ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައިކޯޓުން ކަނޑައެޅުމުން ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި

ސިއްރުން ހެކި ބަސް ނެގޭނެ ގޮތެއް ގާނޫނަކުން ކަނޑައެޅިފައި ނެތް ކަމަށާއި އެހެން ކަމުން އެއްވެސް މައްސަލައެއްގައި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައިކޯޓުން ކަނޑައެޅުމުން އެކަން ބާތިލް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ. 
ހައިކޯޓުން މިހެން ބުނެފައި ވަނީ، ތަހުގީގަށް ބެނުންވެގެން ފުލުހުންނަށް ފޯނު ދޭން އެދުމުން، ނުދިން މައްސަލައިގައި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަށް އިއްވާފައިވާ ޖަލުހުކުމް ބާތިލުކޮށް މިނިވަންކުރަން ކުރި ހުކުމްގަ އެވެ.
ޖިނާއީ އިޖުރާޢަތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި ބުނަނީ (ހ) ހެކިބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ހެއްކާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.
ސިއްރުން ހެކިބަސް ނުނެގޭނެކަން ކަނޑައަޅައި ހައިކޯޓުން ކުރި ހުކުމާއި ގުޅިގެން ޕީޖީ އޮފީހުން ބުނެފައި ވަނީ ސިއްރު ހެއްކާބެހޭގޮތުން ކަނޑައެޅުއްވި އުޞޫލު، ޤާނޫނީ ގޮތުން ރަނގަޅުކަމަށް ނުފެންނާތީ، އެޤަޟިއްޔާގެ އެބައި (ޤާނޫނު މާނަކުރުމުގެ ބައި) ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް ޕީޖީ ނިންމަވާފައިވާ ކަމަށެވެ. 
ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނީ ހެއްކާ ބެހޭ ގާނޫނުގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަކަށް ހެކި ބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތް ކަމަށެވެ. މިއީ މީގެ ކުރިން ސިއްރުން ހެކި ބަސް ނެގުމާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ވަރަށް ގިނަ ވަކީލުން ފާހަގަ ކުރައްވާފައިވާ ނުކުތާއެކެވެ.
ހައިކޯޓު ހުކުމްގައި ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރުން ހެކި ބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް ބުނާއިރު އެ ގޮތްތައް އެ ގާނޫނުގައި ނެތުމަކީ އެ އިޖުރާއަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ބެލެވެން ނެތް ހާލަތެއް ކަމަށެވެ. ”ސިއްރު ހެކި 1، ސިއްރު ހެކި 2“ މި ގޮތަށް ނަން ދީގެން އަބްދުﷲ ސައީދުގެ މައްސަލާގައި ހެކި ބަސް ނަގާފައި ވަނީ ގޯސްކޮށް ކަމަށް ހުކުމްގައި ކަނޑައެޅި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ