ދެ އިންތިޚާބު އެކީގައި ބޭއްވުމުން ވަކިވަކި ދާއިރާތަކުގެ ކަންބޮޑުވުން އިއްވަން ފުރުސަތު ހަނިވާނެ: ޑރ. ޝަމްސުލްފަލާހު
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ޑރ. ޝަމްސުލް ފަލާހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ބާ ކައުންސިލުން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން ޑރ. ޝަމްސުލްފަލާހު ވިދާޅުވީ ދެ އިންތިޚާބު އެކީގައި ބޭއްވުމުން އޭގެ ނޭދެވޭ އަސަރު މެންބަރުންނަށާއި ރައްޔިތުންނަށް ކުރާނެ ކަމަށެވެ. ޑރ. ޝަމްސުލްފަލާހު ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހަށް އަމަލުކުރަން ފަށައިފިނަމަ، އިންތިޚާބުގެ ތެރޭގައި އެންމެ ބޮޑަށް ފެންނާނީ ރިޔާސީ އިންތިޚާބުގެ ފޯރިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަޖިލިސް އިންތިޚާބަށް އޮންނަ ސަމާލުކަން ކުޑަވެ، ވަކިވަކި ދާއިރާތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އަޑުތައް އިއްވުމަށް އޮންނަ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެއެވެ. އޭނާ ވިދާޅުވީ ދެ އިންތިޚާބު އެކީގައި ބޭއްވުމުގެ މަގުސަދަކީ ހައްލެއް ހޯދުން ކަމަށްވިޔަސް، މި އިސްލާހުގެ ސަބަބުން ނައްތާލަން އުޅުނު މައްސަލަ އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މީގެ އިތުރުން، ގާނޫނުއަސާސީގެ 80 ވަނަ މާއްދާއާ ގުޅޭގޮތުން މި އިސްލާހުގައި އެއްވެސް ވާހަކައެއް ނެތުމަކީ ސުވާލު އުފެދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ކުއްލި ހާލަތެއް ދިމާވެގެން މަޖިލީހުގެ ދައުރު އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްފައި ނެތްކަން އޭނާ ބަޔާންކުރެއްވިއެވެ. ދެ ދައުރު ވަކިވަކިން ހިނގަމުންދާއިރު އޮންނަ ނުފޫޒުތަކުގެ ސަބަބުން، ދެ އިންތިޚާބު ވަކިކުރުމަށް ހުރަސްތަކެއް ކުރިމަތިވާކަން ދިރާސާތަކުން ދައްކާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިންތިޚާބުތައް މިގޮތަށް ބާއްވާނަމަ، އާ ރައީސަކު ހުވާކުރާ ތާރީޚުން ފެށިގެން އެންމެ ދެ ހަފުތާގެ ތެރޭގައި ދައުލަތުގެ ބަޖެޓު ފާސްކުރުން ފަދަ މުހިންމު ކަންކަން ނިންމަން ޖެހޭނެކަން ފާހަގަކުރައްވަމުން ޑރ. ފަލާހު ވިދާޅުވީ، މީގެ ސަބަބުން ދައުލަތުގެ މުހިންމު ނިންމުންތައް ނިންމުމުގައި އަވަސްއަރުވާލަން ޖެހިދާނެ ކަމަށެވެ. ޝަމްސުލްފަލާހު އިތުރަށް ވިދާޅުވީ ދެ އިންތިޚާބު އެއްކުރުމުން ބާރުތައް ވަކިކުރުމުގެ ނިޒާމަށް ލޮޅުން އަރާނެ ކަމަށެވެ. "ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު ގުނަވަނެއް. އެ ގުނަވަނުގެ އިންތިޚާބުކުރެވޭ ގޮތަށް ބަދަލު ގެނެވޭނަމަ އެއީ އޭގެ ސަބަބުން ބާރުތައް ވަކިކުރުމުގެ ނިޒާމަށް ވެސް އޭގެ ސަބަބުން އަސަރު ފޯރާނެ،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ