ތިނަދޫ ކައުންސިލަށް އެލްޖީއޭއިން އެޅި ފިޔަވަޅަކީ ރައީސްގެ އިރުޝާދާއެކު ހިންގި ޖަރީމާއެއް: ޝާހިދު
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތިނަދޫ ސިޓީ ކައުންސިލަށް ފިޔަވަޅު އަޅައި، ތިނަދޫގެ މޭޔަރު ސަޢުދު ޢަލީއާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑްކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް ކަމަށާއި އެއީ ހިންގި ޖަރީމާއެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ތުހުމަތުކުރައްވައިފިއެވެ. އެލްޖީއޭއިން އެހެން ނިންމާފައި ވަނީ އެ ކައުންސިލާ ގުޅޭގޮތުން އެ އިދާރާއަށް ހުށަހަޅައިފައިވާ މައްސަލަތައް ބެލުމަށް ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހުއެވެ. އެލްޖީއޭއިން ބުނީ ތިނަދޫ ސިޓީ ކައުންސިލުން އެ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާކަމަށެވެ. އަދި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކައުންސިލްގެ މިންގަނޑާ ޚިލާފަށް މޭޔަރާއި މެންބަރުން ޢަމަލުކުރާކަމަށް ބުނެ އާންމުން ދައުލަތުގެ އެކި އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ. https://x.com/abdulla_shahid/status/1937853772715397604 އެކަމާ ނުރުހުން ފާޅުކުރައްވައި ޝާހިދު ވިދާޅުވީ، ތަކުރާރުކޮށް ލާމަރުކަޒީ ނިޒާމަށް ފާޑުކިޔައި، ކައުންސިލަރުން މަދުކުރާނެ ކަމުގެ އިންޒާރަށް ފަހު، ތިނަދޫ ކައުންސިލަށް ފިޔަވަޅު އެޅުމަކީ ލާމަރުކަޒީ ނިޒާމަށާއި އެންމެހައި ކައުންސިލުތަކާއި ރަށްރަށް ހިންގަން ތިބި ރައްޔިތުންގެ މަންދޫބުންނަށް ދިން ވަރަށް ވެސް ފިނޑި ހަމަލާއެއް ކަމަށެވެ. އެ ކަމުން ދޭހަވަނީ ސަރުކާރު ކުރިއަށް އޮތް ކައުންސިލު އިންތިޚާބުން ބޮޑުތަނުން ބަލިވާނެ ކަން ކަމަށާއި އިންތިޚާބަށް ނުފޫޒު ފޯރުވާނެކަން ކަމަށް ޝާހިދު ވިދާޅުވިއެވެ. އޭގެއިތުރުން، ރައްޔިތުން އެފަދަ ކަންކަން ބަލައި ނުގަންނާނެކަން ފާހަގަކުރައްވައި، އޭނާ ވަނީ ލާމަރުކަޒީ ނިޒާމަށް ޖާގަ ދިނުމަށާއި ތިނަދޫ ކައުންސިލަށް އެޅި ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ. ޝާހިދު އެހެން ވިދާޅުވި ފަހުން، އެލްޖީއޭގެ އަމަލު ކުށްވެރިކޮށް އެމްޑީޕީ ނެރުނު ބަޔާނެއްގައި ވަނީ، އެއީ ކައުންސިލް އިންތިޚާބާ ދިމާކޮށް އެ ކައުންސިލުގެ އަގު ވައްޓާލުމަށާއި އެ ޕާޓީގެ ކައުންސިލަރުންގެ ބާރު ކަނޑުވާލުމަށް ޕީއެންސީން ކޮށްފައިވާ ކަމެއް ކަމަށެވެ. އެގޮތުން، އެލްޖީއޭއިން ފިޔަވަޅު އަޅާފައި ވަނީ، ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ބޭނުންވާ ގޮތަށް އެކައުންސިލުން އަމަލުނުކުރާތީ ހުށަހެޅި 'ހަގީގަތެއް ނެތް' މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. https://x.com/MDPSecretariat/status/1937870970125209617 "އެމައްސަލަތައް ނުބަލައިގެން ތަކުރާރުކޮށް އެލްޖީއޭއަށް ނުފޫޒު ފޯރުވާފައިވާއިރު، ކައުންސިލަރުންނަށް އެކި ޕްލެޓުފޯމުތަކުގައި ސަސްޕެންޑުކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ" އެމްޑީޕީން ބުނެއެވެ. މިހާތަނަށް އެލްޖީއޭއިން ތިނަދޫ ކައުންސިލްގެ އިދާރީ ހިންގުން އިސްލާހުކުރުމަށް އެއްވެސް ފިޔަވަޅެއް އަޅަން އަންގާފައިނުވާކަމަށް އެޕާޓީން ތުހުމަތުކޮށްފައިވެއެވެ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ ސަސްޕެންޑުކޮށްފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަށެެވެ. އަދި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެނޑުކޮށްފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ. އެލްޖީއޭއިން ބުނީ އެ އޮތޯރެޓީއިން އެންކުއަރީ ހަދާފައިވަނީ ޖުމްލަ 19 ކަމެއްގެ މައްޗަށް ބެލުމަށްފަހުގައި ކަމަށެވެ. އޭގެތެރޭގައި އެ އޮތޯރިޓީއަށް ހުށަހަޅައިފައިވާ ޝަކުވާތަކާއި ސަރުކާރުގެ އިދާރާތަކަށް ހުށަހަޅައިފައިވާ ކަންކަން ހިމެނޭކަން ވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ ސިޓީ ކައުންސިލެއް އުފައްދާފައި ނުވަނީސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެމްބަރުންގެ މުސާރައާއި ތިނަދޫ ސިޓީ ކައުންސިލްގެ މެޔަރާއި މެމްބަރުން ނަގާފައިވާ މައްސަލައިގެ އިތުރުން އަދިވެސް ބައެއް މައްސަލަތައް އެލްޖީއޭއިން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ