ހިއުމަން ރިސޯސަސްގެ ކޯޓާ ބައިގެ މުވައްޒަފަކު ހައްޔަރުކޮށްފި

ތަފާތު ވަޒީފާތަކަށް ބޭރުން މީހުން ގެންނަ އިރު ހޯދަން ޖެހޭ ކޯޓާ ދޫކުރުމަށް ހިއުމަން ރިސޯސަސް މިނިސްޓްރީގައި ގާއިމްކޮށްފައިވާ ކޯޓާ ސެކްޝަންގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
ހިއުމަން ރިސޯސަސް މިނިސްޓްރީ އާއި އިމިގްރޭޝަން މިނިސްޓްރީގައި ހުރި ބިދޭސީންގެ އެކިއެކި މައްސަލަތައް ބެލުމަށް ސިފައިންނާއި ފުލުހުން ހިންގާ ތަހުގީގާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މިނިސޓްރީގެ އެސިސްޓެންޓް ލޭބަ އޮފިސަރުގެ މަގާމުގައި ހުރި އިބްރާހިމް އަލީ (ކޯޓާ އިއްބެ) ކަމަށް "ހަވީރަ"ށް އެނގިފައިވެ އެވެ.
ފުލުހުންގެ އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވީ ބިދޭސީންގެ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަނުގައި ބައެއް ދިވެހިންނާއި ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ކިތައް މީހުން ކަމެއް އަދި އެއީ ކޮން ބައެއް ކަމެއް ވެސް އޭނާ ވިދާޅެއްނުވި އެވެ.
"އެ މައްސަލައިގެ ތަހުގީގުކުރިޔަށްދާ ވަރަކުން އަޅުގަނޑުމެން އެ މައުލޫމާތު ހާމަކުރާނަން. މިވަގުތު އެކަމާ ބެހޭ އެއްވެސް ތަފުސީލެއް ދެވޭކަށް ނެތް،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އިމިގްރޭޝަނާއި ހިއުމަން ރިސޯސަސް މިނިސްޓްރީގައި ބިދޭސީންނާ ގުޅޭ ހިދުމަތްތައް ދިނުމުގައި މިދިޔަ ހަފުތާއިން ފެށިގެން ހަރަކާތްތެރިވަނީ ސިފައިންނެވެ.
އެ ދެ އޮފީހުގެ އައިޓީ ނިޒާމްގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އަޑުއަރާފައިވެ އެވެ. އަދި ގަވާއިދާ ޚިލާފަށް ބިދޭސީން ގެނައުމުގައި ދެ ތަނުގެ ބައެއް މުވައްޒަފުންގެ އަޑީގެ ބައިވެރިވުމެއް އޮވެދާނެ ކަމަށް ވެސް ތުހުމަތުކުރެވެ އެވެ. އެހެންނަމަވެސް ތަހުގީގާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރާތީ އެކަން ކުރިއަށް ދާ ގޮތެއް ނޭނގެ އެވެ.
މީގެ ކުރިން ފުލުހުން ވަނީ މި މައްސަލާގައި އިމިގްރޭޝަންގެ މުވައްޒަފަކު ވެސް ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ