތެރެއިން ދެ އިންތިޚާބުގައި އެ ޕާޓީގެ ލީޑަރު ގާސިމް ވަނީ ވާދަކުރައްވައިފައެވެ. މި ގޮތުން، 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާއަށް ލިބުނީ ވޯޓު ލީ މީހުންގެ 15 އިންސައްތައެވެ. 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާއަށް ލިބުނީ 24 އިންސައްތަ ވޯޓެވެ. ދެ އިންތިޚާބުގައި ވެސް ދެވަނަ ބުރަކަށް ދާން ބޭނުންވާ މިންވަރަށް ވޯޓު ލިބިފައެއް ނުވެއެވެ. މިހާތަނަށް އޭނާ ވާދަނުކުރެއްވީ މިދިޔަ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައެވެ. އެ އިންތިޚާބުގައި އޭނާއަށް ވާދަނުކުރެއްވުނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ. އެހެންވެ، އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ޖޭޕީން ވަނީ ކޯލިޝަނެއް ހަދައި، އެމްޑީޕީއަށް ތާއީދުކޮށްފައެވެ. މި އަހަރުގެ އިންތިޚާބުގައި އެ ޕާޓީން ވާދަކުރުމާ މެދު މިއަދު ގޮތެއް ނިންމާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ