ހިތްދަތިކަމާ ކަންބޮޑުވާންޖެހޭ ކަންކަން ގިނަވާނަމައޮތީ އުފާކުރުން! ޔަޤީންކުރަންވީ ތިމާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންވާވަރު ބޮޑީކަން!: މުފްތީ މެންކް

މިއީ އެންމެ ގިނައިން ހަނދާންކޮސްދެވޭ ކަންކަމެވެ. ތަކުރާރުކޮށް މިކަންކަން ހަނދާންކޮށްދޭން މިޖެހެނީ ކޮންމެ ދުވަހަކުވެސް އެންމެ ގިނަބައެއްގެ ކަންބޮޑުވުމުގެ ޝަކުވާތައް ލިބެނީ މިފަދަ ކަންކަމުގައިކަމަށްވާތީއެވެ! އެމީހުންނަށް ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވުމާއި އަދި ހިތްދަތިވާންޖެހޭ ޙާލަތު ކުރިމަތިވެގެންކަމަށްވާތީއެވެ.
އެންމެ ގިނަ، އެންމެ ބޮޑެތި ކަންބޮޑުވުންތައް ކުރިމަތިވެފައިވާ މީހުންނޭވެ! އެންމެ ބޮޑަށް މާޔޫސްވެ އެންމެ ހިތްދަތިހާލުގައިވާ މީހުންނޭވެ! ތިއަބައިމީހުން ތިއަވަނީ ﷲ ތަޢާލާގެ ރަޙްމަތުގައެވެ. ތިއަބައިމީހުން ޖެހިފައިވާ ހާލު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ތިއަބައިމީހުން ޢަމަލުކުރަމުންގެންދާ ގޮތްވެސް ދެނެވޮޑިގެންވެއެވެ. އެކަންކަން ﷲ ތަޢާލާ ހިނދުންހިނދަށް ބައްލަވައި ވޮޑިގެންވެއެވެ.
ބޭނުންވަނީ ހަމަ އެންމެ ކަމެއް ހަނދާންކޮށްލައިދޭށެވެ. އެއީ އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާވަރަކަށް ކުރިމަތިކުރައްވަވާ އިމްތިޙާނުތައް ބޮޑެތިވެފައި ވަރުގަދަވާނެ ކަމެވެ. ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިކުރެއްވެވުން ގިނަވާނެކަމެވެ. އުފުލަންޖެހޭ ތަކްލީފްތައްވެސް ގިނަވާނެކަމެވެ.
ވީމާ ތިމާއަށް ކިތަންމެ ބޮޑު ނިކަމެތިކަމެއް ލިބުނު ނަމަވެސް، ކިތަންމެ ބޮޑު ތަކްލީފެއް އުފުލަންޖެހުނު ނަމަވެސް އަދި ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ތަޤްވާވެރިކަމުގައި ފަހަތަށް ނުޖެހޭށެވެ. ހިތްހަމަނުޖެހުމާއި އުފުލަންޖެހޭ ތަކްލީފްތައް ބޮޑުވާވަރަކަށް ﷲ ތަޢާލާ އާއި ކުއްތަންވުމަސް ކުރާ މަސައްކަތް އިތުރުކުރާށެވެ. ﷲ ތައާލާގެ ޙަޟްރަތުން މަދަދަށް އެދުން ގިނަކުރާށެވެ.
ކެތްތެރިވެ އެކަންކުރެވިއްޖެ މީހަކަށް މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އޮތީ އުފާވެރިކަމެވެ. ބާއްޖަވެރިކަމެވެ.
ކުރިމަތިކުރައްވަވާ ކޮންމެ އިމްތިޙާނެއް ކުރިމަތިކުރެއްވެވުމުގެ ފަހަތުގައި ބޮޑު ޙިކުމަތެއް ފޮރުވިގެންވާނެއެވެ. މުއްދަތެއް ނެގިނަމަވެސް ކެތްތެރިވެ ފާސްވުމުން އެކަން އެނގިގެންދާނެއެވެ. ބަދަލުގައި ދެއްވަވާ ނިޢްމަތްތައް މާފުރިހަމަވެގެންދާނެއެވެ. ދުނިޔޭގައި ކުރިމަތިކުރައްވަވާ އިމްތިޙާނުން ފާސްވެއްޖެނަމަ ބަދަލެއްގެ ގޮތުން ދެދުނިޔޭގެ އުފާ ޙާޞިލުނުކުރެވޭ ހަމައެކަކުވެސް ނުހުންނާނެއެވެ! އެއީ ޔަޤީންކަމެކެވެ.
އަތްމަތި ދަތިވެއްޖެނަމަ އޮތީ ވައްކަންކުރުމެއް ނޫނެވެ. ބައިވެރިޔާ އާއިމެދު ހިތްހަމަނުޖެހިއްޖެނަމަ އޮތީ ޚިޔާނާތްތެރިވެ ފާހިޝް ޢަމަލުތައް ކުރުމެއް ނޫނެވެ. ވަޒީފާ ގެއްލިއްޖެ ނަމަ އޮތީ މާޔޫސްވެ އެބަލީގެ ޝިކާރައަކަށްވުމެއް ނޫނެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވާށެވެ! ތަޤްވާވެރިކަން އިތުރުކޮށް އަޅުކަންކުރުން ގިނަކުރާށެވެ! ފާފަކުރުން މުޅިން ހުއްޓައިލާށެވެ! ތައުބާވުމާ ޛިކުރުކުރުމާ ދުޢާކުރުން ގިނަކުރާށެވެ! އަދި އެކަންކަން ކުރުމާއިއެކު ޙައްލު ހޯދަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި މަސައްކަތްކުރާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ