އުދައްޔުގެ މަރު: 18 އަހަރު ނުވާ ކުއްޖާ 25 އަހަރަށް ބަންދު ކުރަން ހުކުމްކޮށްފި

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާލިބޭ 18 އަހަރުން ދަށުގެ ކުއްޖާ 25 އަހަރަށް ބަންދު ކުރަން ހުކުމްކޮށްފިއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ، މާމެންދޫގައި ހިންގި މާރާމާރީއެއްގައި މަރާލި އުދައްޔުގެ މައްސަލައިގައި 4 މީހަކަށް ވަނީ ދައުވާ ކޮށްފައެވެ. އެއީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއްގެ އިތުރުން ގއ. މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް، ގއ. މާމެންދޫ/ ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ގއ. މާމެންދޫ ގުލްފާމުގެ، މުހައްމަދު މާޒިންއެވެ.
މިމައްސަލައިގައި، އުމުރުން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓަށް ހުށަހެޅި ދައުވާތައް ސާބިތުވާކަމަށް 14 ސެޕްޓެންބަރު ގައި ކަނޑައެޅުމަށްފަހު، މިއަދު ކުއްޖާގެ މައްޗަށް އަދަބު ކަނޑައަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
‎މިގޮތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާ ގުޅިގެން 18އަހަރާއި 9 މަހަަށް ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރުމަށާއި، މަރުގެ ދިޔައިގެ ގޮތުގައި މިއަދުން ފެށިގެން 1 އަހަރުތެރޭގައި 1 މިލިއަން ދިވެހި ރުފިޔާ ނިޔާވި ކުއްޖާގެ ވާރިސުންނަށް ދިނުމަށާއި، ކައްފާރާގެ ގޮތުގައި ވިދިވިދިގެން 02 މަސް ދުވަހު ރޯދަހިފުމަށް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއާ ގުޅިގެން 6 އަހަރާއި 8 މަސްދުވަހަށް ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި ބަންދުކުރުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.
މިއާއެކު ޖުމްލަ 25 އަހަރާއި 5 މަސްދުވަހަށް އެކުއްޖާ ބަންދުކުރުމަށް މިއަދު ވަނީ ހުކުމްކޮށްފައެވެ.
‎މި މައްސަލައިގައި އަޙްމަދު ޝަމީމްއާއި، ޝަރަފު ރަޝީދާއި، މުޙައްމަދު މާޒިންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެއެވެ. މި ތިން މީހުންގެ ބައި އޮތީ ހެކިބަސް ނެގުމުގެ މަރުހަލާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ