ހިންގުން ނުވަތަ މެނޭޖްމަންޓު

ހިންގުން (މެނޭޖުމަންޓް) މެނޭޖުމަންޓް ނުވަތަ "ހިންގުމުގެ" މަފްޙޫމަކީ އިންސާނީ ތާރީޚާއެކު އުފެދިފައިވާ ކަމެކެވެ. މިއީ ވަކި މުއްދަތެއްގައި ވަކި ތަނަކުން އުފެދުނު އެއްޗަކަށްވުރެ ބޮޑަށް، އިންސާނުން ޖަމާޢަތް ހަދައިގެން އުޅެން ފެށި ހިސާބުން، ކަންކަން ރާވައި، އިންތިޒާމުކޮށް، އަދި ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ބޭނުންކުރަން ފެށި އުޞޫލުތަކެކެވެ. މެނޭޖުމަންޓުގެ ތާރީޚީ އަޞްލުތައް ބެހިގެންވާ ގޮތް ތިރީގައި އެވަނީ އެވެ. ތާރީޚީ އަޞްލު (Ancient Origins) މެނޭޖުމަންޓުގެ އެންމެ ކުރީގެ ނިޝާންތައް ފެންނަން ހުރީ މީގެ އެތައް ހާސް އަހަރެއް ކުރިއަށް ބަލާލުމުންނެވެ. އެގޮތުން ބައެއް މިސާލުތައް ގެނެސްދޭނަމެވެ. މިޞްރުގެ ޕިރަމިޑްތައް (އަޙްރާމް) ގާތްގަނޑަކަށް މީގެ 4600 އަހަރު ކުރީން ޢިމާރާތްކުރި މިޞްރުގެ އަޙުރާމްތަކުގެ ވާހަކައަކީ މިއަދުވެސް ފެންނާން ހުރި އާދަޔާ ޚިލާފު ޢުމުރާނީ ވަރުގަދަ ބިނާތަކެކެވެ. އިންސާނުންގެ މަސައްކަތްތެރިކަމުގެ ތަޢުރީފު އޮހެމުންދާ އާސާރީ ބިނާތަކެކެވެ. މިހާތަނަށް ހޯދިފައިވާ ގޮތުގައި ގާތްގަނޑަކަށް 120 އަޙުރާމް ވަނީ ހޯދިފައެވެ. އަދި ބައެއް އެހެން މަޢުލޫމާތުތަކުން އެނގޭ ގޮތުގައި 118 އާއި 138 ދެމެދުގެ އަޙްރާމު ވަނީ ހޯދިފައެވެ. ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ ގްރޭޓް ޕިރަމިޑް އޮފް ގިޒާ (Great Pyramid of Giza) އަކީ ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ ތާރީޚީ އާސާރީ ބިނާއެކެވެ. މިފަދަ ބޮޑެތި ބިނާތައް އެޅުމުގައި ނުވަތަ ޢިމާރާތްކުރުމުގައި އެތައް ހާސް މަސައްކަތްތެރީން ބޭނުންކޮށް، އެމީހުންގެ މަސައްކަތް ރާވައި، އިރުޝާދު ދީ، ކާބޯތަކެތި ފޯރުކޮށްދިނުމަކީ މެނޭޖުމަންޓުގެ ވަރަށް ވަރުގަދަ ނިޒާމެއް އޭރުވެސް އޮތްކަމުގެ ހެއްކެކެވެ. ދިރާސީ ލިޔެކިޔުންތަކުން އެނގޭގޮތުގައި ގާތްގަނޑަކަށް، 6 އަކަކިލޯ މީޓަރާއި 8 އަކަކިލޯ މީޓަރުގެ ބޮޑު ސަރަޙައްދެއްގައި ހިންގުނު މި މަޝްރޫޢަކީ އިންތިޒާމީ ހިންގުމުގެ ވަރަށް ބޮޑު މިސާލެކެވެ. ޗައިނާގެ ބޮޑުފާރު އިންސާނުންގެ އަތްތަކުން ކޮށްފައިވާ ބޮޑެތި އަދި އެހާމެ ފުރިހަމަ އަޖައިބުކުރުވަނިވި މަސައްކަތްތަކުގެ ތެރޭގައި، ޗައިނާގެ ބޮޑުފާރު (Great Wall of China) ހިމެނެ އެވެ. ދިގުމިނުގައި ގާތްގަނޑަކަށް 13171 މޭލު އަދި ފުޅާމިނުގައި 23 ފޫޓާއި 26 ފޫޓު ހުންނަ މި ފާރަކީ އުސްމިނުގައި ގާތްގަނޑަކަށް 20 ފޫޓާއި 23 ފޫޓު ހުންނަ ހިލައިގެ ފާރެކެވެ. ފަންނުވެރިކަމާއި މަސައްކަތްތެރިކަމުގެ ގޮތުން ބަލާއިރު މިއީ މިއަދުވެސް އިންސާނުންގެ މަސައްކަތްތެރިކަމުގެ ހުނަރުވެރިކަމާއި، ރޭވުންތެރިކަމުގެ އިތުރުން މެނޭޖްމަންޓުގެ ލާމަސީލު މަސައްކަތެކެވެ. އިންޑަސްޓްރިއަލް ރިވޮލިއުޝަން (Industrial Revolution) މެނޭޖުމަންޓަކީ ވަކި ޢިލްމެއްގެ ގޮތުގައި ކުރިއަރަން ފެށީ 18 ވަނަ އަދި 19 ވަނަ ޤަރުނުގައި ޔޫރަޕަށް އައި ސިނާޢީ އިންގިލާބާ (Industrial Revolution) އެކުގައެވެ. ތަފާތު މަސައްކަތްތައް ކާރުޚާނާތަކަށް ބަދަލުވެ، ގިނަ ޢަދަދެއްގެ މީހުން އެއްތަނެއްގައި މަސައްކަތްކުރަން ޖެހުމުން، މަސައްކަތުގެ ރޭވުންތެރިކަން (Planning) އަދި ކޮންޓްރޯލް ކުރުމުގެ ބޭނުންތެރިކަން އިތުރުވި އެވެ. މެނޭޖުމަންޓުގެ ބައްޕަ (Scientific Management) މެނޭޖުމަންޓުގެ މަފްޙޫމް ސައިންޓިފިކް ގޮތަކަށް އެންމެ ފުރަތަމަ ތަޢާރަފުކުރީ އެމެރިކާގެ ފްރެޑްރިކް ޓޭލަރ (Frederick Taylor) އެވެ. 1911 ވަނަ އަހަރު އޭނާ ލިޔުނު "Principles of Scientific Management" އަކީ މި ދާއިރާގެ ޢިލްމީ ބިންގަލެވެ. މީގެ އިތުރުން ފަރަންސޭސިވިލާތުގެ ހެންރީ ފަޔޯލް (Henri Fayol) ވަނީ މެނޭޖުމަންޓުގެ 14 އަސާސް ތަޢާރަފުކޮށްފަ އެވެ. ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި މެނޭޖުމަންޓް ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި "މެނޭޖުމަންޓް" ނުވަތަ "ހިންގުން" މާނަކޮށްފައިވަނީ ވަކި މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި ކުރެވޭ ކަންކަމުގެ ގޮތުގައެވެ. މިސާލަކަށް: އެއްމެދު ޢިމާރާތުގެ ޤާނޫނު (33/2021) [1] މި ޤާނޫނުގައި "ހިންގައި ބެލެހެއްޓުން" (Management) މާނަކޮށްފައިވަނީ، ވަކި އުޞޫލުތަކެއްގެ މަތީން، ތަނެއްގެ މަރާމާތާއި، ވަސީލަތްތައް ބޭނުންކުރުމުގައި މަންފާ ލިބޭނެ ގޮތަށެވެ. ޚުލާޞާކޮށް ދަންނަވާ ނަމަ، މެނޭޖުމަންޓް އުފެދިގެން އައީ މީގެ އެތައް ހާސް އަހަރެއްގެ ކުރީންނެވެ. މަސައްކަތްތައް އެންމެ ފައިދާހުރި ގޮތުގައި ރާވައި ހިންގުމުގެ އިންސާނީ ބޭނުމުންނެވެ. އަދި މަސައްކަތްތެރިކަމުގެ އިންގިލާބުގެ މެނޭޖުމަންޓް ޢިލްމެއްގެ ގޮތުގައި ބައްޓަންވެގެން އައީ ޔޫރަޕާއި، އެމެރިކާ އަދި ދުނިޔޭގެ އެކި ޤައުމުތަކުގެ ސިނާޢީ ތަރައްޤީއާ އެކުގައެވެ. މެނޭޖްމަންޓުގެ ޕްރޯސަސްތަކަކީ މައިގަނޑު ހަތަރު ބައެއް ހިމެނޭ (މަތީގައިވާ ކުރެހުމުގައިވާ ފަދައިން) ގޮތަށް ކަމުގެ ޢިލްމީ މާހިރުން ބަހާލާފައިވާ ޕްރޯސަސް (މަސައްކަތްތަކެއް) ތަކެކެވެ. އެއީ ރޭވުމާއި، ކަންކަން ތަރުތީބު ކުރުމާއި، ތަންފީޒުކޮށް ކުރިއަށް ގެންދިއުމުގެ އިތުރުން، މަސައްކަތްތައް ހިނގަމުންދާއިރު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމެވެ. މިއީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކާ ކޮންމެހެން މުހިންމު ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ