ޕެރިސް (މެއި 15) - އަންނަ މަހު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ނެގި ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު، އެޑޮއާޑޯ ކަމަވިންގާ އަށް ޖާގަ ނުލިބި ބާކީވެއްޖެ އެވެ.
އެ ގޮތުން، ޑިޑިއޭ ޑެޝޯޕްސް ނެގި 26 ކުޅުންތެރިންގެ ސްކޮޑުން ކަމަވިންގާގެ އިތުރުން ވެސް މަޝްހޫރު ކުޅުންތެރިންތަކަކަށް ޖާގަ ވަނީ ގެއްލިފަ އެވެ.
ފްރާންސަށް 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިދިން ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން، މި ފަހަރުގެ ޓީމުގައި ހިމެނުނީ، ކީލިއަން އެމްބާޕޭ، އޮސްމާން ޑެމްބެލޭ، އެންގޯލޯ ކާންޓޭ އަދި ލޫކަަސް ހެނާންޑޭޒް އެވެ. އެކަމަކު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި ސްކޮޑުގައި ހިމެނުނު، ކަމަވިންގާ އާއި ރަންޑަލް ކޯލޯ މުއާނީ އަށް މި ފަހަރު ފުރުސަތު ލިބޭ ގޮތެއްނުވި އެެވެ. މީގެ އިތުރުން، އަނިޔާގެ ސަބަބުން، ހޫގޯ އެކިޓީކޭ ވެސް ޓީމުގައި ނުހިމެނޭނެ އެވެ.
ސްކޮޑާ ބެހޭގޮތުން، ވާހަކަ ދައްކަމުން ޑެޝޯޕްސް ބުނީ، މިއީ، ވަރުގަދަ ޓީމެއް ނެރެން ބޭނުންވާ ސްކޮޑެއް ކަމަށެވެ. އަދި، މި ޓީމުގައި ތިބި 26 ކުޅުންތެރިންނަކީ އެންމެ މޮޅު ކުޅުންތެރިންްނަށް ވާން ނުޖެހޭ ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.
"މީގެ އެންމެ މުހިންމު ކަމަކީ، ރަނގަޅު ބެލެންސެއް އޮތުން، ޓީމެއްގެ ގޮތުގައި ކުޅެން އެނގުން،" ޑެޝޯމްޕްސް ބުންޏެވެ.
"އަހަންނަށް އެނގޭ، މިސާލަކަށް ކަމަވިންގާ ކަހަލަ ކުޅުންތެރިންނަށް މި ނިންމުމުން ވަރަށް އަސަރުކުރާނެ. އެއީ، ވަރަށް އުނދަގޫ ސީޒަނަކުން އޭނަ އެ އަންނަނީ، ގިނަ މެޗުތަކެއްގައި ނުކުޅެވި، އަނިޔާއާ ހެދި ގިނަ މެޗުތަކެއް ގެއްލި، އަހަންނަށް ކުރަން ޖެހޭ ކަމަކީ، ހާލަތަށް ބަލައި އެންމެ ރަނގަޅު ޓީމެއް ނެގުން،" ޑެޝޯމްޕްސް ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު، ޑެޝޯމްޕްސް، ފްރާންސްގެ ކޯޗުކަމުން ވަކިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ވޯލްޑް ކަޕްގައި ފްރާންސް ކުޅޭ ފުރަތަމަ މެޗު އޮތީ އަންނަ މަހުގެ 16 ވަނަ ދުވަހު ސެނެގާލްއާ ދެކޮޅަށެވެ. އަދި، އަންނަ މަހު 22 ވަނަ ދުވަހު އިރާގާ ދެކޮޅަށް ކުޅުމަށް ފަހު، ގްރޫޕްގެ ފަހު މެޗުގައި، އަންނަ މަހުގެ 26 ވަނަ ދުވަހު ނޯވޭއާ ބައްދަލުކުރާނެ އެވެ.
ކަމަވިންގާ އަށް ފްރާންސްގެ ވޯލްޑް ކަޕް ސްކޮޑުން ޖާގައެއް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ