މީކާއީލްއާ ވާދަކުރައްވަން ނަޝީދުތަ؟: އާނއެކެވެ.

މި މަހު 8 ވަނަ ދުވަހު މީކާއީލް އަހުމަދު ނަސީމު އާންމުކުރެއްވި ވީޑިއޯ މެސެޖް ނިންމާލައްވަމުން ވިދާޅުވި ވާހަކައާ މެދު ވިސްނާލުން ހުއްޓެވެ.
މިކާއީލް ވިދާޅުވީ މިހެންނެވެ:
"ހަގީގަތުގައި ވެސް ތިޔަ ބޭފުޅުންނާ އެކު ވީ ހާލެއްގައި ވާން އަޅުގަނޑު ދެމިހުންނާނަން. އިތުބާރާ އެކު އިތުބާރަށް ވޯޓު ދެއްވާ."
ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މީކާއިލްގެ އެ މެސެޖް އޭނާ އާންމުކުރެއްވީ ހުސްވެފައި އޮތް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާކަން ރަސްމީކޮށް އިއުލާންކުރެއްވުމަށެވެ.
އެ މެސެޖްގައި 'ވީ ހާލެއްގައި ވާން އަޅުގަނޑު ދެމިހުންނާނަން' މާނައަކީ، އެމްޑީޕީ ކިތައްމެ ނިކަމެތިކޮށް އޮތަސް އެ ޕާޓީ ދޫނުކުރައްވާނެ ކަމެވެ. 'އިތުބާރާ އެކު އިތުބާރަށް ވޯޓު ދެއްވާ'ގެ މާނައަކީ އެމްޑީޕީގެ މެމްބަރުން އޭނާއަށް އިތުބާރުކުރުމެވެ. އޭނާއަށް ދޭ ވޯޓަކީ އެމްޑީޕީގައި ހުންނަވާނެކަމުގެ އިތުބާރު އޮތުމެވެ. އެމްޑީޕީ ރޫލާނުލާނެކަމުގެ އިތުބާރެވެ.
މީކާއީލްގެ އެ ވާހަކަ މިހާރު އަދި މާ މުހިންމު ވެއްޖެ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، އިއްޔެ އެކަން އިއުލާންކުރެއްވުމުންނެވެ.
ނަޝީދުގެ ސަޕޯޓަރުން އުތުރިއަރަންވީ އެވެ. އެކަމަކު ނަޝީދަށް ސަޕޯޓްނުކުރާ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވިސްނުން ހުރީ އެހެން ގޮތަކަށެވެ. މީކާއީލް ކަހަލަ ޒުވާނަކު ވާދަކުރައްވާކަން އިއުލާންކުރައްވާފައި އޮއްވާ ދެން ވެސް ނުކުންނަވަންވީ، ރާއްޖޭގެ ރައީސްކަމާއި ރަައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރައްވާފައި ހުންނެވި ނަޝީދު ކަހަލަ ދައުލަތުގެ ވެސް އިސް ބޭފުޅެއް ހެއްޔެވެ؟ އެ ވާދަކުރެއްވުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟
އެމްޑީޕީގެ ދާއިމީ ޗެއާޕާސަންގެ އިންތިހާބަށް ޕާޓީ ކުރިމަތިލާފައި މިވަނީ 2023ގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތުމާ އެކު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ނުކުންނަވައި، އެމްޑީޕީ ރޫޅާލައްވަން ވެސް މަސައްކަތްކުރެއްވި ނަޝީދު އެނބުރި އެމްޑީޕީއަށް ވެންނެވި ދަނޑިވަޅެއްގަ އެވެ. އޭރު ސޯލިހުގެ އެންމެ އަރިސް އިކޮނޮމިކް މިނިސްޓަރު އަދި ނަޝީދުގެ ބާރު ވެސް އެމްޑީޕީގެ ތެރެއިން ކަނޑުވާލުމުގެ އެއް އާރުކާޓީ ފައްޔާޒު އިސްމާއިލް މިހާރު ހުންނެވީ ނަޝީދާ އެކުގަ އެވެ.
ދެ ބޭފުޅުން އިއްޔެ ވަނީ 'ބޮޑު ބަދަލު'ގެ ނަމުގައި އިސްލާހީ ފިޔަވަޅުތަކެއް އިއުލާންކުރައްވައިފަ އެވެ. އެކަމަކު އެއީ ނަޝީދު އަބަދުވެސް ވިދާޅުވަމުން އަންނަަ ލަވައިގެ ތަކުރާރުކުރުމެކެވެ. މައިގަނޑު އިސްލާހަކީ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމެވެ.
ފައްޔާޒުގެ އުއްމީދަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމެވެ. ނަޝީދު ވިދާޅުވަނީ އެ މަސައްކަތުގައި ފައްޔާޒުގެ ފަހަތްޕުޅުގައި ހުންނެވި ކަމަށެވެ. (ނަޝީދަކީ ސިޔާސީ ކޮން ކަހަލަ ބޭފުޅެއްކަން އެނގޭ މީހުން، އެވާހަކައަށް ފަށާނީ ހޭށެވެ.)
ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަކީ ނަޝީދުގެ އަބަދުމެ ހުވަފެނެކެވެ. އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ބޮޑުވަޒީރުގެ ގޮނޑި އެވެ. އިއްޔެ ހުށައެޅުއްވީ 'ބޮޑުވަޒީރު'ގެ ނަން ނުގެނެސް އެކަމަކު އެއްކަހަލަ ބަދަލެކެވެ. ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާ ކަނޑައެޅުމެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުގެ ވެރިޔަކަށް ފައްޔާޒު ހުންނަވަން ތާއީދުކުރައްވާ ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ދައުލަތުގެ ވެރިޔާގެ މަގާމެވެ.
އެކަމަކު ސިޔާސީ ބައެއް ތަޖުރިބާކާރުން ސުވާލު އުފައްދަނީ ރަމްޒީ ގޮތުން ހުންނަ ދައުލަތުގެ ވެރިޔާގެ މަގާމަށް ހަގީގަތުގައި ވެސް ނަޝީދު ޝައުގުވެރިވާނެ ހެއްޔެވެ؟ ނުވަތަ އަނެއްކާވެސް އެ އުޅުއްވަނީ، އެމްޑީޕީގެ ފުރަތަމަކޮޅު ޗެއާޕާސަންއަކަށް ހުންނަވައިގެން ކުޅުއްވި ސިޔާސީ ކުޅި އިސްކުރައްވަން ހެއްޔެވެ؟
އެ ކުޅީގައި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވީ ބައްޔެވެ. ޕާޓީގެ ތެރޭގައި ޗެއާޕާސަންގެ ބާރު މާ ގަދަވުމުން އިސްތިއުފާ ދެއްވީ އެވެ.
މިހާރު މިވާން އުޅޭ ގޮތާ މެދު ވިސްނާ ބައެއް މީހުންގެ ސިކުނޑީގައި އެނބުރެނީ މީކާއީލް އެވެ. ސަބަބުތައް މިހުރީ އެވެ.
7 ފެބްރުއަރީ 2012ގައި ނަޝީދުގެ ވެރިކަން ވެއްޓުނު އިރު މީކާއީލްއަކީ ސީއެޗުއެސްއީގެ ދަރިވަރެއް
ޖޯޝްގައި ނުހުންނެވިގެން އޭނާ ފެނުނީ ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީން ކުރި މުޒާހަރާތަކުގައި ސްޓޭޖަށް އެރުއްވި ތަން
ސިޔާސީ ޕޯޑިއަމެއްގައި ވާހަކަ ދެއްކެވުމުން އުމުރުން 18 އަހަރުގެ ދަރިވަރު ސީއެޗުއެސްއީން ކަނޑާލި
2019ގެ އާންމު އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި
2024ގައި އެ ގޮނޑިއަށް ދެވަނަ ފަހަރަށް އިންތިހާބުކުރި
ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ރިޔާސީ ޓިކެޓްގެ ވާދަވެރިކަމުގައި އޭނާ ހުންނެވީ ޕްރައިމަރީން މޮޅުވާ ބޭފުޅެއްގެ ކޮޅަށް އަރާ ގޮތަށް. މޮޅުވީ ސޯލިހު.
ސިޔާސީ ހަރަކާތް ފެށުނީ ނަޝީދުގެ ހިތްވަރާއި އެމަނިކުފާނުގެ ސިޔާސީ ފިކުރުގައި ކަމަށް ވިޔަސް، ނަޝީދުގެ ފެކްޝަނާ ގުޅިވަޑައެއް ނުގަންނަވާ
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާކަން 32 އަހަރުގެ މީކާއީލް އިއުލާންކުރެއްވީ ވެސް ޒުވާން އާ ޖީލަކަށް ޕާޓީގެ ލީޑަޝިޕުން ޖާގަ ލިބުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.
"މި ވަގުތު އެމްޑީޕީގެ އެންމެ އިސް އަމާޒަކަށް ވާންވީ ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން. ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ޕާޓީއަށް އެންމެ މުހިންމީ ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން ހޯދައި، ޕާޓީގެ ސަފުތައް ބަދަހިކުރުން،" މީކާއިލް ވިދާޅުވި އެވެ.
"އެކަން ކުރެވޭނީ ވަކިވަކި ލީޑަރުންނާއި ވަކިވަކި ފަރުދުންގެ މަސްލަހަތަށް ވުރެ ޕާޓީގެ އާންމު މެމްބަރުންގެ މަސްލަހަތު އިސްކޮށްދޭނެ ފަރާތެއް ޕާޓީގެ ހުންގާނާ ހަވާލުވެގެން. މޫނަކަށް ކަނދުރާއަކަށް ނުބަލައި ހަމަހަމަކަމާ އެކު ޕާޓީ ހިންގައިދޭނެ ފަރާތެއް ޕާޓީއާ ހަވާލުވެގެން."
ދެން އޭނާ ފާހަގަކުރެއްވީ ވަރަށް މުހިންމު ޕޮއިންޓެކެވެ.
"އަބަދު އެއް މޫނުތަކެއް، އެއް ފިކުރެއް، އެއް ވިސްނުމެއްގައި ޕާޓީ ހިންގުމުގެ ބަދަލުގައި އާ ޒުވާން ޖީލަކަށް ޕާޓީގެ ލީޑަޝިޕުން ފުރުސަތު ދީގެން."
މީކާއީލްއަކީ، އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ގަބޫލުކުރައްވާ ގޮތުގައި، ސޯލިހާއި ނަޝީދުގެ ފެކްޝަނާ ދެމެދު އޮތް ހަލަބޮލިކަމުގެ ތެރޭގައި ޕާޓީ ހިންގަން ރަނގަޅު ޗޮއިސްއެކެވެ. ނަމަވެސް މިހާރު އަނެއްކާ މި ފެނުނީ އެތެރޭގެ އިންތިހާބަކަށް ނަޝީދު ނުކުންނަވާ ތަނެވެ.  ޗެއާޕާސަނަކަށް އެމަނިކުފާނު ހުންނަވައިގެން ނޫނީ އެމްޑީޕީ ދެން ނުހިނގާނެކަން ދެއްކެވުމުގެ އާ ބުރެވެ.
އިއްޔެ ނަޝީދުގެ ވިސްނުންފުޅު އިއުލާންކުރެއްވުމުން ވެސް މީކާއީލްގެ ފަހަތުގައި ތިބި އެމްޑީޕީގެ މެމްބަރުން ގޮތެއް ދުލެއް ނުކުރެ އެވެ. އޭނާގެ ކެމްޕޭން އިތުރަށް ވަރުގަދަކުރަން އުޅޭކަމުގެ ހެކިތައް، ސޯޝަލް މީޑިއާގެ ޕޯސްޓްތަކުން ފެނެ އެވެ.
އެމްޑީޕީގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މީކާއީލްގެ ކާމިޔާބު ގުޅިފައި އޮތީ ސޯލިހުގެ ވެސް މަސައްކަތްޕުޅާ އެވެ. އެހެންކަމުން މީކާއީލް ވާދަކުރައްވާ ނަމަ އެއީ ސޯލިހާއި ނަޝީދުގެ ވެސް ކުރިމަތިލުމެކެވެ.
"ނަޝީދާ ވާދަނުކޮށް މިކަން ނިންމާލައިގެން ނުވާނެ. އެ ރޫހުގައި އަދި މިތިބީ،" މީކާއީލްއަށް ތާއީދުކުރައްވާ އެމްޑީޕީގެ އިސް ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
އެކަމަކު ޕާޓީގެ އެތެރޭގެ ކޯޅުންތައް ކުޑަކުރަން އެހެން ހައްލެއް ވެސް ހޯދުން އެކަށީގެންވެ އެވެ.
ބައެއް މީހުންނަށް މައްސަލައަކަށް ވަނީ ޒުވާނަކު ކުރިމަތިލައްވާފައި ވަނިކޮށް ނަޝީދު ވެސް އިންތިހާބަށް ނުކުންނެވުމެވެ. އެއީ ހަމަހަމަކޮށް ފެނުނަނަސް ހަގީގަތުގައި ހަމަހަމަވުމެއް ނޫނެވެ. ޒުވާން ލީޑަރުން އުފައްދަން ދަައްކަވާ ވާހަކަތަކަކީ 'ކީހާ ޅެން ފަރިއްސަށް ވުމެ'ވެ.
"މި ޕާޓީގެ ވަރަށް ގިނަ މެމްބަރުން އަޅުގަނޑު ދަންނަން ފެށީ 7 ފެބްރުއަރީ 2012ގެ ބަގާވާތަށް ފަހު އުމުރުން 18 އަހަރުގައި ރާޅުގަނޑު ސަރަހައްދުގައި ވާހަކަ ދައްކައިގެން ސްކޫލުން ވަކިކުރި ޒުވާނާގެ ގޮތުގައި،" ވީޑިއޯ މެސެޖްގައި މީކާއީލް ވިދާޅުވި އެވެ.
އެމްޑީޕީގެ 'މުސްކުޅި' ލީޑަޝިޕަށް އެ ވާހަކަ އަޑު އިވިއްޖެ ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ