ރާއްޖޭގެ 174 ރަށެއްގައި ސިސްޓަމްތައް ހިންގުމަށް ބޭނުންކުރާ ކަރަންޓުގެ 10 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތަ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުގެ ހެޑް އޮފް މާކެޓިން އަހުމަދު މައުމޫން ބުރާސްފަތި ދުވަހު ވިދާޅުވީ ރާއްޖޭގެ 174 ރަށެއްގައި އެ ކުންފުނިން ބޭނުންކުރާ ސިސްޓަމްތަކަށް ކަރަންޓް ދިނުމަށް މިހާރު ބޭނުންކުރާ ބޮޑު ބަޔަކީ އިޔާދަކުރަނިވި ހަކަތަ ކަމަށެވެ.
"ރާއްޖެތެރޭގައި ކަރަންޓް ބޭނުންކުރާ ވަރަށް ބަލާ ނަމަ ގާތްގަނޑަކަށް 10 ޕަސެންޓް މި އުފައްދަނީ އިޔާދަކުރަނިވި ހަކަތައިން. ދިރާގުގެ ނެޓްވޯކްގައި މިހާރު އެންމެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުން މި ގެންދަނީ އިރާދަކުރަނިވި ހަކަތަ. ހާއްސަކޮށް ރާއްޖެތެރޭގައި މި ހަކަތަ ބޭނުންކުރާ އަދަދު ވަރަށް މަތި ވާނެ. އެހެންކަމުން މިއީ މި ހަކަތަ އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ އެއް ކުންފުންޏަކަށް ވާނެ،" މައުމޫނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން މުއާސަލާތީ ހިދުމަތް ދިނުމަށް ބޭނުން ކުރާ ސިސްޓަމްސް ހިންގުމަށް ބޭނުންކުރަނީ އަވިން ކަރަންޓް އުފައްދާ "ސޯލާ ޕެނަލް"ތައް ކަމަށެވެ. އެ ޕެނަލްތައް ބޭނުންކޮށްގެން އަހަރެއްގެ މައްޗަށް ދެ ލައްކަ ވޯޓުގެ ކަރަންޓް އުފެއްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންކުރަމުން ގެންދާ ސޯލާ ޕެނަލްތައް އެއްކޮށް ބަލާނަމަ އެއީ ގާތްގަނޑަކަށް 2،000 ސްކެއާ މީޓަރުގެ ބޮޑުމިނެއް. ދިރާގުން މިކުރާ މަސައްކަތުގެ ސަބަބުން އެހެން ފަރާތްތަކަށް ވެސް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ވަރަށް ބޮޑު ހިތްވަރަކަށްވޭ،" މައުމޫނު ވިދާޅުވި އެވެ.
ދިރާގުން ބުނީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އިން މުވައްޒަފުން ތަމްރީން ވެސް ކޮށްފައިވާ ކަމަށެވެ.
"ކަރަންޓް ބޭނުންކުރާއިރު އަބަދުވެސް މި ބަލަނީ އިރާދަކުރަނިވި ހަކަތައިގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ގެނެސް އެ ސިސްޓަމްސްތައް ހަރުކުރެވޭނެ ގޮތްތަކެއް ހެދުމަށް. އެ މަސައްކަތުގެ ދަށުން އަޅުގަނޑުމެންގެ ޕަވާ ޓީމްގެ ތެރޭގައި އުޅޭނެ ހާއްސަކޮށް އިރާދަކުރަނިވި ހަކަތައިގެ ދާއިރާ އިން ތަމްރީންވެފައި ތިބި ދިވެހި އިންޖިނޭރުން. އެ މީހުންނާ އަޅުގަނޑުމެންގެ ބޭރުގެ ސަޕްލައިއަރުން ގުޅިގެން މި މަޝްރޫއު މި ކުރިއަށް ގެންދަނީ،" މައުމޫނު ވިދާޅުވި އެވެ.
ދިރާގުން ބުނީ އެ ކުންފުނީގައި މިހާރު ބޭނުންކުރާ ސާވާތަކަކީ ވެސް ކަރަންޓް ބޭނުންކުރާ މިންވަރު ކުޑަކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސާވާތަކެއް ކަމަށެވެ.
174 ރަށެއްގައި ސިސްޓަމްތައް ހިންގުމަށް ބޭނުންކުރާ ކަރަންޓުގެ 10 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތަ: ދިރާގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ