ރާއްޖޭގެ އެއްވެސް ބިމެއް ރާއްޖޭގެ ސިޔާދަތީބާރުތައް ނުހިނގާ ގޮތަށް ވިއްކާލައި އަދި ކުއްޔަށްދޭނަމަ އެކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ތެދުވާނީ ޖީއެމްއާރާއި ދެކޮޅަށް ތެދުވި މީހުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު ނަސީރުގެ އާއްމު ވައިބާ ގްރޫޕުގައި އުމަރު ވިދާޅުވެފައިވަނީ މި ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި އިސްލާމްދީނުގެ ދިފާއުގައި ވާންޖެހޭ ކޮންމެ ގުރުބާނީއެއް ވާނެކަން މީގެކުރިންވެސް އަމިއްލަގޮތުން ދައްކުވައިދީފައިވާނެ ކަމަށެވެ.
އުމަރުގެ މެސެޖުގައި ވަނީ އެމްޑީޕީގެ އިސްވެރިން ކުރީގެ ނައިބް ރައީސް އަދީބުގެ "ވަގު" ފައިސާގައި ވޯޓު ވިއްކުމަށްފަހު މިހާރު އެ ޕާޓީގެ އާންމު މެންބަރުން ގުބޯ ހެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ތުހުމަތު ކުރައްވާފައި އެވެ. އުމަރު އެ އިޝާރާތް ކުރައްވަނީ ރާއްޖޭގެ ބިން ބޭރު މީހުންނަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ނެގުނު ވޯޓުގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ބައިވެރިވެފައިވާތީ އެ ވޯޓަށެވެ.
އުމަރު ނަސީރު ވިދާޅުވީ މި ސަރުކާރަކީ ކޮރަޕްޓް ސަރުކާރެއް ކަމަށެވެ. އެހެންކަމުން ވަކިކަމެއް ނުކުރާނެކަމަށް ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް މި މައްސަލަ އާއި ދެކޮޅަށް ކަމެއް ކުރަން ނިންމާނީ މިމަކުގެ ހަގީގަތް ރަނގަޅަށް ބެލުމަށްފަހު ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"ޤާނޫނުއަސާސީގައިވާ ގޮތުން އެސްއީޒެޑް ޕްރޮޖެކްޓެއް ހިންގޭނީ އެ ޕްރޮޖެކްޓަކަށް ވަކި ގާނޫނެއް ހެދި މަޖިލީހުން ފާސްކުރެވިގެން. އެހެންކަމުން މި ޕްރޮޖެކްޓާ ބެހޭ ގާނޫނު މަޖިލީހަށް ވަނުމުން މި ޕްރޮޖެކްޓްގެ ތަފްސީލްތައް ލިބޭނެކަމަށް އުއްމީދުކުރެވޭ" އުމަރު ވިދާޅުވެފައިވެ އެވެ.
އުމަރު ނަސީރު އިތުރަށް ވިދާޅުވީ މި މަޝްރޫއަކީ ގައުމުގެ އަމިއްލަވަންތަކަމާއި، ސިޔާދަތީ ބާރުތައް ފޯރާގޮތަށް އޮތް އިގްތިސޯދީ ރަނގަޅު މަޝްރޫއެއް ނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.
ރާއްޖޭގެ އެއްވެސް ބިމެއް ރާއްޖޭގެ ސިޔާދަތީ ބާރުތައް ނުހިނގާ ގޮތަށް ވިއްކާލައި އަދި ކުއްޔަށްދޭނަމަ އެކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ތެދުވާނީ ޖީއެމްއާރާއި ދެކޮޅަށް ތެދުވި މީހުންކަމަށް އުމަރު ވިދާޅުވި އިރު، މި މައްސަލާގައި ކުރީގެ ރައީސް މައުމޫނު ވިދާޅުވެފައިވަނީ ބޭރުގެ ވަކިފަރާތަކުން އެދިގެން ގާނޫނު އަސާސީ ބަދަލު ކުރުމަކީ ގައުމަށް ވެވޭ އެންމެ މަތީ ހިޔާނާތް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ބޮޑެތި އެތައް ބަދަލުތަކެއް ގެނެސް ފާސްކުރި އިރު ޕީޕީއެމްގެ ކައުންސިލާއި މަޝްވަރާކޮށްފައި ނުވާ ކަމަށާއި، އަދި ޕީޕީއެމް ޕީޖީ ގްރޫޕުންވެސް ޕާޓީގެ ރައީސްގެ އެއްވެސް ހުށަހެޅުމެއް ބަލައި ނުގަނެ ޕާޓީގެ ރައީސްގެ އެއްވެސް ސިޓީއަކަށް ޖަވާބު ވެސް ދީފައި ނުވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ގާނޫނު އަސާސީއަށް ގެނެވުނު ބޮޑެތި ހުރިހާ ބަދަލުތަކެއް ތަސްދީގު ކުރައްވާފައި ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށްވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ސައޫދީއަށް ފ. އަތޮޅު ވިއްކާލަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކާއި ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ފ. އަތޮޅުގެ މައްސަލާގައި ޕީޕީއެމް ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކަވާފައިވާ އޯޑިއޯ އެއްވެސް މިހާރު ވަނީ އާންމުވެފަ އެވެ.
ރާއްޖޭގެ ބިމެއް ވިއްކާލާނަމަ ޖީއެމްއާރާއި ދެކޮޅަށް ތެދުވި މީހުން ނިކުންނާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ