ގާނޫނުގައި ބުނާ މުއްދަތު ނުލިބޭތީ އަންނަ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހު ހުސްވާ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ބައި-އިލެކްޝަން ނުބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ގޮޑި ހުސްވަނީ މިހާރު އެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ މެމްބަރު އަދި ރާއްޖޭގެ އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަންނަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައި ވާތީއެވެ.
ހަބީބު ވިދާޅުވީ ފަރެސްމާތޮޑާ ދާއިރާގެ ގޮޑި ހުސްވާ ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް އާއްމު އިންތިހާބާ ދެމެދު ގާނޫނުގައި ބަޔާން ކުރާ މުއްދަތު ނުލިބޭނެތީ އެ އިންތިހާބު ބާއްވަން ނުޖެހޭނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މެމްބަރުކަމުން އިސްތިއުފާދޭން ބޭނުންވެއްޖެ ނަމަ އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ސިޓީއަކުން އެކަން ހުށަހަޅައި އެ ސިޓީ މަޖިލީހުގެ ރައީސްއަށް ލިބުމުން އެ މެމްބަރަކު މެމްބަރުކަމުން ވަކިވީއެވެ.
މަޖިލީހުގެ ގޮޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެމްބަރަކު އިންތިހާބުކުރުމަށް ގަވާއިދުގައި ބުނެފައިވާއިރު މެމްބަރުކަމުގެ ގޮޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް އާއްމު އިންތިހާބާ ދެމެދު އޮތީ 6 މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އެ ހުސްވި ގޮޑިއަށް އަލުން މެމްބަރަކު އިންތިހާބުކޮށްގެން ނުވާނެކަމަށް ގަވާއިދުގައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ މަޖިލިސް އިންތިހާބަށްފަހު ފުރަތަމަ ޖަލްސާކުރާ ތާރީހުން ފެށިގެން 5 އަހަރުދުވަހުގެ މުއްދަތެކެވެ. މި މުއްދަތު ހަމަވުމުން މަޖިލިސް އުވުނީއެވެ.
ގާނޫނުގައި ބުނާ މުއްދަތު ނުލިބޭތީ ފަރެސްމާތޮޑާ ދާއިރާގެ ބައި-އިލެކްޝަން ނުބާއްވާނެ: ހަބީބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ