މެމްބަރު ހަލީމް، ރައީސާއެކު ހުންނަވާނެ ކަމުގެ ޔަގީކަން ދެއްވައިފި

ސަރުކާރަށް އެއްބާރުލުން ދެއްވުމުގައި ދެމި ހުންނެވުމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) އަރިހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަތުމުން އެކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެއްވައިފި އެވެ.
ރައީސް މިކަމަށް އެދިވަޑައިގެންނެވީ ހަލީމް މެންބަރުކަން ކުރައްވާ ދާއިރާގައި ހިމެނޭ ފ. މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހު ކުރަން އެ ރަށުގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކަށް މެންބަރު ހަލީމްގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ފާހަގަ ކުރައްވާފަ އެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް އެ ގޮތުގައި ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަތެވެ. ރައީސް ވަނީ މަގޫދޫ އޮތީ އެގޮތުގައި ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެކުގައި ކުރިއަށް ވަޑައިގަންނަވާނަމަ ދާއިރާއަށް ތަރައްގީ ލިބުން ފަސޭހަވާނެ ކަމަށެވެ.
"އަޅުގަނޑު އެދެނީ ކުރިއަށް މި އޮތްތަނުގައި ވެސް މި ރަށުގެ ރައްޔިތުންނާއި އެއް ވިސްނުމެއްގައި އިއްޒަތްތެރި މެންބަރު [އަހްމަދު ހަލީމް] ވަޑައިގެންނެވުމަށް. އެ އެއްބާރުލުން ދެއްވާ ކުރިއަށް ވަޑައިގަތީމަ ދާއިރާއަށް ލިބޭ ތަރައްގީ މާބޮޑު ތަނުން ފަސޭހަ ވެގެންދާނެ،"
ޖަލްސާގައި ވާހަކަދައްކަމުން ހަލީމް ވިދާޅުވީ ކުރިން ވެސް ސަރުކާރަށް ދެމުންދިޔަ އެއްބާރުލުން ކުރިއަށް އޮތް ތަނުގައި ވެސް އެ މިންވަރަށް ނޫނީ އެއަށް ވުރެ މާ ބޮޑު މިންވަރަކަށް ލިބިގެންދާނެ ކަމަށެވެ.
އޭނާ އަކީ އަބަދުވެސް ދާއިރާގެ ރައްޔިތުން ވިސްނާ ގޮތާއި ރައްޔިތުންގެ ވިންދާއި ރޫހާއި އެއްގޮތަށް މަސައްކަތް ކުރާ މީހެއް ކަމަށާއި އޭނާ އަކީ ވަކި ފަރާތެއްގެ ނުފޫޒަކަށް ލެނބިގެން ހުރި މީހެއް ނޫން ކަމަށް ހަލީމް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ދޮންބިލެތް އަހުމަދު. އަޅުގަނޑުގެ މާސްކު ނެގީމަ ވެސް ހުންނާނީ ހަމަ ދޮންބިލެތް އަހުމަދު. އަޅުގަނޑަކީ ވަކި ފަރާތެއްގެ ނުފޫޒަކަށް ލެނބިގެން ބިރަކަށް ދާނެ މީހެއް ނޫން."
ހަލީމް ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ވިންދާއި ރޫހު މިހާރު ހުރީ މިހާރުގެ ސަރުކާރާއެކު ކަމަށާއި ރައްޔިތުން ތިބީ ތަރައްގީއާއެކު ކުރިއަށްދާން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ