ކޯޓުން ބޭރުގައި މައްސަލަތަކުގެ ވާހަކަ ދައްކާތީ ގއ ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ސަސްޕެންޑްކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ، ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާނުކުރާކަމާއި، މައްސަލަތަކުގެ ޙުކުމާއި، މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރުކުރަންޖެހޭކަމަށް އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަދުވަސްވެ އެ މައްސަލަތަކަށް އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް އިޙުމާލުވެފައިވާކަމަށެވެ.
އަދި ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ދައްކާކަން އެ ކޮމިޝަންގެ ތަޚްޤީޤަށް ސާބިތުވެފައިވާކަމަށެވެ.
އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރަން އެކޮމިޝަނުން ނިންމާފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގާއި ޚިލާފަށް އަމަލު ކޮށްފައިވާތީ މިދިޔަ އަހަރުގެ މާޗް މަހުގެވެސް ސަސްޕެންޑްކޮށްފައިވެއެވެ.
މިދިޔަ އަހަރު މުހައްމަދު އިބްރާހީމް ސަސްޕެންޑްކޮށްފައިވަނީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް، އޭނަގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށްފަހު، އެމައްސަލާގައި ދަޢުވާލިބޭފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި ސޮއިކޮށްފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްކަމާއި، އަމުރުތަކުގައި ސޮއިކުރުމަށް އެ މައްސަލައާ ޙަވާލުވެހުރި މެޖިސްޓްރޭޓް އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ކައިރީ އެދިފައި ނުވާނެކަމަށް ބުނެފައިވާތީއާއި، އަދި އެ ޤަޟިއްޔާއާ ގުޅިގެން ދަޢުވާލިބޭފަރާތާ މުޢާމަލާތު ކޮށްފައިވާ ހުރިހާ ލިޔުމެއްގައި ސޮއިކޮށްފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްކަމަށްވާތީ، އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި، އޭނަ ޢަމަލީގޮތުން މަސައްކަތް ކޮށްފައިވާކަން ސާބިތުވެފައިވާތީއެވެ.
ކޯޓުން ބޭރުގައި މައްސަލަތަކުގެ ވާހަކަ ދައްކާތީ އިސްމެޖިސްޓްރޭޓަކު ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ