އާ ދުވަހު ނޫހަކާއި ވެބްސައިޓަކާ އެކު "ހަވީރު"ގެ ކުރީގެ ޓީމު އެނބުރި އަންނަނީ!

މިލްކުވެރިކަމުގެ މައްސަލައިގައި ހުއްޓާލާފައިވާ ރާއްޖޭގެ ހަމައެކަނި ދުވަހު ނޫސް "ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުން ގުޅިގެން އުފައްދާ އާ ދުވަހު ނޫހާއި ވެބްސައިޓު މާދަމާ ރޭ ލޯންޗު ކުރުމަށް ނިންމައިފި އެވެ. މައުލޫމާތު ލިބޭ ގޮތުން، ކޯޓުން ނެރުނު އަމުރަކަށްފަހު ހ. ނީލްވިލާ ، މުހައްމަދު ޒާހިރު ހުސައިން ހަވީރު ނޫހާއި، ހަވީރުގެ ވެބްސައިޓު ހުއްޓާލުމާ ގުޅިގެން، ހަވީރު މީޑިއާ ގްރޫޕުގެ ހުރިހާ މުވައްޒަފުން އެދުވަސްވަރު ވަނީ ވަޒީފާއިން ވަކިވެފަ އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓް މެއި ފަސްވަނަ ދުވަހު ހަމަވި އިރު، އެހެން މުވައްޒަފުން 30 ދުވަހުގެ ނޯޓިސްއާ އެކު ވަޒީފާއިން ވަކިވެފައިވެ އެވެ. އަދި އިސްތިއުފާ ހުށަހެޅުމާ ނުލައި، ދެ މުވައްޒަފަކު އެހެން ދެ ކުންފުންޏަކަށް ވެސް ބަދަލުވި އެވެ. "ހަވީރު"ގެ ކުރީގެ ޓީމުން މާދަމާ ރޭ އާ ދުވަހު ނޫހަކާ ވެބްސައިޓެއް ލޯންޗު ކުރަނީ، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު ކަމަށް އެ ޓީމުގެ އޮފިޝަލަކު މައުލޫމާތު ދެ އެވެ. މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު 2015 ހަވީރުގެ ކުރީގެ ނޫސްވެރިއަކަށް ލިބެނީ -- ސަން ފޮޓޯ/ މުހަންމަދު އަފްރާހް އަދި، އެ ޓީމުން ވަނީ، ނޫހުގެ އޮޕަރޭޝަންތައް ހިންގުމަށް މުޅިން އާ އޮފީހެއް ސެޓްއަޕް ކޮށް، އެތަނަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ހޯދައިފަ އެވެ. އޭގެ ތެރޭގައި، ނޫސް ޗާޕު ކުރުމަށް ބޭނުންވާ ތަކެތި ވެސް ހިމެނެ އެވެ. "ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުން އެތަނުން ވަކިވީ، އެތަނުގެ މިލްކުވެރިކަމުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެ ނޫސް ހުއްޓާލައި، އެތަނުގެ 75 ޕަސަންޓު ހިއްސާގެ ކޮންޓްރޯލް ނެގި ތިން ހިއްސާދާރުން، މުވައްޒަފުންނަށް މުސާރަ ދޭނެކަމުގެ ޔަގީންކަން ނެތުމުން ކަމަށް އެ ޓީމުގެ އޮފިޝަލް ބުނެ އެވެ. ތިން ހިއްސާދާރުންގެ ގާނޫނީ ޓީމުގެ ފަރާތުން "ސަން" އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ، "ހަވީރު"ގެ ކުރީގެ މުވައްޒަފުން ވެގެން އާ ނޫހެއް ނެރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށާއި، އެއީ ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ކުރާ ކަމެއް ކަމަށެވެ. "ކޯޓުން އޮންނާނެ އަމުރެއް ނެރެފައި. އެ އަމުރާ ޚިލާފަށް ކުރާ ކަމެއް އެއީ. ކޯޓު އަމުރެއް އޮއްވާ އެ އަމުރަށް ގޮން ޖަހައި، އެ އަމުރުން ރައްކާތެރިކޮށްފައިވާ، ބައެއްގެ ހައްގުތައް ގެއްލިގެން ދާ ގޮތަށް ހަވީރު ނޫސް ބަނގުރޫޓު ވާނެ ފަދަ ގޮތަކަށް ކުރާ ކަމެއް އެއީ،" އޭނާ ވިދާޅުވި އެވެ. ހަވީރު ނޫސް އޭޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ، އިބްރާހީމް ރަޝީދު މޫސާ (ކ)، މުހައްމަދު ނައީމް (މ) އަދި އަބްދުﷲ ފާރޫގު ހަސަން (ވ) -- ސަން ފައިލް ފޮޓޯ މާރިޗު މަހުގެ 31 ވަނަ ދުވަހު ސިވިލް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ގ. ކޮއްކިރި ފާރޫގު ހަސަނާއި ހެންވޭރު މީރުބަހުރުގެއާގެ އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމެއް ނެތް ގޮތަށް ހަވީރު ނޫސް ހިންގުން ވަގުތީ ގޮތުން ހުއްޓާލުމަށް ހ. ނީލްވިލާ ޑރ މުހައްމަދު ޒާހިރު ހުސައިންގެ މައްޗަށް އަމުރު ކުރުމާ އެކު، އެ ދުވަހުގެ ފަހުން ހަވީރު ނެރުން ވަނީ ހުއްޓާލައިފަ އެވެ. އަދި އޭގެ ދެ ދުވަސް ފަހުން ހަވީރު އޮންލައިން ވެސް ވަނީ ހުއްޓާލައިފަ އެވެ. މިދިޔަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި، މީހަކު ވަނީ "ހަވީރު" ނޫސް ހިންގި އިދާރާގައި ރޯކޮށްލައިފަ އެވެ. "ހަވީރު" އިދާރާގެ ރިސެޕްޝަނުގައި ރޯކޮށްލުމާ އެކު، އެތަނުގެ އެތެރޭގައި ހުރި ބައެއް ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެ، އަނދާފަ އެވެ. ނަމަވެސް އަލިފާންގަނޑު އިމާރާތަށް ފެތުރުމުގެ ކުރިން ފުލުހުން ވަނީ އަލިފާން ނިއްވާލާފަ އެވެ. ހަވީރު އިދާރާގެ ރިސެޕްޝަން އޭރިއާގައި އަލިފާން ރޯކޮށްލުމުން، އެތަނުގެ ތެރެއަށް ބޮޑެތި ގެއްލުންތަކެއްވެފައި-- ސަން ފޮޓޯ/ ޙުސައިން ޙަސަން އަލިފާން ނިއްވާލަން ސިފައިން އެ ސަރަހައްދަށް ދިއުމުގެ ކުރިން، "ހަވީރު" އިދާރާ ހިންގާ ގޯތީގެ ފާރުމަތިން މީހަކު ފުންމާލައިގެން ފިލިތަން ފެނުނު ކަމަށް މަންޒަރު ދުއް މީހަކު ބުންޏެވެ. އޭނާ ފިލީ ދަބަހެއް އެއްލާލުމަށްފަހު ކަމަށް އެ މީހާ ބުންޏެވެ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ވެސް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ