ހުޅުމާލޭގެ ބިމާއި ތަރިކައިގެ މައްސަލަތައް ބެލޭނީ އެ އަވަށުގެ މެޖިސްޓްރޭޓް ކޯޓުން ކަމަށް ސުޕްރީމް ކޯޓުން އަންގައިފި

ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ނުހެދޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާ މެދު ވަކި ގޮތެއް ނިމެންދެން، ހުޅުމާލޭގެ ބިންބިމާއި އިމާރާތްތަކާއި ގޯތިގެދޮރާއި އެ ރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތައް އަދި ހުޅުމާލޭ ރަށްވެހިންގެ ތަރިކައިގެ މައްސަލަތައް ބަލާނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ކަމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
މި މަހުގެ ހަ ވަނަ ދުވަހު ސުޕްރީމް ކޯޓުން ފޮނުވާފައިވާ ސިޓީއަކާ ހަވާލާދީ ސިވިލް ކޯޓުން ކޮށްފައިވާ، ހުޅުމާލޭގެ ބައެއް ފްލެޓްތަކުގެ މައްސަލައާ ބެހޭ ބައެއް ހުކުމްތަކުގައި ބުނެފައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގެ ސައްހަކަމާ މެދު ހުށަހެޅިފައިވާ މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ކޯޓްތަކުގެ ގާނޫނުގެ ޖަދުވަލު ފަހެއްގެ ތިން ވަނަ މާއްދާގައި ބުނާ ބާވަތްތަކުގެ މައްސަލަތަކުގައި ފުރަތަމަ މަރުހަލާގެ ކޯޓު ކަމަށް ބަލާނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓް ކަމަށެވެ.
މިފަދަ މައްސަލަތައް ސިވިލް ކޯޓުން މިހާރު ދަނީ ސުޕްރީމް ކޯޓުގެ އެންގުމާ ގުޅިގެން، ސިވިލް ކޯޓުން ބެލެން ނެތް ކަމަށް ހުކުމް ކުރަމުންނެވެ.
ކޯޓްތަކުގެ ގާނޫނުގެ ޖަދުވަލު ފަހެއްގެ ތިން ވަނަ މާއްދާގައި ބުނަނީ މި ގާނޫނުގެ އެހެން މާއްދާއެއްގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ވަކި ރަށަކާ ގުޅޭ ގޮތުން ކުރިމަތިވާ އެ ރަށެއްގެ ބިންބިމާއި އިމާރާތްތަކާއި ގޯތިގެދޮރާއި އެ ރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތައް އަދި އެ ރަށުގެ ރަށްވެހިންގެ ތަރިކައިގެ މައްސަލަތައް ބެލުމުގެ ފުރަތަމަ މަރުހަލާގެ ކޯޓަކީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓް ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުމާލެ އާއި ވިލިމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހެދުމަށް ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓުގައި ދައުވާކުރައްވާފައި ވަނީ ގާނޫނީ ދެ ވަކީލުން ކަމަށްވާ އިސްމާއިލް ވިޝާމް އާއި އަނަސް އަބުދުއްސައްތާރު އެވެ. އެ ދައުވާގައި ވަނީ އެއީ ގާނޫނާއި ގަވާއިދާއި ހިލާފަށް ޖޭއެސްސީން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެގޮތުން އެ ދައުވާގައި ބުނެފައި ވަނީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ހަތަރު ސްޕީރިޔާ ކޯޓު މާލޭގައި ހަމައަށް ގާއިމްކޮށްފައި ވަނިކޮށް މާލޭގެ އަވަށެއް ގޮތުގައި އޮންނަ ހުޅުމާލެ އާއި ވިލިމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ނެހެދޭނެ ކަމަށެވެ.
އެ މައްސަލަ ސިވިލް ކޯޓުގައި ބަލަމުން ދަނިކޮށް އެ މައްސަލަ ވަގުތީ ގޮތުން ހުއްޓާލަން ސުޕްރީމް ކޯޓުން އެންގީ މެއި މަހުގެ 23 ވަނަ ދުވަހު އެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގެ 53 ވަނަ މާއްދާގެ ށ. ބުނެފައި ވަނީ ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި ފެމެލީ ކޯޓާއި ޖުވެނައިލް ކޯޓަކީ މާލޭގައި ގާއިމުކުރާ ހަތަރު ސްޕީރިޔާ ކޯޓު ކަމަށެވެ. އަދި އެ މާއްދާގެ ބ. ގައި ބުނެފައި ވަނީ ސްޕީރިޔާ ކޯޓުތަކުގެ ހަތަރު ޑިވިޝަން ރަށެއްގައި ހަމަވެއްޖެ ނަމަ އެ ރަށެއްގައި ހުރި މެޖިސްޓްރޭޓު ކޯޓު އުވިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ