ގައުމޫ ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ދެވަނަ ބެޗް ފަށައިފި އެވެ.
އެ ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދާ ޅ. މާފިލާފުށީގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮގްރާމް ފައްޓަވައި ދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.
ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ ނެޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 350 ޒުވާނުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 286 ފިރިހެން ބައިވެރިންނާއި 64 އަންހެން ބައިވެރިންނެވެ.
މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައި ދޭނެ އެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ވެސް ކުރިއަށް ގެންދާނެ އެވެ. ހަމައެއާއެކު، ފަސްޓް އެއިޑާއި ފަޔަ ފައިޓިން އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ވެސް ކުރިއަށް ގެންދާނެ އެވެ.
މީގެ އިތުރުން އަސްކަރީ ތަމްރީނުގެ ޙަރަކާތް ވެސް ބައިވެރިންނަށް ތަޢާރަފުކޮށް ދޭނެ އެވެ.
ގައުމީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަ ފަޔަ ފައިޓަ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި ޕިއަ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ލިބޭނެ އެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި 344 ޒުވާނަކު ދަސްވެނިވިފައިވެ އެވެ. އަދި އޭގެ ތެރެއިން 66 ބައިވެރިޔަކު މިހާރު އަންނަނީ ބ. ކިހާދޫގައި ފަންނީ ދާއިރާތަކުން ތަމްރީނުތަކެއް ހަދަމުންނެވެ.
ވަތަނީ ހިދުމަތުގެ ދެވަނަ ބެޗް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ