ގާނޫނުއަސާސީއާއި ގާނޫނުނާއި ހިލާފަށް އެއްވެސް ގަވައިދެއް ނުހެދޭނެކަމަށާއި، އެގޮތަށް ކުރާ އަމުރަކަށް ތަބާވާކަށްވެސް ނުޖެހޭނެކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ފޮނުވާލެވޭ ގޮތަށް މިހާރު ހަދާފައި އޮތް ގަވައިދު އިސްލާހު ކުރަން ގޮވާލައި މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
މިމައްސަލައަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ، ހަސަން ލަތީފް ހުށައެޅުއްވި މައްސަލައަށް ވަރަށް ފުރިހަމައަށް ތާއީދުކުރައްވާކަމަށެވެ. އަދި ވިދާޅުވީ، ގާނޫނުއަސާސީއާއި ގާނޫނުނާއި ހިލާފަށް އެއްވެސް ގަވައިދެއް ނުހެދޭނެކަމަށާއި، ގާނޫނާއި ހިލާފަށް ގަވައިދެއް ނުހެދޭ ތަނުގައި، އެގޮތަށް ކުރާ އަމުރަކަށްވެސް ގަބާވާކަށް ނުޖެހޭނެކަމަށެވެ.
އެހެންކަމުން މި މައްސަލައިގެ ބޮޑުކަން ވަރަށް ސާފުކޮށް އެނގޭކަމަށާއި، ކޮންމެވެސް ދިމާލަކުން ކޮންމެވެސް ބަޔަކު އުޅެނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައިގެންކަން ނުވަތަ ގާނޫނުތަކުގެވެސް ބާރު ކަނޑުވާލައިގެންކަން އެނގޭކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭކަމަށެވެ.
މެންބަރު ހަސަން ކުއްލި މައްސަލައެއް ހުށައަޅާފައި މިވަނީ މިމަހުގެ 6ވަނަ ދުވަހު ވައިގެ މަގުން ޤަތަރުގެ ދޯހާއިން ރާއްޖެއައި ބްރެޒިލްގެ 23 އަހަރުގެ އަންހެނެއްގެ ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު އޭނާ ހައްޔަރުނުކޮށް ދޫކޮށްލުމުން ގިނަ ޢަދަދެއްގެ ސިޔާސީ ފަރާތްތަކާއި އާއްމުންގެ ފާޑުކިޔުންތައް ކަމާބެހޭ ޢިދާރާތަކަށް ޢަމާޒުވެފައިވަނިކޮށެވެ.
މިކަމާއި ގުޅިގެން ކަސްޓަމްސްއިން ބުނީ އޭނާ ރާއްޖެ އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައިވަނީ "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ޙާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދާ"އި އެއްގޮތްވާގޮތުގެ މަތިން، ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއިއެކުގައި ކަމަށެވެ.
މެންބަރު ހަސަން ހުށައެޅުއްވި ކުއްލި މައްސަލައިގައިވަނީ އެމްޑީޕީގެ މައިގަނޑު ސިޔާސަތަކީ "މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުން" ކަމަށެވެ. 2008، 2013 އަދި 2018ވަނަ އަހަރުވެސް އެ ޕާޓީގެ މެނިފެސްޓޯގައި ސާފުކޮށް ބަޔާންކުރާކަމަކީވެސް ޒުވާން ޖީލު މަސްތުވާތަކެތިން ސަލާމަތްކުރުން ކަމަށް ހަސަން ހުށައެޅުއްވި ކުއްލި މައްސަލައިގައިވެއެވެ.
އެހެންނަމަވެސް ބްރެޒިލް އަންހެން މީހާގެ މައްސަލައިގައި ކަސްޓަމްސްއިން ޢަމަލުކޮށްފައިވާގޮތުން ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ފުރުސަތު ހުޅުވާލެވި، ބިރެއްނެތި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ފުރުސަތު ފަހިކޮށްދީ، ރައްޔިތުން ނުރައްކަލުގެ ތެރެއަށް ވައްޓާލެވިފައިވާކަން ހަސަން ފާހަގަކުރެއްވިއެވެ.
ގާނޫނާ ހިލާފަށް ކުރާ އަމުރަކަށް ތަބާވާކަށް ނުޖެހޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ