މެމްބަރު ސައުދުﷲގެ ކުންފުންޏަށް ދިން ދެ ޕްރޮޖެކްޓެއް އަތުލައި ބިޑަށްލައިފި

ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީގެ ހިއްސާ އޮންނަ ސްވިފްޓް އިންޖީނިއަރިންއާ ހަވާލުކުރި ދެ ޕްރޮޖެކްޓެއް ސަރުކާރުން އަތުލައި، ފިނޭންސް މިނިސްޓްރީން އަލުން ބިޑަށް ލައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން އަލުން ބިޑަށްލީ ދ. ކުޑަހުވަދޫ އަތޮޅު ތައުލީމީ މަރުކަޒުގައި ނުވަ ކްލާސްރޫމްގެ ތިން ބުރީގެ އިމާރާތެއް އެޅުމަށާއި ފ. ނިލަންދޫ ސްކޫލުގައި އަށް ކްލާސްރޫމާއި ދެ ލެބޯރެޓަރީ އާއި ހޯލެއް އިމާރާތް ކުރާނެ ބަޔަކު ހޯދުމަށެވެ.
އެނގިފައިވާ ގޮތުގައި މި ދެ ޕްރޮޖެކްޓުގެ އިތުރުން ޅ. ހިންނަވަރުގައި އާ ސިއްހީ މަރުކަޒެއް އެޅުމާއި ޅ. ނައިފަރާއި ލ. މާވަށުގައި ސްކޫލް އިމާރާތެއް އެޅުމާއި ލ. ފޮނަދޫގައި ޖެންޑާ މިނިސްޓްރީގެ އިމާރާތެއް އަޅަން ސްވިފްޓާ ހަވާލުކުރި ޕްރޮޖެކްޓްތައް ވެސް ސަރުކާރުން ވަނީ އަތުލައިފަ އެވެ.
މި މަޝްރޫއުތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ. އެ މަސައްކަތްތައް ހުއްޓާލަން ސަރުކާރުން އެންގިއިރު، ބައެއް ޕްރޮޖެކްޓްގެ މަސައްކަތް ދިޔައީ ހިނގަމުންނެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރެއްވި، ސައުދުﷲ، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނާ ދާދި ފަހުން ވަނީ ގުޅިވަޑައިގެންފަ އެވެ. އެނގިފައިވާ ގޮތުން ސައުދުﷲ ގެ ހިއްސާ އޮންނަ ކުންފުންޏާ ހަވާލުކުރި ޕްރޮޖެކްޓްތައް އަތުލީ ރައީސް ޔާމީންގެ ފެކްޝަނާ ގުޅިވަޑައިގަތުމުގެ ކުރިންނެވެ.
މައުމޫންގެ ފެކްޝަނާ މަޖިލީހުގެ މެމްބަރުންތަކެއް ގުޅުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ. އެކަމަކު ނޫސްވެރިންގެ ބައްދަލުވުމުގައި ސައުދުﷲ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާއިރު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކުޑަ ވަގުތުކޮޅަކަށެވެ.
ސައުދުﷲގެ 25 ޕަސަންޓު ހިއްސާ އޮންނަ ސްވިފްޓާ ހަވާލުކުރި ހަ ޕްރޮޖެކްޓެއް ހުއްޓާލުމާ ގުޅިގެން، 24 އަހަރު ވީ އެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ސްވިފްޓުން ބުނީ ބިޑަށްލި ދެ މަޝްރޫއަށް އަލުން ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ.
ސްވިފްޓަކީ 2010 ގައި ކޮންސްޓްރަކްޝަން ދާއިރާ އިން ގައުމީ އިނާމް ލިބިފައިވާ ކުންފުންޏެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެތައް އިމާރާތެއް އެ ކުންފުނިން އަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ