އިޤުރާރުވީމޭ ލޯބިން - 39

"ހިނގާ ދާން. އިރުކޮޅަކުން އައިސް ޖެހޭނެ ކޮންމެވެސް އެއްޗެއް ކާން." ޒަހްރާން ބުނެލިއެވެ. އެއާއެކު އައިރާ ބޯ ޖަހާލާފައި ދޮރާ ދިމާލަށް ހިނގައިގަތެވެ. ދެވަނަ ސިކުންތުގައި ހައިރާންކަމެއް ވެރިވީ އޭނާއަށް ފެނުނު މީހެއްގެ ސަބަބުންނެވެ. އެއީ އޭނާއާ ދާދި އެއް އުމުރެއްގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާއަށް ވެސް އައިރާ ފެނުމާއެކު ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. ހީވީ އައިރާކަން ޔަޤީންކުރަން ބޭނުންވިހެންނެވެ. ދެވަނަ ސިކުންތުގައި އޭނާ ވެސް އައިސް އައިރާއާ ދާދި ގާތުގައި ހުއްޓިއްޖެއެވެ. "އައި... އައިރާ..." އައިރާއަށް އެންމެ ފުރަތަމަ ގޮވައިލީ ވެސް އެ އަންހެން ކުއްޖާއެވެ. ހައިރާންކަމާ އުފާވެރިކަން އެ އަޑުގައިވިއެވެ. "ނަފާ.." އައިރާއަށް ވެސް އޭނާގެ ދުވަސްވީ ރަޙްމަތްތެރިއާއަށް ގޮވައިލެވުނެވެ. ނަފާ ލަންކާއަށް ބަދަލުވިފަހުން އޭނާއަށް ނަފާ އެ ފެނުނީ އަލަށެވެ. ބޮޑެތި ބަދަލުތަލެއް ނަފާއަށް އައިސްފައި ވެއެވެ. އެގޮތުން ކުރީގައި ފަލަކޮށް ހުރި ހަށިގަނޑު މިހާރު ހުރީ ރޫފަ ހެޔޮ ވަރަކަށެވެ. ހުރީ ބުރުގާ އަޅާފައެވެ. ލާފައިވަނީ ވަޅުފެހިކުލައިގެ އަބާޔާ ހެދުމެކެވެ. "އައިރާ... މިތާ ކީއްކުރަނީ؟" ނަފާއަށް އައިރާގެ ގައިގައި ބައްދައިލެވުނެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުމާއެކު، އައިރާއަށް ޒަހްރާނަށް އަވަސް ނަޒަރެއް ދެވުނެވެ. "އޯހް. މީ..." އައިރާއާ ދުރުވެލުމަށްފަހު، ނަފާ ވެސް ޒަހްރާނަށް ބަލައިލިއެވެ. މިފަހަރު ވެސް އައިރާއަށް ޚިޔާރުކުރެވުނީ ހިމޭންކަމެވެ. އެ ސުވާލަށް ޖަވާބު ދިނީ ޒަހްރާނެވެ. އޭނާ ބުނީ އައިރާއަކީ އޭނާގެ ރަޙްމަތްތެރިއެއްކަމަށާއި، އަޔާޝްއަކީ އޭނާގެ ބޭބެ ކަމުގައެވެ. ނަފާ ހިނިތުންވެލުމަށްފަހު، ލަޔާލީ އަކީ، އޭނާގެ ވަރަށް ގާތް ރަޙްމަތްތެރިއެއްކަމުގައި ބުނެލިއެވެ. އަދި އެ ދެމީހުން ދިމާވީ ލަޔާލީ ލަންކާގައި ކިޔަވަން އުޅުނުއިރު ކަމުގައި ވެސް ބުންޏެވެ. އޭގެ ފަހުން އެ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިއްޖެކަމުގައި އޭނަ ބުނެލިއެވެ. ނަފާ އައިރާމެންނަށް ވަރަށް ފުންކޮށް ބަލައިލިއެވެ. ޒަހްރާނަކީ އައިރާގެ ހަމައެކަނި ރަޙްމަތްތެރިއެއް ނޫންކަން އޭނާއަށް ފަހުމްވި ނަމަވެސް، އެ ވަގުތު އައިރާއާ ސުވާލުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. "އެބަ އަންނަން އިނގޭ. މިރޭ ޚާއްސަވާ ދެމީހުންނާތާ ފުރަތަމަ ވާހަކަ ދައްކާލަންވާނީ..." އެހެން ބުނެލުމަށްފަހު ނަފާ ލަޔާލީ މެންނާ ދިމާލަށް ހިނގައިގަތުމުން، އައިރާއާ ޒަހްރާނާ ދެމީހުން ވެސް ނުކުތީ ބޭރަށެވެ. ސަރައްކާލީގައި މަޑުކޮށްލުމާއެކު އައިރާ ޒަހްރާނަށް ބަލައިލިއެވެ. "ރަށުގައި އަހަރެންގެ ހުރި ހަމައެކަނި އެކުވެރިޔާއެއީ. އޭނަ ނޫނީ އަހަންނާ ހިޔްހެޔޮކަމާއެކު އަނގައިން ބުނެލާނެ މީހަކު ނޫޅޭނެ. އެނގޭތަ؟ އަހަރެން މިކަހަލަ ކުއްޖަކަށް ވުމަކީ އަހަރެންގެ ކުށެއް ނޫނޭ، ޒަހްރާންގެ އިތުރުން ބުނި ހަމަ އެކަނި މީހަކީ ނަފާ. އެކަމަކު އޭނަ ވެސް ލަންކާއަށް ބަދަލުވީމަ އަހަންނަށް އޭނަ ގެއްލުނީ. އެކުވެރިވެރިކަން ވެސް ގެއްލިގެން ދިޔައީ..." އައިރާގެ އަޑުގައި ހިތި އަސަރެއް ވެއެވެ. މާޒީގެ ހަނދާންތައް އޭނައަށް އާވާން ފެށިއެވެ. ރަށުގައި އޭނާއަށް މީހުން ރައްދުކުރި ހިތި ބަސްތައް ވެސް މެއެވެ. އޭނައަށް ކުރި މަލާމާތްވެސް މެއެވެ. "އެ ދުވަސްތައް ދުވަހަކު ވެސް ހަނދާނަކުން ނުފުހެވޭނެ." އައިރާއަށް ބުނެވުނެވެ. އޭނާގެ ދެލޯ ފެންކަޅިވިއެވެ. "ދެން ނުރޯނެ... ޕްލީޒް..." ޒަހްރާން އައިރާގެ އަތުގައި ހިފައްޓައިލިއެވެ. "ނުރޮމޭ..." އައިރާ އޭނާގެ ޝަހާދަތް އިނގިލިން ދެލޯ ފުހެލިއެވެ. އެއަށްފަހު ހިނިތުންވެލަން މަސައްކަތްކުރިއެވެ. "ދޮންބެގެ ކައިވެނި ވެސް ކުރެވުނީ. އިންޝާ ﷲ ، އަހަރެން އަހަރެމެން ދެމީހުންގެ ވާހަކަ ބައްޕަ ކައިރީގަ ބުނާނަން..." ޒަހްރާން ބުނެލިއެވެ. "އަހަރެން ޒަހްރާނަށް އިތުބާރުކުރަން." އައިރާ ބުނެލިއެވެ. ޒަހްރާން ވެސް ހީނލިއެވެ. އޭނަ އައިރާގެ ކޯތާފަތުގައި އަތް ޖައްސައިލަން އަތް ހިއްލާލާފައިވެސް އަތްތިލަ ޖީބަށް ކޮށްޕައިލިއެވެ. ހީވީ އަމިއްލަ މީހާގެ އިޙްސާސްތައް ކިޔަމަން ކުރަން މަސައްކަތްކުރި ހެންނެވެ. ޒަހްރާންއަށް ވީ ގޮތް ގާތުން ފެނުނު އައިރާއަށް ހިނިތުންވުން ފުޅާކޮށްލެވުނެވެ. ޒަހްރާނަށްޓަކައި އޭނާގެ ހިތުގައިވާ މަޤާމުވަނީ އެތަކެއް ދަރަޖައެއް އުފުލިފައެވެ. އެއީ މީގެ ކުރިން ރިހާމަށް ވެސް އޭނާގެ ހިތުން ދެވުނު ދަރަޖައެއް ނޫނެވެ. މިހާރު ކުރެވެނީ ވެސް އޭރު ކުރެވުނު އިޙްސާސެއް ނޫނެވެ. މިއީ މުޅިން އާ އިޙްސާސެކެވެ. އޭނާއަށް މުޅީން އާ ޖަޒުބާތުތަކެކެވެ. އަދި މުޅިން އާ އަސަރެއް ވެސް މެއެވެ. "އައި ލަވް ޔޫ އައިރާ... އައި ލަވް ޔޫ ސޯ މަޗް." ޒަހްރާން އައިރާގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުނެލިއެވެ. އައިރާ އިސްޖަހައިލިއެވެ. "އަހަރެން ވެސް..." އޭނަ އިޤުރާރުވިއެވެ. އެއީ އޭނަ ފިލަން ދުވި އިޙްސާސްތަކެއް ނަމަވެސް، އައިރާ ވަނީ މިހާރު އެ ހުރިހާ އިޙްސާސެއް ވެސް ހިތުން ރުހުމުން ޤަބޫލުކޮށްފައެވެ. ލޯތްބަކީ ބާރުގަދަ ޖަޒުބާތެކެވެ. ފިލަން ދުވިއެއްކަމަކު، އެއާ ދިމާލަށް މީހާ ގެންދާ ދަމާބާރެކެވެ. އެއީ ފުހެލަން ދަތި އިޙްސާސެކެވެ. ހިތަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެކެވެ. ފިނިކަމެވެ. އަދި ހިތެއްގެ އުފާ ބިނާވާ މައިގަނޑު އެއް އަސާސް ވެސް މެއެވެ. "ދެން ހިނގާ އެތެރެއަށް..." އިރުކޮޅެއް ފާއިތުވީ ފަހުން، ޒަހްރާން ބުނެލިއެވެ. އައިރާ ވެސް މިފަހަރު ދެކޮޅެއް ނުހަދައެވެ. ޒަހްރާން ކައިރީގައި ހުރުމުން ކަންތައްތަކާ ކުރިމަތިލާން ފަސޭހަވެގެން ދިޔައެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު އިތުރުވެއެވެ. އެހެން އެއްވެސް މީހެއްގެ ފަރާތުން ދުވަހަކު ނުލިބޭހާ ޙިމާޔަތާ ރައްކާތެރިކަން އޭނާއަށް ޒަހްރާންގެ ކިބައިން އިޙްސާސްކުރެވެއެވެ. ދެމީހުން އެކުގައި ހިނގާލާފައި ގޮސް، ހޯލް ތެރެއަށް ވަނެވެ. އެ މަންޒަރު ފެނުނު، މުރާދުގެ މޫނުމަތި ބަނަވިއެވެ. އައިރާއަށް މުރާދު ފެނުނުއިރު، އެ މޫނުމަތީގައިވި އަސަރުތައް ފާހަގަކުރެވުމާއެކު މެއަށްގޮތެއް ވެލިއެވެ. އެ ނަޒަރުން އޭނާއަށް އުނދަގޫވިއެވެ. ކީއްވެކަމެއް ނޭނގެއެވެ. މުރާދު އޭނާއަށް އެހެންޏާ ބަލާ ގޮތާ އެ ނަޒަރާ ހުރި ފަރަޤު އޭނައަށް ފާހަގަކޮށްލެވުނެވެ. ގޯސް ގޮތަކަށް ވިސްނަން ބޭނުން ނުވިޔަސް، އައިރާގެ ސިކުނޑީގެ ކަނަކުން އޭނާއަށް ފާޑަކަށް އިންޒާރު ދީފިއެވެ. "ކިހިނެއްވީ؟" އައިރާގެ ހާސްކަން ފާހަގަކުރެވުނު ޒަހްރާން ސުވާލުކޮށްލުމާއެކު، އައިރާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ. އެހެންނަމަވެސް، އައިރާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ޒަހްރާނަށް މުރާދު ފެނުމުން ވީ ގޮތް ނަގައިގަނެވުނެވެ. އައިރާ ލަޔާލީމެންނަށް ބަލައިލި ވަގުތު، އޭނަގެ ކައިރީގައި ހުރި ނަފާ އެ ދިމާލަށް އައުމަށް އިޝާރާތްކޮށްލިއެވެ. އެއާއެކު އައިރާއާއި ޒަހްރާން ވެސް އެ ދިމާލަށް ދިޔައެވެ. ނަފާ ލަޔާލީއަށް އައިރާ ތަޢާރަފްކޮށްދިނެވެ. "ސްމޯލް ވޯލްޑް..." އަޔާޝް ބުނެލިއެވެ. ގިނަ ވަގުތު އައިރާއާއެކު ނަފާ ހޭދަކުރިއެވެ. ވަރަށް ގިނަ ވާހަކަތައް ދެމެދުގައި ދެކެވުނެވެ. އެހެންނަމަވެސް، ނަފާ އައިރާއާ ބެހޭގޮތުން ސުވާލުކުރާ ކޮންމެ ފަހަރަކު އައިރާއަށް ހިމޭންކަން ޚިޔާރުކުރެވެނީ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ގިނަ ފަހަރަށް ޖަވާބު ދެވެނީ ވެސް މާ އެކަށީގެންނާ ގޮތަކަށް ނޫނެވެ. ނަފާ ވެސް މާ ބޮޑަށް ހުރިހާކަމެއް އޮޅުން ފިލުވަން ނޫޅުނީ މާހައުލުގެ ގޮތުންނެވެ. އައިރާ ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި އުޅޭހެން އޭނާއަށް ހީވާން ފެށިއެވެ. ފަހުން ދިމާކޮށްފައި ރަނގަޅަށް ވާހަކަ ދައްކަން އޭނަ ނިންމިއެވެ. އޭނަ އައީ ލަޔާލީގެ ކައިވެންޏަށް، ލަޔާލީގެ އެދުމަށް ނަމަވެސް، ލަންކާއަށް ދާނީ އަދި ތިން ހަފްތާ ފަހުންނެވެ. ސަބަބަކީ އޭނައާއެކު މަންމަމެންނަށް އައިސް އުޅޭތީއެވެ. އެމީހުން ރާއްޖެ އެއައީ އެތަކެއް އަހަރެއް ފަހުންނެވެ. ވަގުތުތައް ފާއިތުވަމުން ގޮސް ހަފްލާ ނިމެން ކައިރިވެއްޖެއެވެ. އައި ގިނަ މެހެމާނުންތައް ވެސް ހިނގައްޖެއެވެ. މިހާރު އެތަނުގައި ތިބީ އާއިލާއާ ގާތް މީހުން އެކަންޏެވެ. އަރައިގެން ހުރި އުސް ފައިވާނުގެ ސަބަބުން، ލަޔާލީގެ ފައިގައި ރިއްސަން ފަށައިފިއެވެ. "އަހަރެންގެ ފައިގަ ވަރަށް އެބަ ރިއްސާ..." ކޮޅަށް ހުންނަން ދަތިވެފައިވާ ފަދައަކުން، ލަޔާލީ ބުންޏެވެ. "ހިނގާ އިށީނދެލަން ދާން." އައިރާ ބުނެލިއެވެ. އޭރު އީލާފް ވެސް އެތަނުގައި ހުއްޓެވެ. "އެ ތެދެއް ދޮންބެ ދައްތާ... ހިނގާ އިށީނދެލަން. މިހާރު ދެން ގާތްގަނޑަކަށް ނިމުނީނު މީ.." އެހެން ބުނެލާފައި އޭނާ އެއްފަރާތުގައި ހުރިގޮނޑިއަށް އިޝާރާތް ކޮށްލިއެވެ. އަޔާޝް ބޯ ޖަހައިލުމުން، ލަޔާލީ ގޮނޑީގައި އިށީނދެލިއެވެ. އަޔާޝް ތިރިވެލުމަށްފަހު، ލަޔާލީގެ ފައިވާން ފަޔާ ވަކިކޮށްލިއެވެ. "އޯކޭތަ މިހާރު؟" އޭނަ ސުވާލުކޮށްލިއެވެ. އަޔާޝްގެ އަތް އޭނާގެ ފައިގައި ޖެހުނު ވަގުތު ކުރުވި އިޙްސާސުން ލަޔާލީގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާ ބޯ ޖަހައިލިއެވެ. އެވަގުތު އީލާފް ލަޔާލީއާއެކު ފޮޓޯ ނަގަން ބޭނުންވެގެން އުޅެން ފެށުމުން އަޔާޝް ކުޑަކޮށް ދުރަށް ޖެހިލިއެވެ. "ދޮންބެ. ކޮން އިރަކު ފުރަނީ؟" ޒަހްރާން އަޔާޝްއާ ސުވާލުކޮށްލިއެވެ. "ދެ ދުވަސް ފަހުން." އަޔާޝް ބުނެލިއެވެ. ކައިވެންޏަށްފަހު، ހަނީމޫން ހޭދަކޮށްލުމަށް ދެމަފިރިން ދާން ރާވާފައިވަނީ ޕެރިސްއަށެވެ. "ކިހިނެއްވީ؟" ޒަހްރާންގެ ނުތަނަވަސްކަން އަޔާޝްއަށް ފާހަގަވުމާއެކު އޭނާ ސުވާލުކޮށްލިއެވެ. "މީ. އައިރާގެ ވާހަކަ... ބައްޕަ ކައިރީގައި ބުނަން ބޭނުންވެގެން." ޒަހްރާން ބުނެލިއެވެ. "އަވަހަށް ބުނަން ދޮންބެއަށް ފެންނަނީ. ދެން ލަސްކުރުން މާ ރަނގަޅެއް ނުވާނެ." ހަޤީޤަތުގައި އަޔާޝް ބޭނުންވަނީ އޭނާ ހުއްޓާ އެވާހަކަތައް ޒަހްރާން މުރާދާ ހިއްސާކުރާށެވެ. "އެޓްލީސްޓް ދޮންބެމެން ޕެރިސްއަށް ދިޔުމުގެ ކުރިން." "ބައްޕަ ނުޤަބޫލިއްޔާ؟" ޒަހްރާނަށް ފުރަތަމަ ފަހަރަށް އެކަމާ މެދު ވިސްނައިލެވުނެވެ. "އައިރާ ދޫކޮށްލާނީތަ؟" އަޔާޝް އަށް ވެސް ސުވާލުކޮށްލެވުނެވެ. ޒަހްރާނަކީ ގޮތް ދޫކުރަން ދަންނަ ޒުވާނެއް ނޫނެވެ. އެކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެއީ މީގެ ކުރީގެ ޒަހްރާން ނަމަ މާ ބޮޑަށް ވިސްނާނެ ވެސް ކަމެއް ނޫނެވެ. އޭނާ ބޭނުންވެއްޖެނަމަ ބައްޕަމެން ނުޤަބޫލަސް އައިރާއާ ކައިވެނިކުރާނެކަން، އަޔާޝްއަށް އެނގެއެވެ. އޭނަ ހައިރާންވި ސަބަބަކީ ވެސް އެއީއެވެ. "އަހަންނެއް ނޫން. އައިރާ... ޢާއިލާގެ ބަދަލުގަ އަހަރެން އައިރާ ޗޫޒް ކުރިއަސް އޭނަ އަހަންނާއެކު ނޫޅޭނެ." ޒަހްރާންގެ އަޑުގައި ޖެހިލުންވުމެއްގެ އަސަރުވިއެވެ. "އަހަރެން އޭނައަށްޓަކައި ފެމިލީ ސެކްރިފައިޒް ކުރާކަށް ދުވަހަކު ވެސް އައިރާ ޤަބޫލެއް ނުވާނެ. އެކަމަކު އަހަންނަށް އޭނަ ދޫކޮށެއް ނުލެވޭނެ." ޒަހްރާނަށް ބުނެވުނެވެ. "ބައްޕަ ޤަބޫލުވާނެ، އިންޝާ ﷲ." އަޔާޝް ޒަހްރާންގެ ކޮނޑުގައި ޖަހައިލިއެވެ. ދޮންބެގެ ހިތްވަރުގެ ބަސްތަކުން ޒަހްރާންގެ ހިތަށް ކުޑަ ތަސައްލީއެއް ލިބުނެވެ. އޭނާއަށް އައިރާއާ ނުލާ ނޫޅެވޭނެއެވެ. އައިރާއަކީ އޭނާގެ ހިތުގެ ވިންދެވެ. އެމޭގެ ތެޅުމެވެ. އޭނާ އެ ލޯތްބަށް އިޤުރާރުވީ ދުވަހަކު ވެސް އައިރާ ދޫކޮށްލާކަށް ނޫނެވެ. އެހެންނަމަވެސް، ކޮންމެ ޙާލަތެއްގައި ވެސް އައިރާއާއެކު ވުމަށެވެ. ކައިވެނީގެ ހަފްލާ ނިމުމާއެކު، އެންމެން ގެއަށް ދާންވެގެން ނުކުތްއިރު، އެއްގަޑި ބަޔަށްވުރެ ބޮޑުވެއްޖެއެވެ. އައިރާ ވެސް ދިޔައީ ޒަހްރާންގެ ޢާއިލާއާ އެއްކޮށެވެ. އަޔާޝްމެން ދިޔައީ މާލެ ކައިރި ރިސޯޓަކަށެވެ. އެމީހުން ދެން މާލެ އަންނާނީ ފުރަން އޮންނަ ދުވަހެވެ. ރިސޯޓުގެ ފާލަމަށް ލޯންޗު ކައިރިކުރުމާއެކު، އަޔާޝް ލަޔާލީގެ އަތުގައި ހިފައްޓާފައިވާ އަތަށް ބާރުކޮށްލިއެވެ. އެއަށްފަހު ލޯބިވެތި ނަޒަރަކުން ލަޔާލީއަށް ބަލައިލިއެވެ. "މީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި ރޭ..." އަޔާޝް ބުނެލިއެވެ. "އަހަރެން ވެސް..." ލަދުވެތިކަމާއެކު އިސްޖަހައިލަމުން ލަޔާލީ ބުނެލިއެވެ. ދެމަފިރިން މުސްތަޤްބަލަށްޓަކައި ދެކެމުންދާ ހުވަފެންތަކުގެ ތަސްވީރުތައް އެ ދެލޮލުގައި ވި ވިދުމުން ފާޅުވަމުން ދިޔައެވެ. އެކަކު އަނެކަކަށްޓަކައި ދެ ހިތުގައިވާ ލޯތްބާ ކުރާ ޤަދަރު ވެސް މެއެވެ. ކައިވެނީގެ މަތިވެރި ގުޅުމުން ގުޅުނުއިރު، އުމުރު ދުވަހު އެކުގައިވުމީ އެ ދެމަފިރިން ވެސް މިއަދު ކުރާ ދުޢާއެވެ. ކައިވެންޏަކީ މަތިވެރި ގުޅުމެކެވެ. އެއީ ޖަވާޒީ ޙަޔާތަކުން ދެބައިވެރިން ގުޅުވައިދޭ ފާލަމެކެވެ. ލޯތްބާއި އޯގާތެރިކަމާއި ކުލުނުގެ މައްޗަށް ބިންގާ އެޅިގެންދާ އެ ގުޅުން ވަރުގަދަ ވެގެން ދާނީ، ދެމަފިރިން ވެސް އެކަކު އަނެކަކަށް ކުރާ އިތުބާރާ ކުރާ އިޙްތިރާމުގެ މައްޗަށެވެ. ކައިވެންޏެއް ބާއްޖަވެރިކުރުމަށްޓަކައި ދެމަފިރިންގެ ހިއްސާ ވެސް މުހިންމެވެ. ***** ދެ ދުވަސްކޮށްފައި، އަޔާޝްމެން މާލެ އަތުވެއްޖެއެވެ. ފުރުން އޮތީ އެރޭގެ ވަގުތެއްގައެވެ. މުރާދާ އައިރާގެ ވާހަކަ ދައްކަން ޒަހްރާން ނިންމީ އެ ދުވަހުގެ ހަވީރުގެ ވަގުތުގައެވެ. ބޮޑުކޮޓަރީގައި ހުރި ސޯފާގައި، މެގަޒިންއެއް ހިފައްޓާލައިގެން އިން މުރާދުގެ ނަޒަރު ކުޑަވަގުތު ކޮޅަކަށް އެތަނަށް އައިސް މަޑުކޮށްލި ޒަހްރާނަށް ހުއްޓުނެވެ. އޭނާ ވާހަކައެއް ދައްކަން އުޅޭކަން މުރާދަށް އެނގުނު ނަމަވެސް، އިސްވެ ސުވާލުކުރަން ބޭނުން ނުވީ، ޒަހްރާން ދައްކަން އުޅެނީ ކޮން ވާހަކައެއްކަން އެނގޭތީއެވެ. އަބަދު ވެސް ދަރިންގެ ކަންތައްތަކަށް ސަމާލުކަން ދޭ މުރާދަށް އައިސްފައިވާ ބަދަލުން ޒަހްރާންގެ ހިތަށް އުނދަގުލެއް ވިއެވެ. "ބައްޕާ." އެންމެފަހުން ޒަހްރާން ގޮވައިލިއެވެ. މުރާދު މެގަޒިން ބާއްވާފައި، ޒަހްރާނަށް ބަލައިލީ ދެނެވެ. "އަޅުގަނޑު ބޭނުން ވާހަކައެއް ބުނަން." ޒަހްރާން ބުނެލިއެވެ. އެ އަޑުގައި އެހެންޏާ ނުހުންނަ ފަދަ މަޑުމައިތިރިކަމެއް ވެއެވެ. "ފަހުން، ދޯ. މިވަގުތަކު ނޫން." މުރާދު އެތަނުން ދާން ގަސްތުކޮށްގެން ތެދުވި ނަމަވެސް، ޒަހްރާން އެ ފުރުސަތެއް ނުދިނެވެ. އޭނާ ވާހަކަ ދެއްކިއެވެ. "މުހިންމު ވާހަކައެކޭ ބައްޕާ..." ޒަހްރާން ބުނެލިއެވެ. މުރާދު މަޑުޖެހިލިއެވެ. "ޕްލީޒް ބައްޕާ. އިޓްސް އިމްޕޯޓެންޓް." ޒަހްރާން ބުނެލިއެވެ. އެ އަޑުގައިވަނީ އާދޭހެވެ. "އަޅުގަނޑު.. ބައްޕަ ކައިރީ..." ޒަހްރާން ގެ ޖުމްލަ މެދުކަނޑައިލީ މުރާދެވެ. "ބައްޕަ ޤަބޫލެއް ނޫން..." މުރާދު ޒަހްރާނާ ކުރިމަތިލިއެވެ. "އޭނ...ބައް ބައްޕާ..." ޒަހްރާނަށް ބުނެވުނުއިރު، އޭނާގެ ދެބުމަ ވެސް ކުޑަކޮށް ގާތްވެލިއެވެ. "އާނ. އައިރާއާ ދަރިފުޅުގެ ގުޅުމަށް ބައްޕަ ޤަބޫލެއް ނޫން. އަދި ދުވަހަކުވެސް ތިގުޅުމަށް ޤަބޫލެއް ނުވެވޭނެ..." (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ