ފިލައިގެން އުޅުނު ފައިހުގެ ބަންދަށް 30 ދުވަސް

ގްރޫޕް ހަދައިގެން މާރަމާރީ ހިންގުމަށް ފަހު މަހެއް ވަންދެން ފިލައިގެން އުޅެފައި އަމިއްލައަށް ފުލުހާ ހަވާލުވި އިބްރާހިމް ފައިހް ނިޒާމްގެ ބަންދަށް 30 ދުވަސް ދީފި އެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ސ. މަރަދޫފޭދޫ، ރަށްދެބައިގެ ފައިހް، 25، ހޯދަން އިއުލާނުކުރީ މިދިޔަ މަހުގެ 15 ގަ އެވެ. ނަމަވެސް، އޭނާ ހޯދަން އޮޕަރޭޝަނެއް ހިންގި ފަހުން ރޭ ވަނީ އަމިއްލައަށް ފުލުހަށް ހާޒިރުވެފަ އެވެ. އެހެންވެ، އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފައިހްގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ފައިހް ފޮރުވައިގެން ގެންގުޅުމުގެ ތުހުމަތު، ގްރޫޕެއްގެ އިސް ބަޔަކަށް ވެސް ކުރެ އެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ފަސް މީހަކު ހައްޔަރު ކޮށްފަ އެވެ. އޭގެތެރެއިން ތިން މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައިވާ އިރު ދެ މީހަކު ވަނީ ދޫކޮށްލައިފަ އެވެ.
ފައިހް ހޯދަން އިއުލާންކުރީ މިދިޔަ ޖެނުއަރީ، 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ