ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް މިއަދު ހުށަހެޅި ވޯޓަކީ ގައުމު ހަމަ މަގަށް އެޅުވުމުގެ ފެށުން ކަމަށާއި ވަރަށް ރަނގަޅު އަޣުލަބިއްޔަތަކުން އެ ވޯޓު ކާމިޔާބުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އަމިއްލަ ދަތުރުފުޅެއްގައި އިންޑިއާގެ ބެންގަލޫރަށް ފުރާވަޑައިގަތުމުގެ ކުރިން ރަސްމީ ފާލަމުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވުމާ އެކު ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. ހާއްސަކޮށް، މަޖިލީހުން ގެއްލުވާލާފައިވާ ރައްޔިތުންގެ ގިނަ ހައްގުތައް އަނބުރާ ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން، ހުރިހާ ޕާޓީތައް ގުޅިގެން މަޖިލީހަށް ހުށަހެޅި ހުށަހެޅުމަށް އެ މަނިކުފާނު ފުރިހަމަ އަށް ތާއީދުކުރައްވާ ކަމަށެވެ. އެއީ ވަރަށް ރަނގަޅު އަދި ޕީޕީއެމްގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުންގެ ވެސް ތާއީދު އޮތް ކަމެއް ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުމެން ވަރަށް ގިނަ އަދަދެއްގެ މެމްބަރުންނާ ވާހަކަ ދައްކައި ތާއީދު ވަނީ ހޯދާފައި. ކުއްލިއަކަށް، މެމްބަރުން މިހާރަކު ނުއެއް ފެންނާނެ. ނަމަވެސް ވޯޓުން އެނގިވަޑައިގަންނަވާނެ ވަރަށް ރަނގަޅު އަޣުލަބިއްޔަތަކުން ފާސްވެގެންދާނެ. --މައުމޫން
ދައުލަތުގެ ތިން މުއައްސަސާގެ ތެރެއިން ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިއްމު މުއައްސަސާއެއް ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ ރައްޔިތުންނަށް ލިބެން ޖެހޭ ކުރިއެރުމާއި ތަރައްގީ ލިބޭނީ އެ މުއައްސަސާގެ ވާޖިބު ފުރިހަމަ އަށް އަދާކުރެވިގެން ކަމަށެވެ. ނަމަވެސް މަޖިލީހުން ކަންތައް ކުރަމުންދާ ގޮތުން މިހާރަކު އެ ފުރުސަތެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވާއިރު ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އަޑުއައްސަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މަޖިލީހުން ކަންތައް ކުރަމުންދާ ގޮތުން އެ ދައުރެއް ވެސް އަދައެއް ނުކުރެވޭ. ޖަލްސާތައް ބާއްވާއިރު ވެސް މެމްބަރުން ބޭނުންވާ ވަގުތެއް ނުދެއްވާ. ބަހުސްކުރާކަށް ވަގުތެއް ނުދެއްވައި އަމަލުކުރައްވަނީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ސިޔާސީ ފިކުރެއްގައި ކަމަށް ލަފާކުރެވެނީ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގެ އަޣުލަބިއްޔަތު ރައީސް ޔާމީނާ އެކު އޮތް ނަމަވެސް މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެއްވެ އެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ އަދަދެއްގެ މެމްބަރުންނާ ވާހަކަ ދައްކައި ތާއީދު ވަނީ ހޯދާފައި. ކުއްލިއަކަށް މެމްބަރުން މިހާރަކު ނުއެއް ފެންނާނެ. ނަމަވެސް ވޯޓުން އެނގިވަޑައިގަންނަވާނެ ވަރަށް ރަނގަޅު އަޣުލަބިއްޔަތަކުން ފާސްވެގެންދާނެ،" މައުމޫން ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އިސްކޮށް އުޅުއްވުމަށް ފަހު މައުމޫން މިއަދު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވަނީ ސަރުކާރުން ކުރިމަތިކޮށްފާނެ ބިރަކަށްޓަކައި ކަަމަށް ކުރާ ތުހުމަތަށް ރައްދު ދެއްވައި ވިދާޅުވީ "ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއް ދެކެ އަޅުގަނޑު ބިރެއް ނުގަނޭ" ކަމަށެވެ. އެ ދަތުރުފުޅަކީ އަނބިކަނބަލުންގެ ކޮއްކޯފުޅު އާލާސްކަންފުޅާ އުޅުއްވާތީ، ވަރަށް ކުރިއްސުރެން ހަމަޖައްސައި، ކުރައްވާ ދަތުރުފުޅެއް ކަމަށާއި "މިއަދަށް ދިމާވީ އިއްތިފާގަކުން" ކަމަށް ވިދާޅުވި އެވެ.
މައުމޫން ކާރުކޮޅުން ފައިބާވަޑައިގެން މީހަކާ ސަލާމްކުރައްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާއްމުވެފައިވާ ވާހަކަތަކާ ގުޅިގެން ވިދާޅުވީ ސިޔާސީ ކަންތައްތައް ވަމުންދާ ގޮތުން، "ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް ކަމަށް ގަބޫލުކުރަން ޖެހޭ" ކަމަށެވެ. ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތަކަކީ ވެސް ވެދާނެ ކަންކަން ކަމަށް އެއްވެސް މީހަކު ގަބޫލުނުކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހޮވާފައި މިހިރީ ޕީޕީއެމްގެ ރައީސެއް. އެހެން ނަމަވެސް އެ ރައީސް މި ކަންތައް ކުރައްވަނީ ޕީޕީއެމްގެ ޓިކެޓުގައި ވަޑއިގެން، ޕީޕީއެމްގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ އުސޫލްތަކާއި ފިކުރާ އެއްގޮތަކަށް ނޫން،" މައުމޫން ވިދާޅުވި އެވެ.
"ކޮންމެ ކަމެއް ވެސް ވެދާނެ، އަޅުގަނޑު ހުންނާނީ ސާބިތުކަމާ އެކު ދިވެހި ރައްޔިތުންނާ އެކު. ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމުގައި، ރައްޔިތުން ބޭނުންވާ ކުރިއެރުން ހޯދައިދިނުމުގައި."
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަކީ ފެށުމެއް، ކާމިޔާބުވާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ