އާ ހެއްކެއް ދައްކައިފިނަމަ ސުޕްރީމް ކޯޓުގެ އިރުޝާދުގެ ދަށުން ނާޒިމްގެ މައްސަލަ ތަހުގީގު ކުރާނަން: އުމަރު
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލައިގައި އާ ހެއްކެއް ދައްކައިފިނަމަ ސުޕްރީމް ކޯޓުގެ އިރުޝާދުގެ ދަށުން އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު މިއަދު ސަން އަށް ވިދާޅުވީ، ފުލުހުންގެ ތަހުގީގަށް އެނގިފައިނުވާ އާ ހެއްކެއް ކާނަލް ނާޒިމްގެ ފަރާތުން ދައްކައިފިނަމަ އެކަމުގެ މައްޗަށް ރިއާޔަތްކޮށް، ސުޕްރީމް ކޯޓުގެ އިރުޝާދުގެ ދަށުން އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ. ހޯމް މިނިސްޓަރު ވިދާޅުވީ، ކާނަލް ނާޒިމްގެ މައްސަލައިގައި ސަރުކާރުގެ ބޮލުގައި ބަދުނާމު އެޅިފައި އޮންނަން އޭނާ ބޭނުންނުވާ ކަމަށެވެ. ކާނަލް ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެފައި ވަނީ ނާޒިމްގެ އެޕާޓަމަންޓުން ފެނުނު ފިސްތޯލަ އަކީ އެގެއަށް ވެއްދި އެއްޗެއްކަން މިހާރު ޔަގީން ކުރެވިފައިވާ ކަމަށެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެކަމުގެ ހެއްކާއެކު ކަމަށް ވެސް ސުއޫދު ވަނީ ވިދާޅުވެފަ އެވެ. ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެކަމަކީ ތަހުގީގު ކުރަންޖެހޭ ވަރުގެ ކަމެއްނަމަ ފުލުހުން އިސްވެ ތަހުގީގު ކުރާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. ނާޒިމް ދިރިއުޅުއްވި ގ. އެނިފްގެ އެޕާޓްމަންޓުން ފިސްތޯލަ އަކާއި ތިން ވަޒަން ފެނުނު ކަމަށް ފުލުހުން ހެކިބަސް ދިނުމާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ނާޒިމްގެ މައްޗަށް އެ ދައުވާ އުފުލީ ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި ބުނެފައިވާގޮތުން އެމީހެއްގެ އަތުން ނުވަތަ އެމީހެއްގެ ކޮންޓްރޯލްގެ ދަށުގައި ހުރި ތަނަކުން، އެ ގާނޫނުގައި ގެންގުޅުން ނުވަތަ ރާއްޖެ އެތެރެކުރުން މަނާކަމަށް ކަނޑައަޅާފައިވާ އެއްޗެއް ފެނިއްޖެ ހާލަތެއްގައި، އެ އެއްޗެއް އެމީހަކަށް ލިބުނީ ނުވަތަ އެމީހެއްގެ ބެލުމުގެ ދަށުގައި ހުރިތަނަކަށް އެ އެއްޗެއް ވަނީ ކިހިނެއްކަން އެމީހަކަށް ސާބިތުކޮށްނުދެވޭނަމަ، ބަލަންޖެހޭނީ އެއީ އެމީހަކު ގެންގުޅުނު ނުވަތަ ރާއްޖެ އެތެރެކުރި އެއްޗެއް ކަމުގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ