މެންދުރު 2 ޖެހުމާހަމައަށް 130،000 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މިހާރު ކުރިއަށްދާ އިންތިޚާބުގައި މެންދުރު 2:00 ޖެހުމާ ހަމައަށް 131،947 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އެ ކޮމިޝަނުން އާންމު ކުރި މައުލޫމާތުން ދައްކާގޮތުގައި މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްގު ލިބިގެންދާ 44.75 އިންސައްތަ މީހުންނެވެ.
މިހާތަނަށް ވޯޓުލި 131،947 މީހުންގެ ތެރޭގައި 63،175 އަންހެނުންނާއި 6،8772 ފިރިހެނުން ހިމެނެއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 2294،876 މީހުންނަށް ލިބިގެންވެއެވެ. މިހާތަނަށް ވޯޓުނުލަނީ 162،929 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެއީ ޖުމްލަ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ 55.25 އިންސައްތަ މީހުންނެވެ.
މިއަދު ކުރިއަށްދާ އިންތިޚާބުގައި 3 ވޯޓެއް ނަގައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ. ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ތަސްދީގު ކުރުމާ ގުޅޭގޮތުން ނަގާ ވޯޓެކެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،961 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އެއީ ކައުންސިލްގެ މަގާމަށް ކުރިމަތިލެއްވި 1،368 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ 1،593 ކެންޑިޑޭޓުންނެވެ.
މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ