ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސަލީމާއި ހަމީދު އައްޔަން ކުރަން ފާސްވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވެއްޖެއެވެ. މި ދެ ނަން މަޖިލީހަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔާ އެކުގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހަމީދު އައްޔަނުކުރަން 60 މެންބަރުން ވޯޓު ދެއްވިއިރު ސަލީމް އައްޔަނުކުރަން 61 މެންބަރުން ވޯޓު ދެއްވި އެވެ.
ސުޕްރީމް ކޯޓުގެ މި ދެ މަޤާމު ހުސްވެފައިވަނީ ސުލޫކީ މައްސަލައެއްގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. މި މަޤާމުތަކަށް ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ޖުމްލަ 12 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށްފަހު، ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ވަނީ މި ދެ ބޭފުޅުންވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަރުޠު ހަމަވާކަމަށް ނިންމާފައެވެ.
މަޖިލީހުން މިހާރު މި ދެ ނަން ފާސްވުމާ ގުޅިގެން، ކުރިއަށް އޮތް ދުވަސްތަކުގައި ރައީސުލްޖުމްހޫރިއްޔާ މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރައްވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ