އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - އީސީގެ މެންބަރުކަމަށް މިއަދު ހުޅުވާލީ އެ ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެ ފަސް އަހަރުގެ ދައުރު އަންނަ މަހަށް ހަމަވާތީ އެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ސަރުކާރުގައި، ފެބްރުއަރީ 2021ގަ އެވެ.
ތަފްސީލު - އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ މިއަދުން ފެށިގެން މި މަހު 21ވާ ބުދަ ދުވަހުގެ މެންދުރު 12 އަށެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12އަށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.
އީސީގެ މެންބަރެއްގެ ޝަރުތުތަކަކީ:
25 އަހަރުވެފައިވާ ދިވެހި ރައްޔިތަކަށްވުން
އިސްލާމްދީނުގެ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ވޭތުވެދިޔަ ފަސް އަހަރު ސާބިތުވެފައި ނުވުން
އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުން
ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުން
ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން
ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ނުވުމާއި 12 މަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހެއް ނަމަ، އެ އަދަބެއް ތަންފީޒު ނުވަތަ މައާފް ކުރިތާ ފަސް އަހަރުވެފައިވުން
މި މަގާމަށް މީހަކު އައްޔަން ކުރާނީ ކުރިމަތިލާ މީހުންގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން، މަޖިލީހުގެ ރުހުން ލިބިގެންނެވެ.
އެނގުން މުހިންމު - ޒާހިރުގެ އިތުރުން ދެން އެ ކޮމިޝަންގައި ތިއްބަވަނީ:
ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު
ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދު
ހަސަން ޒަކަރިއްޔާ
އަބްދުލްހަސީބް އިސްމާއިލް
ޒާހިރުގެ ދައުރު ހަމަވާތީ އީސީގެ މެމްބަރުކަމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ