އެކާވީސް ދުވަސްތެރޭ 924 މިލިޔަން ޑޮލަރުގެ ދަރަނި އަދާކޮށްފި

ސަރުކާރުން ދަރަނި ދެއްކުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 21 ދުވަސްތެރޭ 924 މިލިޔަން ޑޮލަރު ބޭރުގެ ދަރަނީގެ ގޮތުގައި ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ ދަރަނި ދައްކަމުންދަނީ ސަރުކާރުގެ އެއްވެސް މަސައްކަތެއް ހުއްޓުމަކާއި ނުލައި ކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވަނީ ސަރުކާރުން ދަރަނި ދެއްކުމުގައި ހޯދާފައިވާ ކުރިއެރުންތަކުގެ އަދާހަމަ ހިއްސާކޮށްދެއްވާފައެވެ. މިގޮތުން ބޭރުގެ ދަރަނި ދެއްކުމުގައި އަދި އެތެރޭގެ ދަރަނިތައް ދެއްކުމުގައި ހޯދާފައިވާ ކުރިއެރުންތައް އެމަނިކުފާނު ހިއްސާކޮށްދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަމައެކަނި މިމަހުގެ 21 ދުވަހުގެ ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް ބިލިޔަނެއްހާ ޑޮލަރު ބޭރުގެ ދަރަނިތަކުގެގޮތުގައި ދައްކާފައިވާ ކަމަށެވެ. އެއީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކަށްވާ ފައިސާއާއި، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑީއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ސޮއިކުރެވުނު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީއެވެ.
"21 ވަރަކަށް ދުވަސްތެރޭގައި އަޅުގަނޑުމެން ބިލިޔަނެއްހާ ޑޮލަރު މިވަނީ ދައްކާފައި. ދަރަނި ދައްކާފައި ރައްޔިތުންނަށް މީގެ އެއްވެސް ކަހަލަ ޑިފޯލްޓެއް ކުރިމަތިވިޔަ ނުދީ އެއްވެސް ހަރުމުދަލެއް، ރަހުނަކާއި ނުލައި އޭގެ ބަދަލުގައި ކުރިން ރަހުނުކޮށްފައި ހުރި ތަންތަން މިވަނީ ސަލާމަތްކޮށްފައި. އެހެންވީމަ އިޤްތިޞާދު ރަންގަޅު ކުރަމުން އަޅުގަނޑުމެންގެ ދަރަނިތައް ދައްކަމުން މިދަނީ. ހަމައެކަނި ބޭރުގެ ދަރަނިއެއް ނޫން. އެތެރޭގައި ދަރަނިތައްވެސް މިދަނީ ދައްކަމުން. އެކި މީހުން ލައްވާ މަސައްކަތް ކުރުވާފައި ދައްކަމުން މިދަނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ބޭރުގެ ދަރަނިތައް ދެއްކުމުގެ އިތުރަށް ދިވެހި ކުންފުނިތަކުން ކޮށްފައިވާ މަސައްކަތަށް ނުދައްކާ ހުރި ފައިސާތައްވެސް ޤަވާއިދުން ދައްކަވަމުންދާކަމަށް އެމަނިކުފާނު ވިދަޅުވިއެވެ.
ވާރުތަވި މިދަރަނިތައް ދެއްކުމުގައި މިހާތަނަށް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާއިރު މިވީ 6 މަސް ދުވަހުގެ ތެރޭގައި 3.3 ބިލިޔަން ރުފިޔާ ކުންފުނިތަކަށް ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިމަހުގެ ބާކީ ދުވަސްތަކުގައި އިތުރު 260 މިލިޔަން ޑޮލަރު ދެއްކުމަށް ދިވެހި ކުންފުނިތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކި ކުންފުނިތައް ނުވަތަ މިނިސްޓްރީތައް މެދުވެރިކޮށް ކޮށްފައި ހުރި މަސައްކަތަށް ދީފިން މިހާރު. އެއީ އެވަރޭޖްކޮށް ބަލާނަމަ ކޮންމެ ހަފްތާއަކު 700 ވެންޑަރުންނަށް ގާތްގަނޑަކަށް ފައިސާ ދޫކުރެވޭ. މިމަހުގެ ބާކީ ދުވަސްތަކުގައި އަޅުގަނޑުމެން ތައްޔާރުކޮށްފައި މިހިރީ ގާތްގަނޑަކަށް، 260 މިލިޔަން ރުފިޔާގެ ބިލްތައް ދައްކަން، ރާއްޖޭގެ އެކި މަސައްކަތްތައް ނަގައިގެން ކުރިއަށްގެންދާ ފަރާތްތައް މިއީ. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން މި މަސައްކަތްތައް ކުރަމުންދަނީ، އެއްވެސް ކަމަކަށް ދަތިނުވާގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިތުރު އެއްވެސް ދަރަންޏެއް ނުނަގާ އިތުރު ރަހުނަކާ ނުލާ ދަރަނިތައް ދައްކާފައިވާއިރު، ރައްޔިތުންގެ ނަންމަތީ ނަގާފައި ހުރި ދަރަނިތައް އަދާކޮށް ރަހުނުކޮށްފައި ހުރި ތަންތަން އަނބުރާ ހޯދަމުންދާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ޤައުމުތަކުގެ ދަރަނިތައް ސަރުކާރުން ދައްކަމުންދާއިރު، ބޭރު ޤައުމުތަކާޢި އޮންނަ ގުޅުންތަކުގެ ތެރެއިން ދަރަނިތައް ދެއްކުމާއި އަދި އެނޫންވެސް ކަންކަމުގައި ލުއިތައް ހޯދަމުންދާ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ