ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކޮށް، ހައި ކޯޓުގެ ދެ ގޮއްޕެއް ރާއްޖޭގެ ދެ ސަރަހަދެއްގައި ގާއިމް ކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.
ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓުގައި ތިބެންޖެހޭނީ އުއްތަމަ ފަނޑިޔާރާ އެކު، ގާނޫނަކުން ކަނޑައަޅާ އަދަދެއްގެ ފަނޑިޔާރުންނެވެ. ނަމަވެސް އެ އަދަދަކީ އޮނަހިރި އަދަދަކަށް ވުން ގާނޫނު އަސާސީ ލާޒިމް ކުރެއެވެ.
ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި ސަބަބެއްގެ ގޮތުގައި ޝަރީފް ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިބުމަކީ ރާއްޖެއާ އަޅާ ބަލާއިރު ގިނަ އަދަދެއް ކަމަށް ބެލެވޭތީ ކަމަށެވެ.
ހައި ކޯޓުގެ ދެ ގޮއްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރުމާ ގުޅޭގޮތުން އެ ބިލުގައިވަނީ އެ ބިލް ގާނޫނަކަށް ވާތާ 90 ދުވަސް ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ހައި ކޯޓުގެ ދެ ގޮއްޕެއް ގާއިމް ކުރަންޖެހޭނެ ކަމަށެވެ. ހައި ކޯޓަކީ ހުރިހާ ދަށު ކޯޓެއްގެ ނިންމުން އިސްތިއުނާފް ކުރެވޭ ކޯޓެއް ނަމަވެސް އެ ބިލް ގާނޫނަކަށް ވުމުން އުފައްދާ ހައި ކޯޓުގެ ދެ ގޮފިން ބަލާނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތަކުގެ އިސްތިއުނާފް މައްސަލަތައް ކަމަށް ވެސް އެ ބިލުގައިވެ އެވެ.
އެ ގޮފިތައް ހުންނަންޖެހޭ ރަށްރަށާއި އެ ގޮފިތަކަށް ނިސްބަތްވާ ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު އެ ބިލުން ސުޕްރީމް ކޯޓަށް ދީފައިވާއިރު އެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމަކީ ވެސް ސުޕްރީމް ކޯޓުގެ ބާރެއް ކަމަށް އެ ބިލުގައިވެ އެވެ. މިހާރު ނުވަ ފަނޑިޔާރުން ތިއްބަވާ ހައި ކޯޓުގެ އެ ގޮފި ގާއިމްވުމުން ކޮންމެ ގޮއްޕަކަށް އޭގެ ތެރެއިން ތިން ފަނޑިޔާރަކު އައްޔަން ކުރަންޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
ހައި ކޯޓުގެ ދެ ގޮއްޕެއް ގާއިމްކުރަން ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ޝަރީފް ވިދާޅުވެފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކުގެ ނިންމުންތައް އަވަހަށް އިސްތިއުނާފް ކުރެވޭ ގޮތް ހެދުމެވެ.
ހައި ކޯޓުގެ ދެ ގޮއްޕެއް ހަދަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅިއިރު މީގެ ކުރިން އައްޑޫގައި ހައި ކޯޓުގެ ގޮއްޕެއް ގާއިމް ކުރުމުގެ މަސައްކަތް ހައި ކޯޓުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް މިހާރު އެކަން އޮތީ ކޮންމެވެސް ވަރަކަށް މަޑުޖެހިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ