ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކުރި މާމިގިލީ ކޯޓުގެ އިސް ގާޒީ ގއ. މާމެންދޫ، ވީނަސް، އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއަށް އިންކާރުކޮށްފި އެވެ.
ގާޒީ ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާއަކީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުނު ކަމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އެވެ.
މިއަދު ނިހާންގެ ޝަރީއަތްތައް ފަށާފައިވާއިރު މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ހަތަރު ދައުވާ ވެސް އިއްވާފަ އެވެ. އެ ހަތަރު ދައުވާ އިއްވުމުން ގާޒީ ނިހާން ވަނީ އެ ހަތަރު ދައުވާއަށް ވެސް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މި މައްސަލާގައި ހައްޔަރުކުރި ކުރީގެ ޕީޖީ މުހުތާޒުގެ މައްޗަށް ވެސް ތިން ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިއުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އެވެ.
ގާޒީ ނިހާންއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ ނިހާން ސަސްޕެންޑް ކުރުމުގެ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކުރުމަށާއި އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބަންދުގަ އެވެ. އެންމެފަހުން ނިހާންގެ ބަންދަށް ހައިކޯޓުން ޖަހާފައިވަނީ 15 ދުވަހެވެ.
ދައުވާތަކަށް ގާޒީ ނިހާން އިންކާރު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ