ކުރިއަށް އޮތް 24 ގަޑިއިރު، މެދުރާއްޖެތެރެ ފިޔަވައި އެހެން ހިސާބުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނެފިއެވެ.
މެޓު އޮފީހުން "ވީނިއުސް" އަށް ބުނީ މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ. އެސަރަހައްދުތަކަށް ވައިގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައިގެ ބާރުމިން އެރުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.
ވައި ޖެހޭނެކަމަށް ލަފާކުރަނީ އިރު އުތުރުން ގަޑިޔަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް މެޓުން ލަފާކުރަނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.
މެދުރާއްޖެތެރެ ފިޔަވައި އެހެން ހިސާބުތަކުގެ ކަނޑުތައް މަޑުވާނެއެވެ. މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.
މެދުރާއްޖެތެރެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މިދުވަސްވަރު މޫސުން ރަނގަޅެވެ. އެކަމަކު މިދުވަސްވަރު މުޅި ރާއްޖެ ހިމެނޭ ސަރަހައްދުގައި ޖައްވު ނުސާފުކަން ވަނީ ފާހަގަކުރެވިފައެވެ.
މޫސުމާބެހޭ ޤަޢުމީ ޢިދާރާއިން ބުނީ އާއްމުކޮށް މޫސުން ރަނގަޅު ދުވަސްވަރު، ދުރު ފެންނަ މިންވަރު 10 ކިލޯ މީޓަރަށް ވުރެއް އިތުުރުވި ނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރު ފެންނަ މިންވަރު ވަނީ 4 ކިލޯމީޓަރުން 5 ކިލޯމީޓަރަށް ދަށްވެފައި ކަމަށެވެ.
ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.
އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.
އެހެންކަމުން ދަތުރަކަށް ފެއްޓެވުމުގެ ކުރިން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަކީ އެންމެ އެދެވޭ ކަމެކެވެ.
މެދުރާއްޖެތެރެ ފިޔަވައި އެހެން ހިސާބުތަކަށް މޫސުން ރަނގަޅު: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ