ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތް ނުވަތަ ގްރޭންޑް މޮސްކް މަޝްރޫޢަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސައުދީ އަރަބިއްޔާގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް މިހާރު މަދީނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތް މަޝްރޫޢަށް ފައިނޭންސްކުރުމުގެ އެއްބަސްވުމުގައި ސައުދީ އަރަބިއްޔާގެ ރާޖިޙީ ކޮންޕެނީއާއެކު މިއަދު ސޮއިކުރެވިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރު 2026 ގައެވެ. މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފޭސް 2 އާއި ފޭސް 3 އާ ދެމެދުގައެވެ. މި މިސްކިތުގައި ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށް އިސްލާމީ ވުޒާރާއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިސްކިތުގެ ކޮންސެޕްޓް މަސައްކަތް މިހާރު ނިމިފައިވާއިރު، ތަފްޞީލީ ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި މިސްކިތް ބިނާކުރާނީ ވަޤުފު ބިނާތަކާއި، ކޮމާޝަލް ބިލްޑިންގް އަދި ޕާކިންގް ހިމެނޭހެން ކޮމްޕްލެކްސްއެއްގެ ގޮތުގައި ކަމަށެވެ. މީގެ އިތުރުން މިސްކިތުގައި ޤުރުއާން މިއުޒިޔަމެއްވެސް ހުންނާނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މި މަޝްރޫޢުގެ ޑިޒައިނިންގް މަރުޙަލާއިން ފެށިގެން ހުރިހާ ކަމަކަށް ފަންޑުކުރަނީ މިސްކިތް ބިނާކޮށްދޭ ފަރާތުންނެވެ. އަދި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފަންޑުކުރާ ފަރާތުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ހުޅުމާލޭ ގްރޭންޑް މިސްކިތަށް ޚަރަދުކުރާނީ މަދީނާގެ ރާޖިޙީ ކުންފުނިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ