ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 7-2 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
ފުރަތަމަ ލެގުގައި މި ދެ ޓީމު ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ރޭ ބާސެލޯނާގެ ކޭމްޕް ނޫ ގައި ކުޅުނު މެޗަށް ނިކުތްއިރު ދެ ޓީމަށްވެސް އޮތީ ދާދި ހަމަހަމަ ފުރުސަތެކެވެ.
ނަމަވެސް މެޗުގެ ކުޅުން ފެށުނުތާ 6 ވަނަ މިނިޓުގައި ބާސެލޯނާގެ ރަފީނިއާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ 9 މިނިޓު ފަހުން ނިއުކާސަލްގެ އެންތޮނީ އެލަންގާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް މި މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާއިރު މެޗުގެ 18 ވަނަ މިނިޓުގައި ބާކް ބެނާލް ވަނީ އިތުރު ލަނޑެއް ޖަހާ ބާސެލޯނާ އަށް ދެވަނަ ފަހަރަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ 10 މިނިޓު ފަހުން އެލަންގާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފަ އެވެ.
ބާސެލޯނާ އިން މި މެޗުގައި ތިންވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ލަމީން ޔަމާލް އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު 3-2 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮތްއިރު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ފަރމިން ލޮޕޭޒް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ފަސްވަނަ ލަނޑަކީ މެޗުގެ 56 ވަނަ މިނިޓުގައި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކޮސށްދީފައިވާ ލަނޑެކެވެ. އަދި އޭގެ ފަސް މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 6-2 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި ބާސެލޯނާ އިން ޖެހި ހަތްވަނަ ލަނޑަކީ މެޗުގެ 72 ވަނަ މިނިޓުގައި ރަފީނިއާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ބާސެލޯނާ އާއި ދެކޮޅަށް ނިކުންނާނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އެވެ.
ނިއުކާސަލް އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ