މެޗު ފަށަން ސަޕޯޓަރުން ބޭނުންވަނީ ފަހްރުއްޒަމާނާއި އައްޔޫބް

ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ޕާކިސްތާނުގެ އޯޕަނިން ބެޓްސްމަނުންނަކީ ފަހްރުއްޒަމާނާއި ސައީދު އަޔޫބް ކަމުގައި ހަދަން ސަޕޯޓަރުން ގޮވާލައިފި އެވެ.
އަމިއްލަ ގައުމުގައި ތަށި ދިފައުކުރަން ކުޅޭ މުބާރާތުގައި ޕާކިސްތާނުގެ ސަޕޯޓަރުން ބޭނުންވަނީ ތަށި ހޯދުމަށެވެ. އަދި މިކަމަށްޓަކައި މެޗު ފަށަން އެންމެ ރަނގަޅު ދެ ކުޅުންތެރިންނަކީ މިއީ ކަމަށް އެމީހުން ދެކެ އެވެ. އަދި މިދިޔަ އަހަރުން ފެށިގެން ޕާކިސްތާނު ކުޅުނު ގިނަ މެޗުތަކުގައި ޒުވާން މި ދެ ކުޅުންތެރިން ގުޅިގެން ރަނގަޅު ޕާޓްނާޝިޕެއް ދައްކައިދީފައިވާތީ އެވެ. މީގެ އިތުރުން ފަހްރުއްޒަމާނަކީ އެންމެ ފަހުގެ މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އެވެ.
ޕާކިސްތާނުނެ މިހާރު ވަނީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލަށް 20 ކުޅުންތެރިންގެ ވަގުތީ ސްކޮޑެއް ދީފަ އެވެ. މި ޓީމުގައި ހިމެނޭ މަޝްހޫރު ކުޅުންތެރިންނަކީ ކެޕްޓަން މުހައްމަދު ރިޒްވާން އާއި ކުރީގެ ކެޕްޓަން އަދި އިތުބާރު ބެޓްސްމަން ބާބަރް އަޒަމް އާއި ބާރު އުކުންތެރިން ކަމަށްވާ ޝާހީން ޝާހް އަފްރީދީ އާއި ހާރިސް ރައޫފެވެ.
މީގެ އިތުރުން ހުނަރުވެރި އަދި ކުރިއަރަމުން އަންނަ ކުޅުންތެރިން ކަމަށްވާ ސައިމް އަޔޫބް އާއި އިރްފާން ހާން ނައިޒީ އާއި ފްހްރުއްޒަމާނަކީ ވެސް ސްކޮޑުގެ މުހިންމު ކުޅުންތެރިންނެވެ. އަދި ސަލްމާން އަލީ އާއި އަބްރާރު އަހުމަދަކީ ވެސް ޓީމުން ޖާގަ ހޯދާފައިވާ ކުޅުންތެރިންނެވެ.
ކެޕްޓަން މުހައްމަދު ރިޒްވާން ބުނީ ނިމިދިޔަ އަހަރަކީ ޕާކިސްތާނުގެ ކްރިކެޓްގައި ގިނަ ނާކާމިޔާބީތަކެއް ކުރިމަތިވި އަހަރެއް ނަމަވެސް މިހާރުގެ ޓީމަކީ ޒުވާން ކުޅުންތެރިންތަކެއް ތިބި ވަރުގަދަ ޓީމެއް ކަމަށެވެ. މިހެންވެ ތައްޓާމެދު ސަޕޯޓަރުން ކުރާ އުއްމީދު ހަގީގަތަކަށް ހަދައިދެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.
ޗެމްޕިއަންސް ޓްރޮފީ މުބާރާތް ޕާކިސްތާނުގައި ފަށާނީ އަންނަ މަހުގެ މެދުތެރޭގަ އެވެ. މުބާރާތުގައި ވާދަކުރަނީ އަށް ގައުމެވެ. ޕާކިސްތާން ހިމެނެނީ އިންޑިޔާ އާއި ނިއުޒީލޭންޑް އަދި ބަނގްލަދޭޝްއާއެކު ގްރޫޕް އޭގަ އެވެ. މީގެ ތެރެއިން އިންޑިޔާއިން ޕާކިސްތާނަށް އައުމަށް ދެކޮޅު ހަދާތީވެ އެ މެޗު ކުޅޭނީ ޑުބާއީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ