މޮރިޝަސްގެ ނިންމުމާ މެދު ކަންބޮޑުވޭ: ނަޝީދު

ޗާގޯސް މައްސަލައިގައި ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް މޮރިޝަސްގެ ސަރުކާރުން ނިންމި ނިންމުމާ މެދު ކަންބޮޑުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިއީ ކަންބޮޑުވާ ނިންމުމެއް ކަމަށާއި އުއްމީދަކީ ދެ ގައުމުން ވެސް މަޝްވަރާކޮށްގެން ކަންކަން ހައްލުކުރެވިގެންދިޔުން ކަމަށެވެ.
It's very worrying that Mauritius has decided to sever diplomatic relations with the Maldives. I hope both countries will be able to discuss matters and resolve things amicably.@PMOMauritius @presidencymv
— Mohamed Nasheed (@MohamedNasheed) February 27, 2026
މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން އިއްޔެ އާންމުކޮށްފައިވާ ވަޒީރުންގެ މަޖިލީހުންގެ ނިންމުންތަކުގައިވާ ގޮތުން ރާއްޖެއާއެކު ހާރިޖީ ގުޅުންތައް ކަނޑާލަން ނިންމީ
ޗާގޯސް ޖަޒީރާގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއަށް ހަވާލުކުރަން ނިންމާފައިވާ ނިންމުމާ ރާއްޖެއިން ދެކޮޅު ހަދާކަން ހާމަކޮށް އެކަމާ ދެކޮޅަށް މަސައްކަތް ކުރާތީ އެވެ.
އެހެންކަމުން ވަގުތުން ވަގުތަށް ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުންތައް ކަނޑާލަން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމާފައިވާ ކަމަށް ވެސް އެ ގައުމުގެ ބޮޑު ވަޒީރުގެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 15 ޖެނުއަރީ 1981ގަ އެވެ.
މޮރިޝަސް ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ކަނޑުގެ މައްސަލައިގައި ފޮނުވި ސިޓީ އަނބުރާ ގެންނަން މި ސަރުކާރުން ވަނީ ނިންމާފަ އެވެ.
ޕީއެންސީން ދާދިފަހުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފޯޅަވައްސަކީ ނުވަތަ ޗާގޯސްއަކީ ކުރީ ޒަމާނުގައި ރާއްޖޭގެ ތަނެއް ކަމަށާއި އެގޮތުން އެތައް ގަރުނެއް ކުރިން ދިވެހިން އެ ތަނަކަށް ފޯޅަވަހީގެ ނަމުން ނަން ދީފައި އޮއްވައި އެހެން ގައުމުތަކުން އެހެން ނަންނަން ކިޔައި ޗާގޯސް ކީ ކަމުގައި ވިޔަސް އެއީ ދިވެހިންގެ ތަނެއް ކަމަށެވެ.
"އެތަން އެއްވެސް ގައުމަކާ ހަވާލުކުރާނަމަ، އެ ތަނުގެ ރައިޓްފުލް އޯނަރުންނަކީ (ހައްގުވެރިންނަކީ) ދިވެހިރާއްޖެކަން އަޅުގަނޑު މި ދަނީ ދިވެހި ސަރުކާރުގެ ފަރާތުން ކަމާ ބެހޭ ހުރިހާ ފަރާތެއްގައި ދަންނަވަމުން. އެއީ ސިޔާސީ ބޭނުމަށް ކުރާ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން ޗާގޯސް އެހެން ގައުމަކާ ހަވާލުކުރާނަމަ، ހަވާލުކުރަންޖެހޭނީ އެތަނުގެ ހައްގުވެރި ގައުމު ކަމަށްވާ ރާއްޖެއާ ކަމަށާއި އެކަން ދެ ފަހަރެއްގެ މަތިން އިނގިރޭސި ސަރުކާރުގައި ދަންނަވާފައިވާނެކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. މި މަސައްކަތްތައް ސަރުކާރުން ކުރަމުންދަނީ ވަރަށް ތަރުތީބުން އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި މި ސަރުކާރުން ކަންކަން ކުރާނީ ގައުމީ ވިސްނުމުގައި ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ