އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމު މަގުމަތި ކުރި ބައެއް: ޝިޔާމް

އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމު މަގުމަތި ކުރި ބައެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ކުޅުދުއްފުށި ސިޓީގެ މާލޭ ކެމްޕޭން އޮފީސް އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކަން ފެށީ އެމްޑީޕީން ނޫން ކަމަށާއި ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށް އެމްޑީޕީން އެއްވެސް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
"ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކަވަން ފެށީވެސް މިބޭފުޅުންނެއް ނޫން. އެބޭފުޅުން އެހެން ވިދާޅުވާ ކަމަށްވަންޏާ އަޅުގަނޑު ދޭން އޮތް ކްރެޑިޓަކީ މީގަ ވިހާފަ ކަމަށްވަންޏާ، އެހެންވެއްޖެ ކަމަށްވަންޏާ ވިހާފަ މަގުމައްޗަށް ދޫކޮށްލި ނިޒާމެކޭ މި ބޭފުޅުން. މި ނިޒާމަށް އެއްވެސް ވަރަކަށް އަޅާލުމެއް، އެއްވެސް ކަހަލަ މި ކުރިއެރުމެއް، މި ނިޒާމަށް ގެނައުމަށްޓަކާ މަސައްކަތްތަކެއް ކުރެވިފަ އޮތްތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުން ފެނިވަޑައިގަތީ ލާމަރުކަޒީ ނިޒާމު ތަންފީޒުކުރަން ތިއްބެވި ކައުންސިލަރުން މަސައްކަތް ކުރާނެ އެކަށީގެންވާ ޖާގައެއް ނެތް މަންޒަރު ކަމަށެވެ. މިއަދު 100 އަށް ވުރެ ގިނަ ރަށުގައި ކައުންސިލް އިމާރާތްތައް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އަދި ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓުގެ އިތުރުން އާމްދަނީ ހޯދޭނެ އެއްވެސް ނިޒާމެއް ކުރިން އޮތީ ގާއިމުނުކޮށް ކަމަށާއި ނަމަވެސް މި ސަރުކާރުން ކައުންސިލްތަކުގެ އިހްތިސާސްގެ ތެރެއަށް ރަށްރަށް އިތުރުކޮށް، މާލީ ގޮތުން ބާރުވެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
މީގެއިތުރަށް ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އޮތީ ހަމައެކަނި ނަމެއްގައި ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ކޮމިޓީތައް ބާރުވެރިވެ، ކޮމިޓީގެ ރައީސާއަކީ ފުލްޓައިމް ވަޒީފާއެއް އަދާކުރާ، ރަނގަޅު މުސާރައެއް ލިބޭ ބޭފުޅަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ