ސިޓީ ކައުންސިލުން ދޭން ޖެހޭ ހުއްދަ ނުދީފިނަމަ މާލެއަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހިދާނެ ކަމުގެ އިންޒާރު އެ ކުންފުނިން ދީފިއެވެ.
ސްޓެލްކޯއިން މިފަދަ އިންޒާރެއް ދީފައިމިވަނީ އިންޖީނުތަށް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއް ލިބުމުގެ ސަބަބުން ފެން ލީކުވާތީ އެކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރުވެ، އެކަމުގެ ހުއްދަ އަކަށް ސިޓީކައުންސިލްގައި އެދި މިއަދާ ހަމަޔަށްވެސް ރަސްމީ އެއްވެސް ސިފައެއްގައި ސިޓީކައުންސިލުން އެކަން އަންގާފައިނުވާތީއެވެ.
އަދި އެ ހުއްދަތައް އަވަސް ކުރުމަށް، އެކުންފުނިން ސިޓީކައުންސިލްގެ ކަމާއިގުޅުންހުރި ފަރާތްތަކާއި މުއާމަލާތު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މި ވަގުތާހަމަޔަށްވެސްސިޓީ ކައުންސިލުން ފޯނު ނުނަގާތީ އެހުއްދަތައް ލިބޭގޮތް ވަނީ ނުވެފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަދި މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ނުކުރެވިއްޖެ ނަމަ، މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން، މާލެއަށް ކަރަންޓު ދިނުމަށް މިކުންފުނިން ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހި، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި މަސައްކަތް ވީއެންމެ އަވަހަކަށް ކުރުމަށް މާލޭ ސިޓީކައުންސިލުން ލިބެންޖެހޭ ހުއްދަތައް ވީއެންމެ އަވަހަކަށް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެކުންފުނިން ގެންދަނީ ކުރަމުން ކަމަށާއި އަދި އެ ހުއްދަތައް ލިބުމާއެކު، މަސައްކަތް ވަގުތުން ފަށައި، އެކަން ހައްލު ކުރެވިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ވަނީ ބޮޑުތަކުރުފާނުމަގުގެ ތާރުގަނޑު އަޑިން ސްޓެލްކޯއަށް ލޮނުފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ފަޅައިގެންގޮސް މަގަށް ލޮނުފެން ލީކުވަމުން އަންނަ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި އެކަން ހައްލުކޮށްދިނުމަށް ސްޓެލްކޯއަށް ވަނީ އެންގިފައި ކަމަށެވެ.
ނަމަވެސް ސްޓެލްކޯއިން ބުނީ ރަސްމީ އެއްވެސް ސިފައެއްގައި އެކަން އެ ކުންފުންޏަށް ކައުންސިލުން އަންގާފައިނުވާ ކަމަށެވެ.
ސިޓީ ކައުންސިލުން ދޭން ޖެހޭ ހުއްދަނުދީފިނަމަ ކަރަންޓް ކަނޑާލަން ޖެހިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ