ނިލަންދޫގެ ތަރައްގީގެ މަސައްކަތްތަކަށް އެހީވާން ގާސިމް ނިންމަވައިފި

ފ. ނިލަންދޫގައި ހިންގާ ތަރައްގީގެ ބައެއް މަޝްރޫއު ތަކަށް އެހީތެރިވެދެއްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނިންމަވައިފިއެވެ. ގާސިމް، މި ނިންމުން ނިންމަވާފައިވަނީ ނިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއެކު އިއްޔެ އދ. މާމިގިލީގައި ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. މާމިގިލީގައި އިއްޔެ ބޭއްވި މި ބައްދަލު ކުރެއްވުމުގައި ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ގާސިމް ވަނީ ނިލަންދޫގެ އަންހެނުންގެ ތަރައްގީއަށް މިހާރު ކުރެވެމުންދާ މަސައްކަތާއި ރަށުގައި ހިނގަމުން އަންނަ އެކިއެކި ތަރައްގީގެ މަސައްކަތްތައް އޮޅުންފިލުއްވާފައެވެ. ނިލަންދޫގައި ހިންގާ ތަރައްގީގެ ބައެއް މަޝްރޫއު ތަކަށް އެހީތެރިވެދެއްވަން ގާސިމް ނިންމެވިއިރު، މީގެ ތެރޭގައި ރަށުގެ މޫދަށް އެރޭ ސަރަހައްދު ތަރައްގީ ކޮށްދެއްވުމަށް އެހީތެރިވުމާއި ވޮލީކޯޓެއް ތަރައްގީ ކޮށްދެއްވުމުގެ އިތުރުން އެފަދަ ބައެއް މަސައްކަތްތައް ހިމެނެއެވެ. ގާސިމް އަކީ ނިލަންދޫގެ ތަރައްގީއާ ގުޅޭ މަސައްކަތްތަކުގައި މީގެކުރިން ވެސް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ބޭފުޅެކަން ފާހަގަކުރައްވައި ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ވަނީ ގާސިމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ވެސް ދީފައިވެއެވެ. ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިސްވެހުންނަވައި ޖޭޕީގެ ބައެއް އިސް ފަރާތްތަކާއެކު ވަނީ މިދިޔަ އަހަރު ފަހުކޮޅު ފ. ނިލަންދޫއަށް ވަޑައިގެން ޖޭޕީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއް ވެސް ހިންގަވާފައެވެ. ނަހުލާ އަކީ ނިލަންދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެ ދަތުރުފުޅުގައި އެކަމަނާއާއި ޖޭޕީގެ ޓީމުންވަނީ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ރަށުގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ