އެކުގަ ދިރިއުޅެން ބޭނުން ނުވާ އަންތބަކު އަޅުވެތިކޮށް ގަދަކަމުން ނުހިފަހައްޓާށެވެ! ދީނުގަ އަޅުވެތިކުރުމެއް ނެތެވެ!: މުފްތީ މެންކް

ﷲ ތަޢާލާ ވަޙީކުރައްވަވާފައި ވަނީ މިފަދައިންނެވެ.
"ތިއަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ ޢިއްދަ ހަމަވާން ގާތްވެއްޖެނަމަ، ހެޔޮ ގޮތުގައި ތިއަބައިމީހުން އެކަނބަލުން (ރުޖޫޢަކޮށް) ހިފަހައްޓާށެވެ! ނުވަތަ، ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ! އަދި، ގެއްލުން ދިނުމުގެ ގޮތުން އަނިޔާވެރިވުމަށްޓަކައި އެކަނބަލުން ނުހިފަހައްޓާށެވެ! އަދި، އެކަން އެގޮތަށް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފްސަށް އަނިޔާކޮށްފިކަން ކަށަވަރެވެ! އަދި ﷲ ގެ އާޔަތްތައް އެއީ ފުރައްސާރައެއް ކަމުގައި ތިއަބައިމީހުން ނުހަދާށެވެ! އަދ، ތިއަބައިމީހުންނަށް ﷲ ދެއްވެވި ނިޢްމަތާއި އަދި ފޮތާއި، ޙިކުމަތުގެ ތެރެއިން ތިއަބައިމީހުންނަށް ބާވައިލެއްވެވި ތަކެތި، ތިއަބައިމީހުން ހަނދުމަކުރާށެވެ! އެކަލާނގެ އެއިން ތިއަބައިމީހުންނަށް މަޞީޙަތް ވަޙީކުރައްވަވައެވެ. އަދި ތިއަބައިމީހުން، ﷲ އަށް ތަޤްވާވެރިވާށެވެ! އަދި ހަމަކަށަވަރުން، ﷲ ަީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިއަބައިމީހުން ދަންނާށެވެ! (އަލްބަޤަރާ: 131)
މިއާޔަތުން ފުރަތަމަވެސް އެނގިގެންދަނީ ވަރިވެ ދެތަންވުމުގެ ހުރި ނުބައިކަމެވެ. ދެން އެނގިގެންދަނީ އަނިޔާވެރި ގޮތުގައި ހިފެހެއްޓުމުގެ ހުރި ނުބައިކަމެވެ. އެކަމަށް ރުހިވޮޑިނުގަންނަވާކަމެވެ. އަދި އެއީ ޢަޛާބް ލިބިގަތުމެއް ކަމެވެ. " އަދި، ގެއްލުން ދިނުމުގެ ގޮތުން އަނިޔާވެރިވުމަށްޓަކައި އެކަނބަލުން ނުހިފަހައްޓާށެވެ! އަދި، އެކަން އެގޮތަށް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފްސަށް އަނިޔާކޮށްފިކަން ކަށަވަރެވެ!.." އޮތް ބަސްފުޅުން މިކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
މިކަމުގައި މައިންބަފައިންވެސް ވިސްނައިލަންޖެހޭނެ ކަމެއް އެބައޮތެވެ! އެއީ ދަރިންގެ ކައިވެންޏަށް ހުރަސް އަޅައިގެން ނުވާނެކަމެވެ. އިސްލާމް ދީނުގައި ހުރަސް އެޅުން ހުއްދަވެގެންވާ ސަބަބަކަށްޓަކައި މެނުވީއެވެ.
ދަރިފުޅު ވަރިކޮށްފައިވީނަމަވެސް ދެމީހުން އަލުން ޞުލްޙަވެ އެކުގައި ދިރިއުޅެން ބޭނުންވެއްޖެނަމަ އެކަމަށް ހުރަސްނާޅާށެވެ! ހުރަސް އަޅާ ސަބަބަކީ ކުރިން ވަރިކުރުން ކަމަށް ނުހަދާށެވެ! އެހެނީ ފުރަތަމަ ކައިވެނި ރޫޅެން ދިމާވުމަކީ ދެވަނަ ކައިވެނިވެސް ރޫޅެން ޖެހޭނެ ސަބަބެއ ނޫނެވެ. ދެވަނަ ކައިވެނިކުރުމަށްފަހު ކުރިް ކުރިމަތިވި ައްސަލަތައް ޙައްލުކޮށްގެން މާ އުފަލުގައި ދިރިއުޅެ ޙަޔާތް ނިންމައިލާ ދެމަފިރިން މަދެއް ނޫނެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲ ތަޢާލާ ލޯބިވެވޮޑިގެންވަނީ ދެމަފިރިން ގުޅިގެން އެކުގައި ލޯބިން ދިރިއުޅުމަށެވެ. ނަމަވެސް އެކުގައި ދިރިއުޅެވެން ނެތްކަން ޔަޤީންކުރެވޭނަމަ އެންމެ ރަނގަޅު ގޮތަކީ ވަރިކުރުމެވެ. އެޙާލަތުގައި ވަރިނުކޮށް ހިފެހެއްޓުމަކީ ﷲ ތަޢާލާގެ އަޅަކު އަޅުވެތިކުރުމެވެ. ﷲ ތަޢާލާގެ އަޅަކު އަލުވެތިކުރުމުގެ ޙައްޤު އެއްވެސް އަޅަކަށް ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ