ގާޒީ ހައިލަމްގެ ވާހަކަތައް: ނުބައެއް އުޅެޔޭ ހިވާގޮތް އެބަވޭ!

ރާއްޖޭގެ ކޯޓުތަކުގައި މިވަގުތު ހިނގަމުންދާ ޝަރީއަތްތަކަށް ބަލާއިރު، އެންމެ ގިނަ ބައެއްގެ އަމާޒު ހުއްޓިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ ޝަރީއަތަށެވެ. މައްސަލައިގެ ކޯޓު އަޑުއެހުންތައް ނިންމާލާފައިވާއިރު ހުކުމް އަންނާނީ ކޮން ގޮތަކަށްތޯވެސް ރައްޔިތުން ތިބީ ބަލަބަލައެވެ.
ބާރު ސްޕީޑްގައި ކުރިއަށްދިއަ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ހުކުމް އިއްވަން އެއް ދުވަހަށްވެފައި ވަނިކޮށް، މައްސަލަ ބައްލަވާ ގާޒީ ހައިލަމް ސަސްޕެންޑްކޮށްފައިވާއިރު، ސަރުކާރުގެ ބައެއް ފަރާތްތަކުން އެ ޝަރީއަތަށް ނުފޫޒު ފޯރުވަން އުޅުނުކަމަށް ބުނާ ވާކަހަތަކެއް މިވަނީ ފެންމަތިވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރުމުގެ ޝަރީއަތް ނޮވެންބަރު 5 ވަނަ ދުވަހަށް ތާވަލްކޮށްފައި ވަނިކޮށް، ކުއްލި އަކަށް ފެންމަތިވި މައްސަލަ އަކާއި ގުޅިގެން ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ، އަދި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ސަސްޕެންޑް ކޮށްފައެވެ. ހައިލަމް ސަސްޕެންޑް ކޮށްފައި މިވަނީ ނަޞްރުގެ ދުވަހުގެ ދައުރުވި ކާޓޫން ފޮޓޯ އެއް ބޭނުންކޮށް ތަހުނިޔާ ފޮނުވުމުންނެވެ. ފޮޓޯގައި މައްސަލަ އަކަށް ދިމާވީ އޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ސިފަވާ" ގޮތަށް ގައިގައި ޗޭނުޖަހައި ކުރަހާފައިވާ ކާޓޫން ފޮޓޯއެއް ހައިލަމް ވައިބަރ ގުރޫޕަކަށް ފޮނުވި މައްސަލައެވެ. އަދި އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލައި ހައިލަމް އާއި މެދު އަވަސް ފިޔަވަޅުތަކެއް އަޅުއްވައި 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވަނީ ސަސްޕެންޑްކޮށްފައެވެ.
ފޮޓޯގެ މައްސަލައިގެ އިތުރަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ފައިސާތަކެއް ދިން ކަމަށްބުނާ މައްސަލައެއް ބެލުމަށް ވެސް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ. މި މައްސަލައިގައި ފާހަގަކޮށްފައި ވަނީ މިއަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ހައިލަމް އާއި އަލްހާން 200،000ރ. ގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަ ކުރެވިގެން ފުލުހުން އެ ކޮމިޝަނަށް އަންގާފައިވާ މައްސަލައެކެވެ.
ފޮޓޯގެ މައްސަލަ ފެންމަތިވުމާއި އެކު އަދި އެ މައްސަލަ ވަރަށްބޮޑަށް ހޫނުވެ ޖޭއެސްސީ އިން މައްސަލަ ބަލަން ނިންމައި އަދި މޖިލީހުގައިވެސް މައްސަލައިގައި މެންބަރުން ވަނީ ބަހުސް ކުރައްވާފައެވެ.
ރައީސް ޔާމީނަށް ހުކުމް ކުރާ ޝަރީއަތް ކުޑަތަންވެފައި ވަނިކޮށް ހައިލަމް ކުރެއްވި އެ އަމަލަކީ ގަސްތުގައި ޝަރީއަތް ލަސްކުރަން ގެންގުޅުއްވި އުކުޅެއް ކަމަށްވެސް ބައެއް ބޭފުޅުން ވަނީ ސިފަކުރައްވާފައެވެ.
ނަމަވެސް މި މައްސަލައިގައި މައާފަށް އެދިވަޑައިގެން ހައިލަމްގެ ފަރާތުން ވަނީ ބަޔާނެއް ނެރުއްވާފައެވެ. އަދި އެ ފޮޓޯ ފޮނުވުނީ ރަނގަޅަށް "ލުތުފީ" އިނުމުން ރަނގަޅަށް ބަލާނުލައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އަލްހާން ފައިސާދިން ކަމަށް ބުނާ މައްސަލަ އާއި ގުޅިގެންވެސް ހައިލަމް ބަޔާނެއް ނެރުއްވިއެވެ. އެ ބަޔާނުގައި ވަނީ އަލްހާން އަކީ އެކުވެރިއެއް ކަމަށާއި، އަދި ކޯޓު މަރުހަލާގައި އަލްހާން އާއި މަސްލަހަތު ފުށުއަރާ ކަމެއް ހައިލަމް ނުބައްލަވާ ކަމަށެވެ.
މީގެ އިތުރަށް ހައިލަމްގެ ބަޔާނުގައި ވަނީ ރައީސް ޔާމީންގެ ޝަރީއަތާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން މި ސަރުކާރުގެ ބައެއް އިސް ވެރިންތަކެއްގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައިވެއެވެ. ބަޔާނުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ މަގާމުތަކުގައި ތިބެއްވި ބައެއް ފަރާތްތަކުން އެދިވަޑައިގެންނެވި ކަމަށް ތުހުމަތުކުރައްވާފައެވެ.
މީގެ އިތުރަށް އެ އެޔަގީންކަން ނުދެވޭނެކަމަށް ބުނުމުން މީގެ ކުރިން ހައިލަމް އާއި އަލްހާން ފަހުމީ އާއި ދެމެދު ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކުގެ މައްސަލަ އެބައޮތް ކަމަށާއި ހުކުމުގެ ކަށަވަރުކަން ނުލިބޭނަމަ އެމައްސަލަ ބަލާނެކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އެފަދަ ނުފޫޒުތައް ފޯރަމުންދާކަން ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީއަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން ސަރުކާރަށް ނިސްބަތްވާ ބައެއް އިސްވެރިން މަަސައްކަތް ކުރެއްވި ކަމަށް ހައިލަމް ތުހުމަތުކުރައްވާފައި ވާއިރު، އެކަމުގައި ޤާނޫނީ ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅު ކުަރައްވާފައެވެ. އަދި ފަނޑިޔާރަކު އެފަދަ ވާހަކަފުޅެއް ދައްކަވާނަމަ ބަލަންޖެހޭ ކަމަށްވެސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ހައިލަމް ނެރުއްވި ބަޔާނުގައިވާ ކަންކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އޭޖީ އަހުމަދު އުޝާމް ވިދާޅުވީ އެހާ ޔަގީން ކަމާއި އެކު ފަނޑިޔާރަކު އެފަދަ ވާހަކައެއް ވިދާޅުވާނީ ކޮންމެވެސް ކަންތައްތަކެއް ހިނގާފައިވާތީ ކަމަށެވެ. އަދި އެއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއް ކަމަށްވެސް އުޝާމް ވިދާޅުވެފައިވެއެވެ.
ހައިލަމްގެ ބަޔާނާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެންބަރުންވެސް ކަންބޮޑުވުން ފާޅުކުރައްވާފައި ވާއިރު، މެންބަރުން ވަނީ ހައިލަމް އެ ތުހުމަތު ކުރައްވާ ބޭފުޅުންގެ ނަންވެސް ހާމަކުރެއްވުމަށް ގޮވާލައްވާފައެވެ.
ހައިލަމްގެ އެ ތުހުމަތުތަކާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. ހަސަން ވިދާޅުވީ އެކަމުގެ އިލްޒާމް ސަަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި ނާޅުވައި، އެ މައްސަލަ ކަމާއިބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރަށް ރައީސް ޔާމީނަށް ހުކުމްކުރުމާއި ހަމައަށް ގޮސްފައި ވަނިކޮށް، އެ މައްސަލަ ބައްލަވާ ގާޒީ، ހައިލަމަށް ސަރުކާރުގެ "އިސް ފަރާތަކުން" ގުޅުއްވިކަމަށް ވިދާޅުވާއިރު، "އިސް ފަރާތުން" ވެސް ސަރުކާރަކުން ވެސް އެކަމަކަށް އަދި އިންކާރު ނުކުރާ ކަމާއި އެކަމުގައި ނުބައެއް އުޅޭހެން ހީވާގޮތަށް މަންޒަރު ފެންނަމުންދާކަމަށް ވިދާޅުވެ، ކުރީގެ ޑެޕިޔުޓީ ޕްރޮސެކިޔުޓާ ޖެނެރަލް އަލްއުސްތާޛް ހުސެއިން ޝަމީމް ވެސް ވަނީ ސުވާލު އުފައްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ