ނަޝީދު އިންތިހާބީ މަރުކަޒަށް ވަޑައިގަތުމާ އެކު އިހުތިޖާޖުކުރާ ސަރަހައްދު ހޫނުވެއްޖެ

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުކޮށް، އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބު މަރުކަޒު ދޮށަށް އެއްވެ، އަޑުގަދަކުރަމުން ދަނިކޮށް އެ ސަރަހައްދަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭގޮތަށް އެމްޑީޕީގެ އިސްވެރިން ވަޑައިގަތުމުން، އެ ސަރަހައްދުގެ މަސްރަހު ހޫނުވެއްޖެ އެވެ.
އެ ސަރަހައްދުގައި ހުންްނަވައި، "މިހާރު" އަށް މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ހުށަހަޅާ ޝަކުވާތަކަށް ބެލުމަށް ފަހު ވޯޓު އަލުން ގުނަނީ ވަގުތީ ނަތީޖާ އިއުލާންކުރުމަށް ފަހު ކަމަށެވެ. އެކަމަކު ގާތްގާތުން ކެންޑިޑޭޓުންނަށް ވޯޓު ލިބިފައިވަނިކޮށް މިފަހަރު ވޯޓު އަލުން ގުނަން މަސައްކަތްކުރަނީ ވަގުތީ ނަތީޖާ އިއުލާންނުކޮށް ކަމަށް ސައީދު ވިދާޅުވި އެވެ.
އެކަމުގެ ކަންބޮޑުވުމާ ހުރެ މިއަދު އެ ސަރަހައްދަށް އެއްވާން ގަޑި ކިޔާފައިވަނިކޮށް ނަޝީދާއި އެމްޑީޕީގެ އިސްވެރިން އެ ސަަރަހައްދަށް ވަޑައިގަތުމަކީ މަސްލަހަތު ގެއްލުވާލަން ކުރެއްވި ކަމެއްގެ ގޮތުގައި ސައީދު ސިފަ ކުރައްވަ އެވެ.
އިންތިހާބީ މަރުކަޒަށް ރައީސް ނަޝީދު ވަޑައިގެންނެވިއިރު އެމަނިކުފާނާ އެކު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވެސް ހުންނެވި އެވެ.
އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް އީސީން ވޯޓު އޮޅުވާލިކަމުގެ ތުހުމަތު އިދިކޮޅުން ކުރަމުން އަންނަނިކޮށް އެ ސަރަހައްދަށް ނަޝީދު ވަޑައިގަތުމާއެކު އިދިކޮޅުގެ ސަޕޯޓަރުންގެ ބަހުގެ ހަމަލާތަކެއް ކުރިމަތިވި އެވެ. އަދި އެ ސަރަހައްދު ހޫނުވުމާއެކު ފުލުހުން ވަނީ އެއްވުމުގެ ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހާފައި ކަމަށް އެނގިފައިވެ އެވެ. އަދި އެސްއޯ ފުލުހުން ތިބީ އިންތިހާބީ މަރުކަޒުގެ ތެރެއަށް މީހުންނަށް ނުވަދެވޭ ގޮތަށް ގޭޓް ކައިރީ ސަފު އަތުރާލައިފަ އެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ލިބުނީ އިދިކޮޅަށެވެ. ވެރިކަން ކުރާ މައި ޕާޓީއަށް ކުރިން ތާއީދު އޮތް ބައެއް ދާއިރާތަކުގެ ގޮނޑިތައް ވެސް ވަނީ ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ